އަލްފާޟިލް ނުޢުމާން ޢުމަރު
ފިރުދައުސް ޅ. ހިންނަވަރު

ނުޢުމާން ޢުމަރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖޫން 1982 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު ވަޒީފާތަކެއް ނުޢުމާން އަދާކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ސިވިލް ވާރކްސް ޔުނިޓުގެ ކާޕެންޓަރ ކަމާއި، ސްކިލްޑް ޓެކްނީޝަން ކަމާއި، ޖޫނިއަރ ކާޕެންޓަރ ކަމާއި، ކާޕެންޓަރ ކަމާއި، ސީނިއަރ ކާޕެންޓަރ ކަމުގެ ވަޒީފާ ހިމެނެއެވެ. ނުޢުމާން ޢުމަރު މިހާރު ހުންނެވީ، ސިވިލް ވާރކްސްގެ އެސިސްޓެންޓް އިންޖިނިއަރގެ މަގާމުގައެވެ.

ނުޢުމާން ޢުމަރަކީ، ކުރައްވާ ކޮންމެ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ސްކިލްޑް ވާރކަރގެ މަގާމުން ކާޕެންޓަރގެ މަގާމަށް ބަދަލުވެވަޑައިގެން، ކުރައްވަންޖެހުނު ކާޕެންޓްރީގެ ހުރިހާ މަސައްކަތްތަކުގައްޔާއި، ފެލިވަރުގައި ކުރާ އަތްތެރިމަސައްކަތުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ބޭފުޅެއްވެސް މެއެވެ. އަދި ނުޢުމާން ޢުމަރަކީ ހުރިހާ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި، ޝައުޤުވެރިކަމާއެކު ކުރައްވައި ނިންމަވާ ބޭފުޅެކެވެ.

ނުޢުމާން ޢުމަރަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށާއި، އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ.

ނުޢުމާން ޢުމަރަކީ، ފެލިވަރުގެ އިންފްރާސްޓްރަކްޗަރއާ ބެހޭ ކަންކަން ބަލަހައްޓަވައި، ފެލިވަރުގެ އެކި ދާއިރާތަކަށް ބޭނުންވާ ފަރުނީޗަރާއި، ގޮނޑި، މޭޒު، އަލަމާރިފަދަ ތަކެތި ޖައްސަވައިދެއްވުމުގައި ނަމޫނާ ޚިދުމަތްތެރިއެކެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއިން ފެލިވަރަށް ބޭނުންވާ ތަފާތު މަސައްކަތްތައް ކުރެއްވުމުގައި ހީވާގިކަމާއެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. ތެދުއުއި ވަޑާމާއި، ކިއްސަރު ވަޑާން ފަދަ ހުނަރުވެރި މަސައްކަތްތައް ކުރައްވައި، ރޭނުމާއި، ތަށިމުށި ޖެހުންފަދަ މަސައްކަތްތައްވެސް ފެލިވަރުގައި ކުރައްވަމުން ގެންދަވައެވެ.

ފެލިވަރުގެ ވަޒީފާގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ނުޢުމާން ޢުމަރު ފާހަގަކުރެވިފައި ވަނީ، ހާޒިރީއަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ.