އަލްފާޟިލް އަޙްމަދު ޒަކަރިއްޔާ
ކަރަންކާވިލާ ހއ. ބާރަށް

އަޙްމަދު ޒަކަރިއްޔާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ރައްޔިތުންގެ މަޖިލިސް ކުރާގޭގެ ޕިޔޯނު ކަމުގެ ވަޒީފާގައި 28 އެޕްރީލް 1982 ގައެވެ. އަޙްމަދު ޒަކަރިއްޔާ މިހާރު ހުންނެވީ، ބާރަށު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ކާތިބު ކަމާއި، ބާރަށު ކުޑަކަތީބު ކަމާއި، ކަތީބުކަންވެސް އަޙްމަދު ޒަކަރިއްޔާ ކުރައްވައިފައި ވެއެވެ.

އަޙްމަދު ޒަކަރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ރައްޔިތުންގެ މަޖިލިސްކުރާ ގެއިން އެކިއެކި އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔުންތައް އޮފީސްތަކާ ހަވާލުކުރެއްވުމާއި، އޮފީސް ފޮޅައި ސާފުކުރެއްވުމާއި، އެކިއެކި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކަށް ތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.

ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ކާތިބު ކަމުގެ ވަޒީފާ، އަޙްމަދު ޒަކަރިއްޔާ އަދާކުރައްވަމުން ގެންދެވިއިރު، ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރާ މީހުންގެ ބަޔާންތައް ލިޔުއްވުމާއި، މައްސަލަތަކުގެ ރިޕޯޓް ލިޔުއްވުމާއި، ކަމާބެހޭ ފަރާތްތަކަށް މަހުން މަހަށް ފޮނުއްވަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރައްވައި ފޮނުއްވުމުގެ މަސައްކަތް އަޙްމަދު ޒަކަރިއްޔާ ކުރެއްވިއެވެ. އަދި ގޯތިގޯތީގެ އިން ވަކިކުރުމާއި، ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫ ކަންކަން ޙައްލުކޮށްދިނުމާއި، ބިދޭސީންނާއި، އަރުވައިލާ މީހުންނާއި، ފޮނުވައިލާ މީހުންނާއި، ގޭގައި ބަންދުކުރާ މީހުންގެ ކަންކަމާއި، ގޯތި ދޫކުރުމުގެ ކަންކަމާއި، ގޯތިތަކުގައި ހުންނަ މީސްމީހުންގެ ރުއްގަހަށް ބަދަލުދިނުމުގެ މައްސަލަތަކާއި އަދި މިނޫނަސް ވައްކަމާއި، މާރާމާރީ ހިންގުންފަދަ މައްސަލަތައް ތަޙުޤީޤު ކުރައްވައި، އިންޞާފު ހޯއްދަވައި ދެއްވުމުގެ މަސައްކަތް، އަޙްމަދު ޒަކަރިއްޔާ ހީވާގިކަމާއެކު ދިގު މުއްދަތެއް ވަންދެން ކުރައްވައިފައި ވެއެވެ.

އަޙްމަދު ޒަކަރިއްޔާ، ބާރަށު އޮފީހާއި ބާރަށު ކައުންސިލްގެ އިދާރާގައި، ކުޑަކަތީބު ކަމާއި، ކަތީބު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، އޮފީހުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް، އަޙްމަދު ޒަކަރިއްޔާ ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

އަޙްމަދު ޒަކަރިއްޔާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ބާރަށު އޮފީހާއި ކައުންސިލްގެ އިދާރާގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ކައުންސިލްގެ އިދާރާގެ އިދާރީ މަސައްކަތްތަކާއި، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތް އޮޅުންފިލުއްވައި ދެއްވައި، މަސައްކަތަށް އަހުލުވެރިކޮށްދެއްވައި، މަސައްކަތުގެ ތަޖުރިބާ ހޯދަން އަންނަ މީހުންނަށާއި، ސްކޫލްގެ ދަރިވަރުންނަށްވެސް އެކިއެކި ކަންކަން ކުރަންވީގޮތާއި، ކަންކަން ހިންގަމުން ގެންދާގޮތް އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ.