އަލްފާޟިލާ ފާޠިމަތު ސަލީމާ
ގ. ބީޗްނެސްޓް

1 މާރިޗު 1978 ގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވި ފާޠިމަތު ސަލީމާއަކީ، 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. 1982 ސެޕްޓެންބަރު 4 ވަނަ ދުވަހު ނަރސިންގ ސެޓުފިކެޓު ހާސިލު ކުރެއްވުމަށްފަހު، ދިގު މުއްދަތެއް ވަންދެން ފާޠިމަތު ސަލީމާ، ސެންޓްރަލް ހޮސްޕިޓަލްގައި ޚިދުމަތް ކުރެއްވިއެވެ. އެއަށްފަހު، ގިނަ ދުވަސްތަކެއް ވަންދެން ފާޠިމަތު ސަލީމާ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ އެސިސްޓެންޓް ނަރސްގެ ވަޒީފާވެސް އަދާކުރައްވައިފައި ވެއެވެ.

މީގެއިތުރުން، މާލޭ ޞިއްޙީ މަރުކަޒު އަދި ފަހުން ދަމަނަވެށީގެ އެކިއެކި މަގާމުތައް އަދާކުރެއްވުމަށްފަހު، 8 ޖޫން 2023 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ދަމަނަވެށީގެ އެންރޯލްޑް ނަރުހެއްގެ މަގާމުގައެވެ. ބަލިމީހުންނަށާއި އަދި ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް، އެންމެ ހިތްހަމަޖެހޭ ގޮތެއްގައި ދެމެހެއްޓެނިވި އިޚުލާޞްތެރި ޚިދުމަތެއް ދެއްވަމުން ގެންދެވުމަކީ، ސަލީމާ އެންމެ ކުރައްވާހިތްޕުޅުވާ މަސައްކަތެވެ. އަދި
މި މަސައްކަތުގެ ތެރޭގައި، ބަލިމީހުންނަށް ދެއްވަންޖެހޭ މުހިންމު މަޢުލޫމާތުތައް ދެއްވައިގެން، ބަލިމީހުން ހޭލުންތެރިކުރުވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ޚިދުމަތުގައި ފާޠިމަތު ސަލީމާއަށް އެންމެބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވަނީ، ޚިދުމަތް ދެއްވާ ބަލިމީހުންނަށް މާތްﷲގެ ވާގިފުޅާއެކު، ޝިފާ ލިބުމުންނެވެ.

ޚިދުމަތުގައި ހޭދަކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި، 1988ގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ޢުދުވާނީ ޙަމަލައިގެ ހަނދާންތައް ސަލީމާގެ ހިތްޕުޅުގައި މިހާރުވެސް ވަނީ ބިންވަޅު ނެގިފައެވެ. އެ ދުވަހު ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް އިމަރޖެންސީގައި ގެނައީ ސެންޓްރަލް ހޮސްޕިޓަލަށް ކަމަށްވުމުން، އެ ނާޒުކު ވަގުތު، ޚިދުމަތަށް ނުކުމެވަޑައިގެންނެވި މަދު ނަރުހުންގެ ތެރޭގައި، ސަލީމާ ހިމެނިވަޑައިގަތެވެ.
އެ ދުވަހުގެ ހަވީރު ޑިއުޓީއަށް ނުކުމެވަޑައިގެން، އެކިއެކި ޒަޚަމްތައް ލިބިގެން ފަރުވާ ހޯދުމަށް އައި ފަރާތްތަކަށް އެންމެ ފުރިހަމައަށް ޚިދުމަތް ދެއްވުމުގައި، ޖެހިގެން އައި ދުވަހުގެ ރޭ 12 ޖަހަންދެން އެއްވެސް ވަރުބަލިފުޅުވުމެއްނެތި ކުރެއްވި މަސައްކަތްޕުޅުތަކަކީ، ޤައުމީ ޚިދުމަތުގައި ސަލީމާ ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީއެކެވެ.

އެ ނުރައްކާތެރި، އެހާމެ ނާމާން ވަގުތު ނަރުހުންގެ ޚިދުމަތަށް ސަލީމާ ނުކުމެވަޑައިގަތީ، ނަރުހުންގެ ޚިދުމަތް ޤައުމަށް އެންމެ މުހިންމުވީ ވަގުތު، ޤައުމަށް ޚިދުމަތް ކުރެއްވުމުގެ މަތިވެރި ނިޔަތުގައެވެ. އެ ހިތްދަތި، ނާމާން އަދި ނުރައްކާތެރި ވަގުތުގައި، ތިއޭޓަރުން ބޭރުގައި، ވާރޑުގައިވެސް ނަރުހެއްގެ ގޮތުގައި، އެ ދުވަހު ހަވީރުން ފެށިގެން ރޭގަނޑުގެ ހުރިހާ ވަގުތެއްގައި، ބިރުވެރިކަމާއި ވަރުބަލިކަމާއެކު ސަލީމާ ކުރެއްވި ޚިދުމަތަކީ، ފާހަގަކޮށްލެވޭ، ވަރަށް ޚާއްޞަ ޚިދުމަތެކެވެ. ފެންނަމުންދިޔަ ހިތާމަވެރި ކަންކަމުން ހިތްދަތިވެ، ރޮވޭ ކޮންމެ ވަގުތަކު އިތުރަށް ހިތްވަރުލައްވައި، މިފަދަ ނުރައްކަލެއް ދިމާނުވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، ސަލީމާ ގެންދެވީ، އިޚުލާޞްތެރި ކަމާއި ހިތްވަރާއެކު ޚިދުމަތް ކުރައްވަމުންނެވެ.

ސަލީމާ ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، 3 ނޮވެންބަރު
1991 ގައި ސަލީމާއަށް ވަނީ ޝަރަފުގެ ހަނދާނީ ލިޔުމެއް އަރުވައިފައެވެ.