އަލްފާޟިލް ޢަބްދުﷲ ނަޢީމް
މަނަސް ހއ. އުތީމު

ޢަބްދުﷲ ނަޢީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހއ.އުތީމު އޮފީހުގައި 1 އެޕްރީލް 1979 ގައެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އުތީމު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އުތީމު އޮފީހުގެ ކާތިބު ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ އިތުރުން، އުތީމު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުވެސް އަދާކުރެއްވިއެވެ. މީގެއިތުރުން، ޢަބްދުﷲ ނަޢީމް އަމިއްލައަށް އިސްނަންގަވައިގެން ވޮލަންޓިއަރެއްގެ ގޮތުގައި އުތީމު އިންޖީނުގޭގައި ވިދިވިދިގެން ތިން އަހަރު ވަންދެން އުޖޫރައެއް ނުލިބޭގޮތަށް މަސައްކަތް ކުރައްވައި، އެ ތާނގައިވެސް 7 އަހަރު ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ނަޢީމް، އުތީމު އޮފީހުގައްޔާއި، އުތީމު ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރެއްވިއިރު، އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި، ގޭގޭގެ މީހުންގެ ރަޖިސްޓަރީއާއި، ވިހާ މަރުވާ މީހުންގެ ރަޖިސްޓަރީއާއި، އުފަންދުވަހުގެ ސެޓްފިކެޓާއި، އޮޑިދޯނިފަހަރުގެ ރަޖިސްޓަރީއާއި، ދުވަހު ޔައުމިއްޔާއާއި، މުވައްޒަފުންގެ މުސާރަ ޝީޓާއި، ދައުލަތުގެ އެހެން އިދާރާތަކަށް ފޮނުއްވަންޖެހޭ މެސެޖާއި، ސިޓީފަދަ މުހިންމު ލިޔެކިޔުންތައް ފަރުވާތެރިކަމާއެކުގައި އަތުން ލިޔުއްވައިފައި ވެއެވެ.

އުތީމު އޮފީހާއި، އުތީމު ކައުންސިލްގެ އިދާރާގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، އުތީމު އޮފީހާއި، ކައުންސިލުން ހިންގި މަޝްރޫޢުތަކާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްވެސް ވަރަށް ފަރުވާތެރިކަމާއެކުގައި ޢަބްދުﷲ ނަޢީމް ކުރައްވައިފައި ވެއެވެ.

މީގެއިތުރުން، އުތީމަކީ، ތާރީޚީ ރަށަކަށްވާތީ، ރަށަށް ޒިޔާރަތްކުރާ ސަރުކާރުގެ ވަފުދުތަކަށް މެހުމާންދާރީ އަދާކުރުމުގެ ގޮތުން ކުރައްވަންޖެހޭ މަސައްކަތްތައްވެސް ޢަބްދުﷲ ނަޢީމް ކުރައްވައިފައި ވެއެވެ. ހަމައެއާއެކު، އުތީމަކީ ޤައުމީ ބަޠަލު ކަމުގައިވާ މުޙައްމަދު ތަކުރުފާނުގެ ޒިކުރާ އާކުރުމުގެ ގޮތުން އަތޮޅު ނުވަތަ ޤައުމީ ފެންވަރުގައި ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ފާހަގަކުރާ ރަށަކަށްވާތީ، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައިވެސް ޢަބްދުﷲ ނަޢީމް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ޢަބްދުﷲ ނަޢީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، މުވައްޒަފުންނަށް ތަމްރީނު ދެއްވުމުގެ އިތުރުން، އޮފީހުން ކުރާ އެކިއެކި މަސައްކަތްތައް ކުރަންވީގޮތާއި، މަސައްކަތް ހިނގަމުން ގެންދާ ގޮތް އޮޅުންފިލުއްވައި ދެއްވައި، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.

ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވިއިރު، ޢަބްދުﷲ ނަޢީމް ފާހަގަކުރެވިފައި ވަނީ، ހާޒިރީއަށް ފަރުވާތެރި، އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.