އަލްފާޟިލް ޢަބްދުﷲ ޝަރީފް
މ. އެކޯ

ޢަބްދުﷲ ޝަރީފް، 1965 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ވުޒާރަތުއްދާޚިލިއްޔާގެ ވިޔަފާރި މިއަދުގެ އިދާރާގެ ވަގުތީ 2 ނަންބަރު ކާތިބުގެ ވަޒީފާއިންނެވެ. އެތާނގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ސްޓެންސިލް ލިޔުއްވުމުގެ މަސައްކަތެވެ. އެއަށްފަހު، 25 ޑިސެންބަރު 1968 ގައި، ޕްރިންޓިންގ ޑިވިޜަންގެ ސްޓެންސިލް ލިޔާ ކާތިބުގެ މަގާމަށް ބަދަލުކުރެއްވިއެވެ. އަދި
1 މާރިޗު 1970 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ވިޔަފާރި މިއަދުގެ އިދާރާ"ގެ 1 ނަންބަރު ކާތިބުގެ މަގާމަށް ބަދަލުކުރެއްވިއެވެ. ހަތަރު މަހެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު އަލުން، ޕްރިންޓިންގ ޑިވިޜަންގެ 1 ނަންބަރު ކާތިބު ކަމުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އެ ޑިވިޜަނުގައި ކުރެއްވީ، ސަރުކާރުން ނެރުއްވި "ވިޔަފާރި މިއަދު" ނޫހުގެ މަސައްކަތެވެ.

27 ޖުލައި 1970ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 1 ނަންބަރު ކާތިބުކަމުގެ ވަޒީފާއަށް ބަދަލުކުރެއްވުމަށްފަހު، އެ އޮފީހުގައި ދެ އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ޕްރައިމް މިނިސްޓަރު އޮފީސް އުފެއްދެވުމާއެކު، އެ އޮފީހުގެ 1 ނަންބަރު ކާތިބުކަމުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އެ އޮފީހުގައި ފައިސާއާބެހޭ މަސައްކަތްތައް ބަލަހައްޓަވައި، އަރުވާލައިފައިވާ މީހުންނާއި، ބަންދުކޮށްފައި ތިބޭ މީހުން ހުށަހަޅާ ޝަކުވާގެ މައްސަލަތަކާއި، އަމިއްލަ މީހުން ހުށަހަޅާ ޝަކުވާގެ ސިޓީތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތް ޢަބްދުﷲ ޝަރީފް ކުރެއްވިއެވެ.

21 އެޕްރީލް 1975 ން ފެށިގެން 24 ނޮވެންބަރު 2008 ގައި ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ޢަބްދުﷲ ޝަރީފް ޚިދުމަތް ކުރައްވަމުން ގެންދެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ބަޖެޓް އެންޑް ޕްރޮޕަރޓީ މެނޭޖްމަންޓް ސެކްޝަން ހިންގެވުމާ ހަވާލުވެވަޑައިގެން، އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައެވެ.

ޢަބްދުﷲ ޝަރީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެކި މަގާމުތަކުގައްޔާއި، އިސްވެރިންގެ ފެންވަރުގެ މަގާމުތަކުގައި ހުންނަވައިގެން ދިގު މުއްދަތަކަށް އެ އޮފީހަށް ޚިދުމަތް ކުރެއްވިއެވެ. އެގޮތުން، އެ އޮފީހުގެ ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް ޓު ދަ އެގްޒެކެޓިވް ސެކްރެޓެރީ ކަމާއި، ޕްރެޒިޑެންޝަލް އެއިޑް ކަމާއި، ސީނިއަރ ޕްރެޒިޑެންޝަލް އެއިޑް ކަމާއި، ޑިރެކްޓަރ، މެނެޖްމަންޓް ސަރވިސަސް ކަމާއި، ޑިރެކްޓަރ ޖެނެރަލް، މެނޭޖްމަންޓް ސަރވިސަސް ކަމާއި، ޑިރެކްޓަރ ޖެނެރަލް، މެއިންޓެނަންސް ސަރވިސަސް ކަމާއި، ޑިރެކްޓަރ ޖެނެރަލް، ޕްރޮޕަރޓީ މެނޭޖްމަންޓް ކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ޢަބްދުﷲ ޝަރީފް ހޭދަކުރެއްވި 34 އަހަރަށްވުރެ ދިގު މުއްދަތުގައި، އެންމެ ފުރަތަމަ ކުރެއްވީ، ސަރުކާރުގެ އޮފީސްތަކުގެ ފައިސާއާބެހޭ މަސައްކަތްތަކާއި، އިދާރީ ކަންތައްތައް ހިންގެވުމުގެ މަސައްކަތެވެ. ދިގު މުއްދަތަކަށް މެނޭޖްމަންޓް ސަރވިސަސް، ފައިސާއާބެހޭ ސެކްޝަނާއި، ބަޖެޓް އެންޑް މެއިންޓަނަންސް ސެކްޝަނާއި، ބަޖެޓް އެންޑް ޕްރޮޕަރޓީ މެނޭޖްމަންޓް ސެކްޝަން ހިންގެވުމާ ހަވާލުވެވަޑައިގެން މަސައްކަތް ކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އައު އިމާރާތް ހެދުމުގެ މަސައްކަތް ހަވާލުކުރައްވާނެ ފަރާތެއް ކަނޑައެޅުއްވުމާ ބެހޭ މަޝްވަރާތަކާ ހަމައިން ފެށިގެން އެ އިމާރާތް ހުޅުވުމާ ހަމައަށް ޢަބްދުﷲ ޝަރީފް ގިނަ ވަގުތު ހޭދަކުރައްވައިގެން، ހުރިހާ ކަމެއް ވަރަށް ގާތުން ބައްލަވައިފައި ވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ޙަފުލާތަކާއި، އޮފީހުގެ އިޖުތިމާޢީ ކުލަބުގެ ފަރާތުން ބާއްވާ ޙަފުލާތައް އިންތިޒާމު ކުރުމުގައްޔާއި، އޮފީހުގެ ފަރާތުން ބާއްވާ ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގައި ޢަބްދުﷲ ޝަރީފް އަދާކުރެއްވި ދައުރު ވަރަށްބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާއިރު، ޢަބްދުﷲ ޝަރީފް ފާހަގަކުރެވިފައި ވަނީ، ވަރަށް ހަރުދަނާ އަދި އެހެންމެ، ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތްތަކެއް ކޮށްދެއްވި، މަސައްކަތްތައް ހިންގެވުމުގައި ވަރަށް ހީވާގި، ހުރިހާ އުމުރެއްގެ މުވައްޒަފުންނާވެސް ގުޅިގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި، އަމިއްލަ ދިރިއުޅުއްވުމުގެ ކަންތައްތަކަށްވުރެ އޮފީހުގެ މަސައްކަތްތަކަށް އިސްކަންދެއްވައިގެން، ގިނަ ވަގުތު އޮފީހުގެ މަސައްކަތުގައި ހޭދަކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޢަބްދުﷲ ޝަރީފް ފާހަގަކުރެވިފައި ވަނީ، ވަގުތަށް ކަމޭހިއްތަވައިގެން، ކޮންމެ މަސައްކަތެއްވެސް ޒިންމާދާރުކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރޭވުންތެރިކަމާއި، ޝައުޤުވެރިކަމާއެކު ކުރައްވައިފައިވާ، އޮފީސް ދާއިރާގައި މަސައްކަތުގެ އަޚްލާޤު ހިފެހެއްޓެވި، މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ. ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށްހިއްތެވި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސުލްޖުމްހުރިއްޔާ ހަވާލުކުރައްވާ ޚާއްޞަ މަސައްކަތްތަކަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 34 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުﷲ ޝަރީފަށް ވަނީ އެކަމުގެ ހަނދާނީ ފިލާ، 2022 ވަނަ އަހަރު އަރުވައިފައެވެ.