އަލްފާޟިލް އިސްމާޢީލް ޝަފީޤު
ގ. ތުނަ

އިސްމާޢީލް ޝަފީޤަކީ، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ، އަދި ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވައި، އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.

ދައުލަތުގެ ޚިދުމަތް އިސްމާޢީލް ޝަފީޤު ފެށްޓެވީ، 24 ޑިސެންބަރު 1970 ގައި، މޯލްޑިވިއަން ގަވަރންމަންޓް ބޮޑު އިސްޓޯރުގެ 1 ނަންބަރު ކާތިބު ކަމުގެ މަގާމުންނެވެ. އެ މަގާމުގައި މަސައްކަތް ކުރެއްވީ، އަތިރީމާފަންނުގޭ ޓްރޭޑިންގ އޭޖެންސީގައެވެ. އަދި އެ އޭޖެންސީގެ ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ދައުލަތުން ރޯމަސް ވިއްކުމުގެ މަޝްރޫޢެއް ފަށްޓަވަން ބޭނުންފުޅުވެގެން، އެ މަސައްކަތް ކުރުމަށް ކަނޑުމަތީގައި އުޅެން ކެރޭނެ ބަޔަކު، އެ އޭޖެންސީއިން ހޯއްދަވަން ފެށްޓެވުމާ ގުޅިގެން، އެކަމަށް އަމިއްލަފުޅަށް އިސްނެންގެވި ބޭފުޅުންގެ ތެރޭގައި، އިސްމާޢީލް ޝަފީޤު ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން މަސައްކަތް ކުރެއްވީ، އެމް.ޖީ.ބީ.އެސް. 21 ނަންބަރުގެ ކަލެކްޓިންގ ވެސަލް ނަންބަރު 2ގެ އިނގިރޭސި ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން އެކި މަގާމުތަކުން ކުރިއެރުން ލިބިވަޑައިގެން، މިކަމުގައި ދެމިހުންނަވާނެ ކަމަށް ޝަފީޤު ވިދާޅުވި މުއްދަތު ހަމަވިއިރު އަދާކުރެއްވީ، ސ. ބޮޑުއިސްޓޯރުގެ ޚަޒާންދާރުގެ އެހީތެރިޔާ ކަމުގައެވެ. އެހިސާބުން އަލުން އަތިރީމާފަންނުގޭ ޓްރޭޑިންގ އޭޖެންޓްގެ ސެކްރެޓެރީ ކަމަށް ބަދަލުކުރެއްވިއެވެ.

ދައުލަތުގެ ޚިދުމަތުގައި އިސްމާޢީލް ޝަފީޤު ހޭދަކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި، ތަފާތު ފެންވަރުގެ އެކި މަގާމުތައް ވަނީ ފުރުއްވައިފައެވެ. އޭގެތެރޭގައި، ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލްގެ ވަކީލު ކަމާއި، އެއަރ މޯލްޑިވްސްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ. އެއަރ މޯލްޑިވްސްގައި ޚިދުމަތް ކުރެއްވިއިރު، ދައުލަތުން ގެންނެވި ޝޯޓްސް ސްކައިވޭން މަތިންދާބޯޓު ބޭނުންކޮށްގެން ފުރަތަމަފަހަރަށް އެއަރ މޯލްޑިވްސްގެ ނަމުގައި ޑޮމެސްޓިކް ޤައުމީ އެއަރލައިނެއްގެ މަސައްކަތް، 1980ގެ ތެރޭގައި ފަށައި، ތާވަލުކޮށްގެން ފުރަތަމަފަހަރަށް ސ. ގަމަށް ވައިގެ ދަތުރުފަތުރުތައް ފަށްޓަވައިދެއްވީވެސް އިސްމާޢީލް ޝަފީޤު އެއަރ މޯލްޑިވްސްގެ ވެރިޔަކަށް ހުންނަވައިގެންނެވެ.

އިސްމާޢީލް ޝަފީޤު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ސިވިލްއޭވިއޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ، އެއަރ ޓްރާންސްޕޯޓްގެ މަގާމު ހިމެނެއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޑެޕިއުޓީ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމާއި، މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

އިސްމާޢީލް ޝަފީޤަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕާރމަނަންޓް ސެކްރެޓެރީގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.

ޝަފީޤަކީ، އޭވިއޭޝަންގެ ރޮނގުންނާއި، ފައިނޭންސް އެންޑް މެނޭޖްމަންޓްގެ ރޮނގުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މި ދެންނެވި ރޮނގުތަކުން ޚިދުމަތް ކުރެއްވި ދާއިރާތަކުގެ ހިންގުމަށާއި ކުރިއެރުމަށް ވަރަށް މުހިންމު ހިއްސާއެއް ވެދެއްވައިފައިވާ ބޭފުޅެކެވެ. 15 ޖަނަވަރީ 1998ގައި، އޭރުގެ ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އިސް ބޭފުޅެއްގެ ގޮތުން ކޮށްދެއްވި ޚިދުމަތްތަކާއި އަދި ފަހުން ސަރުކާރުން ބޭރުގެ ކޮންސަލްޓަންޓެއް ގެންނަވައިގެން، ޓެކްސޭޝަނާ ބެހޭ ބިލު އެކުލަވައިލުމުގެ މަސައްކަތް ކުރެއްވިއިރު، އެކަމަށް އެންމެބޮޑު އެހީތެރިކަމެއް ވެދެއްވި ބޭފުޅަކީ އިސްމާޢީލް ޝަފީޤެވެ.

އިސްމާޢީލް ޝަފީޤަކީ، ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން، ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅުވެރިކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. 12 ޖޫން 1993 ން ފެށިގެން 20 ފެބުރުވަރީ 1995ގެ ނިޔަލަށް އަތޮޅުވެރިކަން ކުރެއްވިއިރު، އެ އަތޮޅުގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތްތަކެއް ވަނީ ކޮށްދެއްވައިފައެވެ. އިސްމާޢީލް ޝަފީޤަކީ، ދައުލަތުން އުފެއްދެވި ތަފާތު ބޯޑުތަކުގައިވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން، އެކި ބޯޑުތަކުގެ ޗެއަރމަން ކަމާއި، ބޯޑު ޑިރެކްޓަރުކަން ކުރައްވައިފައި ވެއެވެ.

1990 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ސާރކް ސަމިޓްގެ ފައިސާއާ ބެހޭ އެންމެހައި ކަންކަން ވަރަށް ހަރުދަނާ ގޮތެއްގައި، އެއްވެސް މައްސަލައެއް ނުޖެހި އިސްމާޢީލް ޝަފީޤު ބަލަހައްޓަވައި ދެއްވިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. އަދި 1997 ވަނަ އަހަރު ރާއްޖޭގައި ބޭއްވެވި 2 ވަނަ ސާރކް ސަމިޓުގެ ފައިނޭންޝަލް ކޯޑިނޭޓަރުކަންވެސް ސަރުކާރުން އެދިވަޑައިގަތުމުން، އިސްމާޢީލް ޝަފީޤު ވަރަށް ފުރިހަމައަށް ކޮށްދެއްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އިސްމާޢީލް ޝަފީޤު، ދައުލަތަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހެން ޚިދުމަތްތަކުގެ ތެރޭގައި، ސަރުކާރަށް ޓައިޕިސްޓުން ލިބުން ދަތިވުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަންގަވައިގެން، 1971 ވަނަ އަހަރު ހިންގަވަން ފެށްޓެވި ޓައިޕިންގ ކުލާސްތައް ހިންގަވައި ދެއްވައި، 3 ބެޗުން 70 ޓައިޕިސްޓުން ތަމްރީނުކޮށްދެއްވިއެވެ. މީގެއިތުރުން، ދައުލަތުން ދިވެހި ޓައިޕްރައިޓަރު އުފެއްދެވުމަށް ނިންމަވައި އެކުލަވައިލެއްވި ކޮމިޓީގެ މެންބަރުކަންވެސް އިސްމާޢީލް ޝަފީޤު ކުރެއްވިއެވެ. ޓައިޕްރައިޓަރ އުފެއްދެވުމަށްފަހު ރާއްޖެއަށް ގެންނެވުމާއެކު، ތާނަ ޓައިޕްކުރަން ދަސްކޮށްދޭން ސަރުކާރުން އެދިވަޑައިގަތުމާ ގުޅިގެން، ނުރަސްމީ ތަޢުލީމުދޭ ބައިގެ މުދައްރިސެއްގެ ގޮތުގައި ހުންނެވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ތާނަ ޓައިޕްކުރަން ދަސްކޮށްދެއްވައިފައި ވެއެވެ. މި މަސައްކަތުގެ އަމާޒަކީ، ކުށްނުލައި ވަކި ސްޕީޑެއްގައި ރަނގަޅަށް ޓައިޕްކުރަން އެނގުމާއެކު، ތަފާތު ސިޓީތައް ހުންނަންޖެހޭ ގޮތަށް ކުށްނުލައި ޓައިޕް ކުރުމާއި، ތަފާތު ރިޕޯޓުތަކާއި ތާވަލުތައް ރަނގަޅަށް ޓައިޕްކުރަން ދަސްކޮށްދެއްވުމެވެ.

އިސްމާޢީލް ޝަފީޤަކީ، ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނަށްވެސް ވަރަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ސްކައުޓް އެސޯސިއޭޝަންގެ ސްކައުޓް ކައުންސިލްގައި 17 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި، ހެޑްކުއަރޓަރ ކޮމިޝަނަރ ކަމާއި، އެސިސްޓެންޓް ޗީފް ކޮމިޝަނަރ ފޮރ ސްކައުޓްސް ކަމާއި، ޑެޕިއުޓީ ޗީފް ކޮމިޝަނަރކަން ކުރައްވައިފައި ވެއެވެ. ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރކަން، 1998 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 5 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވިއެވެ. އަދި ސްކައުޓް އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓް ކަމާއި، ޕްރެޒިޑެންޓްކަންވެސް އިސްމާޢީލް ޝަފީޤު ކުރެއްވިއެވެ. އިސްމާޢީލު ޝަފީޤު، ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ތަފާތު ގިނަ އެވޯޑްތަކެއް، ރާއްޖެއާއި ރާއްޖެއިން ބޭރުން އިސްމާޢީލް ޝަފީޤަށް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، ރާއްޖޭގެ ސްކައުޓް ހަރަކާތަށް ކޮށްދެއްވައިފައިވާ މަތިވެރި ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން، ދިވެހި ސްކައުޓް ހަރަކާތުގެ އެންމެ މަތީ ޝަރަފް، "ސިލްވަރ ޓޫނާ" ލިބިވަޑައިގެންފައި ވެއެވެ.

އިސްމާޢީލް ޝަފީޤަކީ، ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން، 1980ގެ ތެރޭގައި، އަލުން އަވަށު ރޫޙު އާލާކުރެއްވުމަށް އެކުލަވައިލެވުނު އަވަށު ކޮމިޓީތަކާ ހަމައިން ފެށިގެން ފަހަކާ ޖެހެންދެންވެސް، ގަލޮޅު އަވަށުން ކުރެއްވި މަސައްކަތްތަކާއި، ހިންގެވި ހުރިހާ ހަރަކާތެއްގައި އެންމެ ފުރިހަމައަށް، ޢަމަލީގޮތުންވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.