މިސިޒް މާނެލް ޑިސިލްވާ
(ސްރީލަންކާ)

ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މިސިޒް މާނެލް ޑިސިލްވާއަކީ، ދިވެހި ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި، އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ރާއްޖޭގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ މަގާމުގައި 23 ފެބުރުވަރީ 1971 ގައެވެ. މާނެލް ޑިސިލްވާގެ ޚާއްޞަ ފަންނަކީ، މިޔުޒިކް ކަމަށްވުމުން، އެ ސްކޫލްގައި ޚިދުމަތް ކުރައްވަމުން ގެންދެވީ، މިޔުޒިކް ޓީޗަރެއްގެ ގޮތުގައެވެ. އެގޮތުން، އަމީނިއްޔާ ސްކޫލްގެ ސިންގިންގ ޓީޗަރު ކަމާއި، މިޔުޒިކް ޓީޗަރުކަން ކުރެއްވިއެވެ. 31 މޭ 2013 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ޢިމާދުއްދީން ސްކޫލްގެ މިޔުޒިކް ޓީޗަރުގެ މަގާމުގައެވެ. ވަކިވެވަޑައިގެންނެވިއިރު 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

މިސިޒް މާނެލް ޑިސިލްވާއަކީ، އޭރު ރާއްޖޭގެ ތަޢުލީމީ ޙާލަތު އޮތްގޮތް ވަރަށް ގާތުން ތަޖުރިބާ ކުރެއްވި ބޭފުޅެކެވެ. ރާއްޖެއަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ، މާނެލް ޑިސިލްވާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެކެވެ. އަދި ރާއްޖޭގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، އެކަމަށް ހިތްޕުޅުގައި އޮތް ވަރަށްބޮޑު ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ.

މިސިޒް މާނެލް ޑިސިލްވާއަށް ތަޖުރިބާ ކުރެއްވުނީ، ރާއްޖޭގައި ކިޔަވާ ކުދިންނަކީ، މުދައްރިސުންނަށް އިޙްތިރާމުކުރާ، މުދައްރިސުން ދެކެ ލޯބިވާ އަދި ކުރިއަށްދިޔުމަށް ހިތްވަރުކުރާ ދަރިވަރުންގެ ގޮތުގައެވެ. މިއަދު ސަރުކާރުގައިވެސް އަދި ރާއްޖޭގެ ޕްރައިވެޓް ބައެއް އެހެން ތަންތަނުގައިވެސް އިސް މަގާމުތަކުގައި ތިއްބެވި އަންހެން ބޭފުޅުންނަކީ، މާނެލް ޑިސިލްވާގެ ދަރިވަރުން ކަމަށްވުމީ، މާނެލް ޑިސިލްވާއަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފަލެކެވެ.

އަމީނިއްޔާ ސްކޫލްގައި އަދި ފަހުން ޢިމާދުއްދީން ސްކޫލްގައި ކިޔަވައި ދެއްވަމުން ގެންދެވިއިރު، ދަރިވަރުންނާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް މާނެލް ބެހެއްޓެވިއެވެ. އޭރު މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެކިއެކި ކުޅިވަރު އައިޓަމްތަކުގައި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވާއިރު، އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނާއި، ޢިމާދުއްދީން ސްކޫލްގެ ދަރިވަރުން، އެ އައިޓަމްތަކަށް ތައްޔާރުކޮށްދެއްވުމުގައި މާނެލް އަދާކުރައްވައިފައިވާ ދައުރު ހަނދާންކޮށްލަން ޖެހެއެވެ. މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އެކި އަހަރުތަކުގައި ފަނަރަވަރަކަށް އައިޓަމް މާނެލް ތައްޔާރުކޮށްދެއްވައިފައި ވެއެވެ. އަދި ޓެލެވިޜަން މޯލްޑިވްސްއިން ބާއްވަވަމުން ގެންދެވި ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކުގައި އަމީނިއްޔާ ސްކޫލުންނާއި، ޢިމާދުއްދީން ސްކޫލުން ބައިވެރިވި ދަރިވަރުން އެ މުބާރާތްތަކަށް ތައްޔާރުކޮށްދެއްވުމަށް މާނެލް ކުރެއްވި މަސައްކަތްޕުޅާއި، އެ މުބާރާތްތަކުން އެ ދެ ސްކޫލުގެ ދަރިވަރުން މަތީ ވަނަތައް ހޯދުމުގައި މާނެލްގެ ހިއްސާއާއި ދައުރު ވަރަށް ބޮޑުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

1972 ވަނަ އަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހު، އޭރުގެ އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު II، އަމީނިއްޔާ ސްކޫލަށް ޒިޔާރަތް ކުރެއްވުމުން، އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ހުށަހެޅި މަރުޙަބާގެ ލަވައާއި މިޔުޒިކް ތައްޔާރުކޮށްދެއްވީ، މިސިޒް މާނެލް ޑިސިލްވާއެވެ. އެއީ، މާނެލްގެ ޙަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި އެއް ދުވަސް ކަމާއި، އެންމެ އުފާވެރި ވަގުތުކޮޅުކަން މާނެލް މިއަދުވެސް ފާހަގަކުރައްވައެވެ. އަދި މާނެލްގެ މި މަސައްކަތަށް އިނގިރޭސިވިލާތުގެ ރާނީ ވަރަށްބޮޑަށް ތަޢުރީފް ކުރައްވައި، އެކަމަށް ހިތްވަރު ދެއްވިކަން އެއީ، މާނެލްގެ ހަނދާނުން ފޮހެނުލެވޭނެ މާޒީއެވެ.

ވަޒީފާއިން ވަކިވެވަޑައިގެންނެވިތާ 10 އަހަރު ފަހުން މިއަދު ދިވެހި ދައުލަތުން މިސިޒް މާނެލް ޑިސިލްވާގެ ޚިދުމަތް ވަޒަންކުރައްވައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަރުވާކަން އެއީ، މާނެލްއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. މިފަދަ ޝަރަފެއް ލިބިވަޑައިގެންފާނެ ކަމަކަށް މާނެލް ދުވަހަކުވެސް އުންމީދެއް ނުކުރައްވައެވެ.