އަލްފާޟިލް ޙަސަން ރަޝީދު
ދޫނިގެ ތ. ވޭމަންޑޫ

ޙަސަން ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1979 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ، ވޭމަންޑޫ އޮފީހުގެ ކާތިބު ކަމުގެ ވަޒީފާގައެވެ.

ޙަސަން ރަޝީދު ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާނގެ މުދައްރިސް ކަމާއި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރ ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރ ކަމާއި، ސްކޫލް ސުޕަވައިޒަރ ކަމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރ ކަމާއި، ލީޑިންގ ޓީޗަރ ކަމާއި އަދި ޓީޗަރ (ދިވެހި)ގެ މަގާމުވެސް ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކުގައި އަދާކުރެއްވިއެވެ. އަދި މިހާރުވެސް ޙަސަން ރަޝީދަކީ، ވޭމަންޑޫ ސްކޫލްގެ ޓީޗަރ (ދިވެހި)ގެ މަގާމުގެ އިތުރުން، ލީޑިންގ ޓީޗަރ ކަމުގެ ޒިންމާވެސް ވަރަށް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޙަސަން ރަޝީދަކީ، ވޭމަންޑޫ ސްކޫލްގެ ފުރަތަމަ ޓްރޭނިންގ ޓީޗަރުވެސް މެއެވެ.

ޙަސަން ރަޝީދަކީ، ޓައިމްޓޭބަލްގައިވާ ގޮތުގެ މަތިން ކުލާހަށް ހާޒިރުވެވަޑައިގެން ފަރުވާތެރިކަމާއެކު ކިޔަވައިދެއްވައި، މާއްދާތަކަށް ލެސަން ޕްލޭނާއި ސްކީމްތައް ތައްޔާރުކުރައްވައި އަދި ދަރިވަރުންގެ ރެކޯޑު ލިޔުއްވައި ފުރިހަމައަށް ބަލަހައްޓަވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ޙަސަން ރަޝީދަކީ ހަވާލުކުރެވިފައިވާ ޓީޗަރުންގެ މަސައްކަތްތައް، ގާތުން ބައްލަވައި، ޓީޗަރުންނަށް ދޭންޖެހޭ ފީޑްބެކް ދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ. އަދި ދުވަހުން ދުވަހަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހަޅުއްވައި، ޓީޗަރުންގެ މަސައްކަތް ގަވާއިދުން އޮބްޒަރވް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ލިބިވަޑައިގެންފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ސްކޫލްގެ އެހެން މުވައްޒަފުންނަށްވެސް ޙަސަން ރަޝީދު ކަންކަން އޮޅުންފިލުއްވައިދެއްވައި، ވޭމަންޑޫ ސްކޫލާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ސްކޫލްގެ ޕޮލިސީތަކާއި، ސިވިލް ސަރވިސްގެ ގަވާއިދުތައް އަންގަވައި ދެއްވައި، ޓީޗަރުންނަށް ދިމާވާ ކަންތައްތައް ޙައްލުކުރެއްވުމުގައިވެސް ވަރަށް އިސް ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. އަދި ސްކޫލްގެ އެކި ކަންކަމަށް ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި ސުޕަރވިޜަން، ގައިޑްލައިންގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޓީޗަރުން ޢަމަލުކުރަމުން ގެންދޭތޯ ބައްލަވައި، އެ ކަންކަން، އިސްވެރިޔާއާ ޙަސަން ރަޝީދު ހިއްސާ ކުރައްވަމުން ގެންދަވައެވެ. އަދި ކަންކަން ތަންފީޒު ކުރުމުގައި ލީޑިންގ ޓީޗަރެއްގެ ޒިންމާ އުފުއްލަވައިގެން، އެޗް.އޯ.ޑީ.އިންނަށާއި، ސްކޫލްގެ އެހެނިހެން ވެރިންނަށް ޙަސަން ރަޝީދު އެއްބާރުލުން ދެއްވަމުން ގެންދަވައެވެ. ޙަސަން ރަޝީދަކީ، ފައިސާއާއި އިދާރީ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވާ ބޭފުޅެއްވެސް މެއެވެ.