އަލްފާޟިލް އާދަމް ޝަރީފް
ނާރެސް ގދ. ތިނަދޫ

އާދަމް ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ނޯދަން ގްރޫޕްގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާގައި 6 ޑިސެންބަރު 1978 ގައެވެ. އޭގެފަހުން މެދުނުކެނޑި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ހުންނަވައިގެން، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 1 އެޕްރީލް 2021 ގައެވެ.

އާދަމް ޝަރީފް، ސިވިލް ސަރވިސްގެ ޚިދުމަތުގައި 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައްޔާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގައި 2 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރެއްވީ، ފައިސާއާބެހޭ މަސައްކަތްތަކެވެ.

އާދަމް ޝަރީފަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައްޔާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވިއިރު، އެތާނގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް ތިނަދޫ ކެމްޕަސްގެ މެނޭޖަރެއްގެ ހައިސިއްޔަތުން ކެމްޕަސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީވެސް އާދަމް ޝަރީފެވެ.

ސަރުކާރުން ޓޫރިޒަމް ޓެކްސް ނަންގަވަން ފެށްޓެވީ އާދަމް ޝަރީފް، ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގައި މަސައްކަތް ކުރައްވަން ފެށްޓެވި ދުވަސްވަރުގައި ކަމަށްވުމުން، ޓެކްސް ނެގުމާބެހޭ އިދާރީ އެންމެހައި ކަންކަން، ވެރިންގެ ލަފާގެ މަތިން އިންތިޒާމު ކުރެއްވުމުގައި އާދަމް ޝަރީފް އިސް ދައުރެއް އަދާކުރެއްވިއެވެ. ޓޫރިޒަމުން ސަރުކާރަށް ލިބެންޖެހޭ ޓެކްސްއާއި، ރިޒޯޓުތަކުގެ ކުލި ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކުރައްވައި، ކަމާގުޅޭ އެންމެހައި ރިޕޯޓުތައް އޯޑިޓް އޮފީހަށް ފޮނުއްވުމުގެ މަސައްކަތް އާދަމް ޝަރީފް ކުރެއްވިއެވެ. އަދި ޓެކުހާއި، ރިޒޯޓުތަކުން ސަރުކާރަށް ލިބެންޖެހޭ ފައިސާގެ އެންމެހައި ރެކޯޑުތައް ބަލަހައްޓަވައި، އެ ފައިސާ ހޯއްދެވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ބަޖެޓް ކޮންޓްރޯލަރގެ މަގާމުން އާދަމް ޝަރީފް ބަދަލުވެވަޑައިގަތީ، ގދ. އަތޮޅު އަތޮޅުއޮފީހުގެ ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އަތޮޅުއޮފީހުގައިވެސް މައިގަނޑު ގޮތެއްގައި ކުރެއްވީ، ފައިސާއާބެހޭ މަސައްކަތްތަކެވެ. ބަޖެޓް ސެކްޝަންގެ މަސައްކަތްތަކުގެ އިތުރުން،

އަތޮޅުއޮފީހުގެ އެހެން ބައެއް ސެކްޝަންތަކުގައިވެސް އާދަމް ޝަރީފް މަސައްކަތް ކުރެއްވިއެވެ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމަށް އާދަމް ޝަރީފް ހަމަޖެއްސެވުމާ ގުޅިގެން، އަތޮޅުވެރިން ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގައި ވަގުތީގޮތުން އަތޮޅުއޮފީސް ހިންގަވައިފައިވެސް ވެއެވެ.
އަތޮޅުއޮފީހުގައި އާދަމް ޝަރީފް ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ތިނަދޫ ރަށް ކުރިއަރުވާ ކޮމިޓީގެ އެކި މަގާމުތައްވެސް ފުރުއްވިއެވެ. އެގޮތުން، ތިނަދޫ ރަށް ކުރިއަރުވާ ކޮމިޓީގެ ރައީސް ކަމާއި، އަތޮޅު ކޮމިޓީގެ ސެކްރެޓެރީކަން ކުރެއްވިއެވެ. އަދި ރަށުގައި ކުރެވޭ އިޖުތިމާޢީ މަސައްކަތްތަކުގެ ތެރެއިން ތިނަދޫ ޒުވާނުންގެ ކުލަބުގެ އެކި މަގާމުތަކުގައި ހުންނަވައިގެން، އެ ކުލަބް ހިންގެވުމުގައި އާދަމް ޝަރީފް އިސް ދައުރެއް އަދާކުރެއްވިއެވެ.