އަލްފާޟިލް ޢަބްދުލްވައްހާބް އިބްރާހީމް
ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ-74

ޢަބްދުލްވައްހާބް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 އޮކްޓޫބަރު 1976 ގައި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ 1 ނަންބަރު ކާތިބު ކަމުގެ މަގާމުންނެވެ. އެ ޑިޕާޓްމަންޓްގައި ކުރެއްވީ، ސަރުކާރުން ވިޔަފާރި ހުއްދަ ދެއްވާ ފަރާތްތަކުގެ ހުއްދަ ތައްޔާރުކުރެއްވުމާއި، ހުއްދަ ހަވާލުކުރެއްވުމެވެ. އެއަށްފަހު، 12 ޖަނަވަރީ 1977 ން 15 އެޕްރީލް 1978ގެ ނިޔަލަށް ޓެލެވިޜަން މޯލްޑިވްސްގެ 2 ނަންބަރު ކާތިބުކަމުގެ މަގާމު އަދާކުރެއްވިއެވެ. ޓެލެވިޜަން މޯލްޑިވްސްގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، އިދާރީ މަސައްކަތްތަކާއި، ބަޖެޓާބެހޭ މަސައްކަތްތަކެވެ. އަދި 23 އޮކްޓޫބަރު 1978ގައި އަމީނިއްޔާ ސްކޫލްގެ 1 ނަންބަރު ކާތިބު، ބަޖެޓް ބަލަހައްޓާގެ މަގާމަށް ހަމަޖެއްސެވިއެވެ. އެ ސްކޫލްގައިވެސް ކުރެއްވީ، އިދާރީ މަސައްކަތްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކެވެ.

އަމީނިއްޔާ ސްކޫލްގެ ސެކްރެޓެރީ (އެކައުންޓް ބަލަހައްޓާ) މަގާމުގައި ޢަބްދުލްވައްހާބް އިބްރާހީމް ހުންނަވަނިކޮށް، 30 ޑިސެންބަރު 1981 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކާތިބު (1 ނަންބަރު)ގެ މަގާމަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކްލެރިކަލް އެސިސްޓެންޓް (1 ނަންބަރު)ގެ މަގާމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމާއި، ސެކްރެޓެރީ ކަމުގެ މަގާމާއި، ސީނއަރ ސެކްރެޓެރީ ކަމުގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމާއި، ކޯޑިނޭޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ޢަބްދުލްވައްހާބް އިބްރާހީމް އަދާކުރައްވައިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚިދުމަތާ ޢަބްދުލްވައްހާބް ގުޅިވަޑައިގަތުމަށްފަހު، ލެޖިސްލޭޓިވް އެފެއާޒް ސެކްޝަނުގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފޮނުއްވާ ޤާނޫނުތައް އަޅައިކިޔައި، ކުށްފިލުވުމުގެ މަސައްކަތާއި، އޮފީހުން ނެރުއްވާ ދެންނެވުންތަކުގެ ޑްރާފްޓް ތައްޔާރުކޮށް، އަޅައިކިޔުމުގެ މަސައްކަތްތަކާއި، އަދި ކޮންމެ ހަފްތާއެއްގެ ހުކުރު ޚުޠުބާ އަޅައިކިޔައި، މިސްކިތްތަކަށާއި އަތޮޅުތަކަށް ފޮނުއްވުމުގެ މަސައްކަތް ހިމެނެއެވެ. ލެޖިސްޓްލޭޓިވް އެފެއާޒް ސެކްޝަންގައި ދެ އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ފައިނޭންޝަލް އެފެއާޒް ސެކްޝަނަށް ބަދަލުކުރައްވައި، ބަޖެޓް ބާކީކުރުމާއި، އަތުން ލިޔުއްވައިގެން ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވިއެވެ.

މީގެއިތުރުން، މުވައްޒަފުންނަށް މުސާރަ ދިނުމާ ގުޅޭގޮތުން ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްތަކާއި، މުވައްޒަފުންގެ ހާޒިރީގެ ކަންތައްތައް ބެލެހެއްޓެވުމާއި، މުސާރަހެދުމާއި، ފައިސާ ގުނުމާއި، މުސާރަ ހަވާލުކުރުން ހިމެނެއެވެ. އަދި އޮފީހުން ޗާޕުކުރުމަށް ބޭނުންވާ ތަކެތި ޗާޕުކުރުމަށް ފޮނުއްވުމާއި، އޮފީހުން ޚަރަދުކުރުމަށް ހުއްދަ ދެއްވާ ކަންތައްތަކާ ގުޅިގެން ބިލްތަކާއި ޗެކްތަކާއި، ހިސާބުތައް ޗެކް ކުރެއްވުން ހިމެނެއެވެ.

1999 ވަނަ އަހަރުގެ ތެރޭގައި، ސުޕަވައިޒަރެއްގެ ހައިސިއްޔަތުން މެއިންޓެނަންސާއި ހައުސްކީޕިންގއާ ގުޅޭ މަސައްކަތްތައް ކުރެއްވުމަށް ޢަބްދުލްވައްހާބާ ހަވާލުކުރެއްވިއެވެ. އެގޮތުން، އޮފީހުގެ ވީ.އައި.ޕީ ކޮޓަރިކޮޅުތަކާއި މާލަންތައް ޗެކްކުރައްވައި ބެލެހެއްޓެވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަޒީފާ އަދާކުރައްވާ މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ ކާރުކޮޅުތަކުގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ޢަބްދުލްވައްހާބް ކުރެއްވިއެވެ. އަދި އޮފީހުގެ ވެހިކަލްތައް ރަނގަޅު ފެންވަރެއްގައި ބެލެހެއްޓެވުމާއި، އޮފީހުގެ ކަރަންޓާއި، ފެނާއި، އިމަރޖެންސީ ޙާލަތްތަކުގައި ބޭނުންކުރަންޖެހޭ އަލިފާން ނިވާ އާލާތްތަކާއި، އެއަރކޯންތަކާއި، ފޯނު ލައިންތަކާއި އަދި މިނޫންވެސް އޮފީހުގެ ތަފާތު މެޝިންތައް މަރާމާތުކޮށް ބެލެހެއްޓެވުން ހިމެނެއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ އެކި ފަރާތްތަކަށް ދެއްވަން ނިންމަވާ ހަދިޔާއާ ބެހޭގޮތުން ހައްދަންޖެހޭ ތަކެތި ހެއްދުމާއި، ރައީސުލްޖުމްހޫރިއްޔާއަށް އެކި ފަރާތްތަކުން ހަދިޔާ ކުރައްވާ ތަކެތި ރަނގަޅު ފެންވަރެއްގައި ބެލެހެއްޓެވުމާއި، ސަރުކާރުގެ މެހްމާންދާރީގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ހިލާލީގޭގައި ތިއްބެވުމަށް ހަމަޖައްސަވާ ބޭފުޅުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ޢަބްދުލްވައްހާބް ކުރައްވައިފައި ވެއެވެ. އަދި އޮފީހުން އިންތިޒާމުކޮށްގެން ބާއްވަވާ ތަފާތު ޖަލްސާތަކަށާއި، ކޮމިޓީތަކަށާއި ސެމިނަރތަކަށާއި، ރަސްމީ ބައްދަލުކޮށްލެއްވުންތަކަށް ތަން ތައްޔާރުކުރުވުމުގެ ފުރިހަމަ ޒިންމާ އަދާކުރައްވައިފައި ވެއެވެ.

42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޢަބްދުލްވައްހާބް އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު ފާހަގަކުރެވިފައިވަނީ، ވަރަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތްތަކެއް ކޮށްދެއްވި، އަދި ހީވާގިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެން، ވަގުތަށް މަސައްކަތް ނިންމެވި، އަދި އޮފީހުގެ ކޮންމެ ކަމެއްގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި މަސައްކަތުގެ މާޙައުލުގައި އޮފީހުގެ ގަވާއިދުތަކާއި އުސޫލުތައް ދެމެހެއްޓެވުމަށް ބާރުއެޅުއްވި، ހަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ޒިންމާދާރުކަމާއެކު ކުރައްވައިފައިވާ، މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ.

ޢަބްދުލްވައްހާބް އިބްރާހީމް ރިޓަޔަރ ކުރައްވައިފައި ވަނީ 28 އޮގަސްޓު 2019 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 37 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުލްވައްހާބް އިބްރާހީމަށް ވަނީ އެކަމުގެ ހަނދާނީ ފިލާ، 2022 ވަނަ އަހަރު އަރުވައިފައެވެ.