އަލްފާޟިލް ޙުސައިން ރަޝީދު
މއ. ސަލްވީނިޔާ

ޙުސައިން ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 10 ޖޫން 1978 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓެލެވިޜަން މޯލްޑިވްސްގެ ޓެލެވިޜަން ޓްރާންސްމިޓިންގ ޓެކްނީޝަންގެ މަގާމެވެ. ޓެލެވިޜަން މޯލްޑިވްސްގައި ޙުސައިން ރަޝީދު ޚިދުމަތް ކުރައްވަން ފެށްޓެވީ، ރާއްޖޭގައި އެންމެ ފުރަތަމަ ޓެލެވިޜަންގެ ޚިދުމަތް ދޭން ފެށިތާ އެންމެ ކުރީކޮޅުގައި ކަމަށްވުމާއެކު، މާގިނަ ވަސީލަތްތަކެއްވެސް ނެތުމާއި، ޓެކްނިކަލް މުވައްޒަފުންވެސް މަދުވުމުން، އޭރު ޙުސައިން ރަޝީދު ޚިދުމަތް ކުރައްވަމުން ގެންދެވީ، ވަރަށްގިނަ ވަގުތު އޮފީހުގައި ހޭދަކުރައްވައިގެންނެވެ.

ޙުސައިން ރަޝީދު، ޓެލެވިޜަން މޯލްޑިވްސްގައި ޚިދުމަތް ކުރެއްވި 9 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އަދާކުރެއްވި އެހެން ވަޒީފާތަކުގެ ތެރޭގައި، ސީނިއަރ ޓެލެވިޜަން ސްޓޫޑިއޯ ޓެކްނީޝަން ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމުގެ މަގާމު ހިމެނެއެވެ.

ޓެލެވިޜަން މޯލްޑިވްސްގައި ޚިދުމަތް ކުރެއްވި މުއްދަތުގައި، އެ އޮފީހުން ލިބިވަޑައިގެންނެވި ފުރުޞަތުގައި ހުސައިން ރަޝީދު ވަނީ އެ ދާއިރާއާ ގުޅޭ ބައެއް ތަމްރީނުތައް ރާއްޖެއިން ބޭރުގައި ފުރިހަމަކުރައްވައިފައެވެ. އެގޮތުން، ޖަޕަނީޒް ލޭންގްއޭޖް އިންޓެންސިވް ކޯހާއި، ޓީ.ވީ. ޓްރާންސްމިޓަރ މެއިންޓެނަންސް ކޯހާއި، ކަލަރ ޓެލެވިޜަން އިންޖިނިއަރިންގ ކޯހާއި، ޓެލެވިޜަން އިންޖިނިއަރިންގ ކޯސް ޖަޕާނުގައި ފުރިހަމަކުރައްވައިފައި ވެއެވެ.

ޙުސައިން ރަޝީދު، ދައުލަތަށް ޚިދުމަތް ކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގައި، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވަނީ އެއަރޕޯޓުގެ ދާއިރާގައެވެ. އެއީ، 7 ފެބުރުވަރީ 1991ން ފެށިގެންނެވެ. އެގޮތުން، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ސީނިއަރ ޓެކްނީޝަން ކަމާއި، ސީނިއަރ ރޭޑިއޯ ޓެކްނީޝަން ގްރޭޑް 2 ކަމާއި، އެސިސްޓެންޓް އިލެކްޓްރޯނިކްސް އިންޖިނިއަރ ކަމާއި، އެސިސްޓެންޓް އިލެކްޓްރޯނިކްސް އިންޖިނިއަރ ގްރޭޑް 2ގެ މަގާމު ހިމެނެއެވެ. މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ނަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުވުމަށްފަހު، ކުންފުނީގެ އެސިސްޓެންޓް އިލެކްޓްރޯނިކްސް އިންޖިނިއަރ ގްރޭޑް 2ގެ މަގާމާއި، އިލެކްޓްރޯނިކްސް އިންޖިނިއަރ ގްރޭޑް 2ގެ މަގާމާއި، އިންޖިނިއަރ އިލެކްޓްރޯނިކްސްގެ މަގާމުގައި ހުންނަވައިގެން، ގިނަގުނަ ޚިދުމަތްތަކެއް ޙުސައިން ރަޝީދު ކުރައްވައިފައި ވެއެވެ.

1 އެޕްރީލް 2014 އިން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިންފޮމޭޝަން ޓެކްނޯލޮޖީ ޑިޕާޓްމަންޓްގެ ކޮމިއުނިކޭޝަން ސިސްޓަމްސް ސެކްޝަން ހިންގެވުމުގެ މަސްއޫލިއްޔަތު، ޙުސައިން ރަޝީދާ ހަވާލުކުރެއްވީއްސުރެ މިއަދާ ހަމަޔަށް ޚިދުމަތް ކުރައްވަމުން ގެންދަވަނީ އެ ޑިޕާޓްމަންޓްގައެވެ. އިންފޮމޭޝަން ޓެކްނޯލޮޖީ ޑިޕާޓްމަންޓްގައި ޙުސައިން ރަޝީދު ފުރުއްވި މަގާމުތަކުގެ ތެރޭގައި، މެނޭޖަރު ކަމާއި، މެނޭޖަރ، އައި.ޓީ. އެއަރޕޯޓް ސިސްޓަމްސްގެ މަގާމު ހިމެނެއެވެ. 1 ޖަނަވަރީ 2023ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އިންފޮމޭޝަން ޓެކްނޯލޮޖީ ޑިޕާޓްމަންޓްގެ އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސް ސެކްޝަންގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

ޙުސައިން ރަޝީދު ފާހަގަކުރެވިފައި ވަނީ ކުންފުނީގައި ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު، މަސައްކަތަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ހިންގެވުމާ ހަވާލުވެވަޑައިގެން، އެ ސެކްޝަންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޙުސައިން ރަޝީދު ގެންދަވަނީ ކުންފުނީގެ ފްލައިޓް އިންފޮމޭޝަން ޑިސްޕްލޭ ސިސްޓަމާއި، ރޭޑިއޯ ކޮމިއުނިކޭޝަން ސިސްޓަމާއި، ޓެލެފޯން ސިސްޓަމް އަދި އެންޓަރޓެއިންމަންޓް ސިސްޓަމްގެ އެންމެހައި ކަންކަން ބަލަހައްޓަވައި މެނޭޖް ކުރައްވަމުންނެވެ.

ޙުސައިން ރަޝީދު ޚިދުމަތް ކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި، ކުންފުނީގެ އެކި ސިސްޓަމްތަކުގެ ޑިވެލޮޕްމަންޓް މަސައްކަތުގައި އިސްރޯލެއް އަދާކުރައްވައިފައި ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، އިންހައުސް ފްލައިޓް އިންފޮމޭޝަން ސިސްޓަމާއި، ޕެސެންޖަރ އެނައުންސްމަންޓް ސިސްޓަމް އަދި ޕީ.އޭ.ބީ.އެކްސް ސިސްޓަމްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ޙުސައިން ރަޝީދަކީ، ކުންފުނިން އިންތިޒާމު ކުރައްވާ ޚާއްޞަ ޙަފުލާތަކާއި، މިނޫންވެސް އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ.