އަލްފާޟިލާ ޙިސްނިއްޔާ އަޙްމަދު
ދަފްތަރު. ނަންބަރު ރސ 729، މާލެ

ޙިސްނިއްޔާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ދެ ނަންބަރު ކާތިބާ ކަމުގެ ވަޒީފާގައި 23 ޑިސެންބަރު 1979 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 2 ނަންބަރު ކާތިބާ ކަމާއި، ސްޓެންސިލް ލިޔާ ކާތިބާ ކަމާއި، ސީނިއަރ ކްލާކް ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ކްލާކް ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމު ހިމެނެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއިން ބާއްވަވަމުން ގެންދަވާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނާއި، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ސުވާލު ޕޭޕަރުތަކާއި، އިމްތިޙާނުގެ ސެޓްފިކެޓްތަކާއި، ސަނަދުތައް ޙިސްނިއްޔާ އަޙްމަދު ފަރުވާތެރިކަމާއެކު އަތުން ލިޔުއްވައިފައި ވެއެވެ. އަދި ޓައިޕް ކުރައްވައިގެންވެސް ލިޔުންތައް ބެލެހެއްޓެވިއެވެ. ޖޫނިއަރ ސްކޫލް ސެޓްފިކެޓް (ޖޭ.އެސް.ސީ.) އިމްތިޙާނުގެ އެކި މާއްދާތަކުގެ ސުވާލު ކަރުދާސްތައް ދިވެހިބަހުން ސްޓެންސިލްގައި ލިޔުއްވުމާއި، އާންމު އިމްތިޙާނުގެ ސުވާލު ކަރުދާސްތައް ސްޓެންސިލްގައި ލިޔުއްވުމުގެ މަސައްކަތްވެސް ޙިސްނިއްޔާ ކުރެއްވިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއިން ފޮތް ފާސްކުރާ ކޮމިޓީގައި މަސައްކަތްތައް ކުރެއްވިއިރު، ކޮމިޓީގެ އިރުޝާދުގެ ދަށުން އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވައި، އެކަންކަން ހިނގަމުންދިޔައީ ޙިސްނިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. މީގެތެރޭގައި، ސެޓުފިކެޓުގެ ފެންވަރު ބެލުމުގެ މަސައްކަތާއި، ސެޓްފިކެޓް ތަރުޖަމާ ކުރުމުގެ އިދާރީ މަސައްކަތްތަކާއި، އެޓެސްޓް ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މީގެއިތުރުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އިދާރީ ސެކްޝަނާއި، ފްރަންޓް އެންޑް ރެވެނިއު، ލޮޖިސްޓިކް ސެކްޝަނާއި، ބަޖެޓް ސެކްޝަން ބެލެހެއްޓެވުމުގެ އިސްވެރިއެއްގެ ގޮތުން ޙިސްނިއްޔާ ވަނީ އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައެވެ.

ރާއްޖޭގައި ބާއްވާ ކޭމްބްރިޖް އިމްތިޙާނުތަކުގެ ސުވާލު ކަރުދާސްތައް އެއަރޕޯޓުން ސެކިއުރިޓީ ރޫމަށް ގެންނެވުމާއި، ކޭމްބްރިޖް އިމްތިޙާނުގެ ޕްރައިވެޓް ސެންޓަރެއްގެ ގޮތުގައި ޑީ.ޕީ.އީ. އިން ކުރަމުންގެންދާ އިދާރީ އެންމެހައި މަސައްކަތްތައްވެސް، އިސްވެރިއެއްގެ ގޮތުން އިޚުލާޞްތެރިކަމާއެކު ޙިސްނިއްޔާ ކުރައްވައިފައި ވެއެވެ. މީގެއިތުރުން، އިމްތިޙާނު ހޯލު ތައްޔާރުކުރުމާއި، އިމްތިޙާނު ހޯލުގައި އިންވިޖިލޭޓް ކުރުމުގެ މަސައްކަތުގެ އިތުރުން، އިމްތިޙާނުތަކުގެ ސުވާލު ކަރުދާސްތައް އަތޮޅުތަކުގެ ސެންޓަރުތަކަށް ހަވާލުކުރުމަށް ކުރާ ދަތުރުތަކާއި، ސެންޓަރ ރަޖިސްޓްރޭޝަން ދަތުރުތަކުގައިވެސް ޙިސްނިއްޔާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޙިސްނިއްޔާއަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމުގައިވެސް ނަމޫނާ ބޭފުޅެކެވެ. އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ ޒުވާން މުވައްޒަފުން، އޮފީސް މާޙައުލަށް އަހުލުވެރިކުރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވައި، މުވައްޒަފުންނާ ގުޅިގެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި ޑިޕާޓްމަންޓްގައި ޤާބިލް މުވައްޒަފުންތަކެއް އުފެއްދެވުމުގައްޔާއި، ޑިޕާޓްމަންޓްގެ ތާރީޚާއި، ކުރާ މަސައްކަތްތައް މިހާރުގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވުމުގައި މެދުވެރިއެއްގެ ބައި އަދާކުރެއްވީ، ޙިސްނިއްޔާ އަޙްމަދުކަން ފާހަގަކޮށްލަންޖެހެއެވެ.

ޙިސްނިއްޔާއަކީ 1 ސެޕްޓެންބަރު 1989 ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އުފެއްދެވިއިރު، އެ ޑިޕާޓްމަންޓްގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ފުރަތަމަ ބޭފުޅާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.