އަލްފާޟިލް ޢަލީ ޝަރީފް ފެހިވިނަ
ގއ. ކޮލަމާފުށި

ޢަލީ ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ގއ. ކޮލަމާފުށީ އޮފީހުގެ ކާތިބެއްގެ މަގާމުން 23 ޖޫން 1980 ގައެވެ. މިހާރު ހުންނެވީ، ކޮލަމާފުށީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ކޮލަމާފުށީ ކުޑަކަތީބު ކަމާއި، ކަތީބުކަން ކުރައްވައިފައި ވެއެވެ. އަދި ކޮލަމާފުށީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރައްވައި، ތަޙުޤީޤު ބަޔާންތައް ޝަރީޢަތަށް ފޮނުވުމަށްޓަކައި ފަރުވާތެރިކަމާއެކު އަތުން ލިޔުއްވައިގެން ތަޙުޤީޤު ރިޕޯޓް ތައްޔާރުކުރައްވައި، ކަމާބެހޭ ފަރާތްތަކަށް ޢަލީ ޝަރީފް ފޮނުއްވަމުން ގެންދަވައެވެ. ޖުމުލަގޮތެއްގައި އޮފީހުގެ ރަސްމީ ސިޓީތަކާއި، މެސެޖްތަކާއި، މަސްދުވަހުގެ ރިޕޯޓުތައް ލިޔުއްވައި ތައްޔާރުކުރައްވަމުން ގެންދެވީވެސް އަތުން ލިޔުއްވައިގެންނެވެ. ފަހުން ޓައިޕްރައިޓަރަށް ބަދަލުވުމުން، ލިޔުއްވަމުން ގެންދެވީ ޓައިޕްރައިޓަރުންނެވެ. ޢަލީ ޝަރީފް އަތުން ލިޔުއްވައިގެން، ތައްޔާރުކުރައްވާ ރަސްމީ ލިޔެކިޔުންތައް ފުރިހަމަކަމަށް ފާހަގަކުރެއްވޭތީ، އަތޮޅުއޮފީހުގެ މުހިންމު ބައެއް ލިޔުންތައް ލިޔުއްވުމަށްވެސް ޢަލީ ޝަރީފް ގެންދެވުމުގެ އިތުރަށް، އަތޮޅުގެ ރަށްރަށުގެ ގޭގޭގެ މީހުންގެ ރަޖިސްޓަރީތައް ލިޔުއްވައި ތައްޔާރުކުރެއްވުމަށްޓަކައި، އައިޑެންޓިޓީ ކާޑު ޔުނިޓަށް މާލެ ގެންދިޔުމަށް އަތޮޅުން ހޮވައިލައިގެން ނެންގެވި މުވައްޒަފުންގެ ތެރޭގައި ޢަލީ ޝަރީފް ހިމެނިވަޑައިގަތެވެ.

ވަރަށް ކުރިއްސުރެ ފެށިގެން ދާދިފަހަކާ ޖެހެންދެން، ކޮލަމާފުށީ އޮފީހުގެ އަދި މިހާރު ކޮލަމާފުށީ ކައުންސިލްގެ އިދާރާގެ ފައިސާއާބެހޭ އެންމެހައި ކަންތައްތައް ޢަލީ ޝަރީފް ބަލަހައްޓަވައި ހިންގަވަމުން ގެންދެވިއެވެ.

ޢަލީ ޝަރީފަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައެވެ. މިގޮތުން، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު، އެ މުވައްޒަފުންނަށް ފުރިހަމައަށް ފޯރުކޮށްދެއްވަމުން ގެންދަވައެވެ.

ވަރަށްފަހާ ޖެހެންދެން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ބަލަހައްޓަންޖެހޭ، ރަށުގައި ހުކުރު ނަމާދާއި ޢީދު ނަމާދު ކުރުންފަދަ ކަންކަމަށް މީހުން ހަމަޖެއްސެވުމުގެ މަސައްކަތްވެސް ވަރަށް ފަރުވާތެރިކަމާއެކު ޢަލީ ޝަރީފް ބަލަހައްޓަވައިފައި ވެއެވެ.

ޢަލީ ޝަރީފް ވަނީ 2019 ވަނަ އަހަރު އޮފީސް މެނޭޖްމަންޓްގެ ރޮނގުން ޑިޕްލޯމާ ކޯހެއް ފުރިހަމަކުރައްވައިފައެވެ. އަދި ޢަލީ ޝަރީފަކީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި ރާއްޖެތެރޭގެ ވެރިންގެ ފެންވަރު މަތިކުރާ ކޯސް ފުރިހަމަކުރައްވައި، ހުކުރު ކުރުމުގެ ސަނަދުވެސް ހާސިލުކުރައްވައި، ރަށުގައި އިމާމުވެވަޑައިގެން ހުކުރު ނަމާދާއި ޢީދު ނަމާދުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.