އަލްފާޟިލާ މަރްޔަމް މުނީރާ
މއ. ޗަބޭލީއާގެ

މަރްޔަމް މުނީރާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 އެޕްރީލް 1979 ގައި ގަވަރންމަންޓް ހޮސްޕިޓަލްގެ ނަރސް އެއިޑެއްގެ މަގާމުންނެވެ. ނަރުހަކަށް ވެވަޑައިގަތުމަކީ، އެންމެ ކުރިއްސުރެވެސް މަރްޔަމް މުނީރާ ކުރެއްވި އުންމީދެކެވެ. އަދި އޭރު ނަރުހުން އަޅާ ޔުނީފޯމަކީ، ވަރަށް ރީތި ޔުނީފޯމަކަށްވާތީ، އެ ޔުނީފޯމު އެޅުއްވުމުގެ ޝައުޤުވެރިކަން، މަރްޔަމް މުނީރާގެ ހިތްޕުޅުގައި އޮތްލެއް ބޮޑުކަން އެއީ މި ދާއިރާއަށް ވެދެވަޑައިގަތުމުގެ އެއް ސަބަބެވެ. އަނެއް ސަބަބަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމަކީ، ވަރަށް ކުރައްވާހިތްޕުޅުވާ ކަމަކަށްވާކަމެވެ.

ވޭތުވެދިޔަ 44 އަހަރަށްވުރެ ދިގު މުއްދަތުގައި މަރްޔަމް މުނީރާ ޚިދުމަތް ކުރައްވައިފައި ވަނީ ޞިއްޙީ ދާއިރާގައެވެ. ސެންޓްރަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރުސް ކަމުގެ އިތުރުން، ސީނިއަރ ނަރސް ކަމާއި، އޮގްޒިލިއަރީ ނަރސް މިޑްވައިފް ކަމާއި، އެސިސްޓެންޓް ނަރސް މިޑްވައިފްކަން ކުރައްވައިފައި ވެއެވެ. އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސް ކަމާއި، މާލޭ ޞިއްޙީ މަރުކަޒުގެ އަދި ދަމަނަވެށީގެ އެންރޯލްޑް ނަރސްކަން އަދި ސީނިއަރ ނަރސް ކަމާއި، ޕްރެކްޓިކަލް ނަރސްކަން ކުރައްވައިފައި ވެއެވެ. 12 ފެބުރުވަރީ 2015ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސް ކަމުގެ މަގާމެވެ.

މަރްޔަމް މުނީރާއަކީ، ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ ޚިދުމަތްތައް ތަރައްޤީ ކުރެއްވުމަށް ކުރެވުނު އެކި ކަންކަމުގައި އިސްނަންގަވައިގެން ވަރަށް ހީވާގިކަމާއެކުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ހޮސްޕިޓަލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށާއި، އެ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވައިލެއްވުމުގައި އިސްނަންގަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްވެސް މެއެވެ.

މަރްޔަމް މުނީރާއަކީ ހޮސްޕިޓަލްގެ ފަރާތުން، ޚާއްޞަކޮށް ނަރުހުންގެ ޑިޕާޓްމަންޓުން އިންތިޒާމުކުރާ އެކިއެކި ކަންކަމުގައްޔާއި ޙަފްލާތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ހަވާލުކުރައްވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައި، ހޮސްޕިޓަލްގެ އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ.

މަރްޔަމް މުނީރާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމަކީ، ބަލިމީހަކަށް ޚިދުމަތް ދެއްވުމުން، ބަލިމީހާއާއި ޢާއިލާގެ ފަރާތުން އެކަން ބަލައިގަނެ ދެއްވާ ހިތްވަރާއި، ވިދާޅުވާ ތަޢުރީފުގެ ބަސްތަކެވެ.