އަލްފާޟިލާ ޠާހިރާ އަބޫބަކުރު
ހ. ރިވޯރޑް

ޠާހިރާ އަބޫބަކުރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ސެޕްޓެންބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕަބްލިކް ހެލްތް ޑިވިޜަންގެ ފެމިލީ ހެލްތް ވަރކަރެއްގެ ވަޒީފާއެވެ. އެއީ، އުފަން ރަށް، އިހަވަންދުއަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވެގެން ކަމަށްވާތީ، ފުރަތަމަ ޚިދުމަތް ކުރެއްވީވެސް އިހަވަންދޫގައެވެ. އޭގެފަހުން، 24 ޑިސެންބަރު 1981ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ 2 ނަންބަރު ކާތިބާ ކަމުގެ މަގާމަށް މާލެއަށް ބަދަލުވެވަޑައިގަތެވެ. އޭގެފަހުން، އެ ޑިޕާޓްމަންޓްގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމުގެ މަގާމު އަދާކުރެއްވިއެވެ. މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމުގައެވެ.

ޠާހިރާ އަބޫބަކުރު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ފެމިލީ ހެލްތް ވަރކަރ ކަމުގެ އިތުރުން، ޚިދުމަތް ކުރައްވައިފައި ވަނީ އިދާރީ މަސައްކަތްތައް ކުރެއްވުމުގައެވެ. މިގޮތުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، މިނިސްޓްރީ އޮފް ހެލްތާއި، އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނާއި ފޫޅުމައިން އަދި ހެލްތް ވަރކަރުންގެ ޗުއްޓީގެ ކަންކަމާއި، މީގެއިތުރުން، މިނިސްޓްރީ އޮފް ހެލްތުގެ ހުރިހާ ޑިވިޜަންތަކުގެ މުވައްޒަފުންގެ ރަޖިސްޓަރީ ބަލަހައްޓަވަމުން ގެންދެވިއެވެ. އަދި ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތްތަކާއި، މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީއާ ގުޅޭ އެކިއެކި ލިޔުންތައް އަތުން ލިޔުއްވައިގެން ބަލަހައްޓަވައިފައި ވެއެވެ.

ޠާހިރާ އަބޫބަކުރު މިހާރުވެސް ދައުލަތުގެ ޚިދުމަތުގައި ދެމިހުންނެވީ، ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުންނެވެ.

ޠާހިރާ އަބޫބަކުރު ފާހަގަކުރެވިފައިވަނީ، ހާޒިރީއަށް ފަރުވާތެރި، ހަވާލުކުރާ މަސައްކަތްތައް ވަރަށް ރަނގަޅަށް އިޚުލާޞްތެރިކަމާއެކު ކުރައްވަމުން ގެންދަވާ މުވައްޒަފެއްގެ ގޮތުގައެވެ.