އަލްއުސްތާޛު މުޙައްމަދު ސަޢީދު
މ. ފުރަންކަރަ

އަލްއުސްތާޛު މުޙައްމަދު ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސްޕޯޓްސް ޑިވިޜަންގެ ޕިޔޯނެއްގެ ވަޒީފާގައި 13 މޭ 1978 ގައެވެ. މެދުކެނޑުމެއްނެތި މިހާތަނަށް ދައުލަތުގެ ޚިދުމަތުގައި، 44 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު، ދައުލަތުގެ ތަފާތު 12 މުއައްސަސާއެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިގޮތުން، ކަސްޓަމްސްގެ 2 ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 5ގެ ސެކްރެޓެރީ ކަމާއި، އަވަސްނިޔާ ކޯޓުގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސީނިއަރ ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 3ގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ވަކީލު ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ ކަމުގެ ވަޒީފާވެސް އަދާކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

މުޙައްމަދު ސަޢީދު، ކަސްޓަމްސްގައި ޚިދުމަތް ކުރެއްވިއިރު، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ގޮތުން، ކާގޯ ހިފައިގެން ރާއްޖެއަށް އަންނަ އުޅަނދުފަހަރުން މުދާ ބާލައި، ބޯޓު ހުސްވަންދެން ބޯޓުގައި ޑިއުޓީގައި ހުންނަވައިގެން މަސައްކަތް ކުރެއްވިއެވެ.

ކޯޓުތަކުގައި ސެކްރެޓެރީ ކަމުގެ މަސްއޫލިއްޔަތު މުޙައްމަދު ސަޢީދު އަދާކުރެއްވިއިރު، ޝަރީޢަތްތަކުގެ ބަޔާންތައް، އަތުން ލިޔުއްވައިގެން މަޙްޟަރު ކުރެއްވުމާއި، ކޯޓުގެ އަހަރީ ރިޕޯޓް ލިޔުއްވައި ތައްޔާރުކުރެއްވުމާއި، ކޯޓުގެ ބަޖެޓުން ކުރަންޖެހޭ އެންމެހައި ޚަރަދުތައް، މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބަލަހައްޓަވަމުން ގެންދަވައިފައި ވެއެވެ.

2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުގެ ދަށުން ދިވެހިރާއްޖޭގައި އަލަށް އުފެއްދެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަގުތީގޮތުން މަސައްކަތް ކުރުމަށް އެކުލަވައިލެވުނު މުވައްޒަފުންގެ ޓީމުގައި، އެ ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން މުޙައްމަދު ސަޢީދަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ސުޕްރީމް ކޯޓަށް 5 ފަނޑިޔާރުން ޢައްޔަން ކުރައްވައިފައި، ކޯޓު ހިންގުމަށް މުލީއާގެއިން ބައެއް ހަމަޖައްސަވައި، ޝަރީޢަތް ފެށުމަށް ލިބުނު 5 ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި، އެ އިމާރާތުގައި އެންމެ ޒަމާނީ ފެންވަރުގައި ކޯޓުރޫމެއް ތައްޔާރުކޮށް، އެއްވެސް ދަތިކަމެއްނެތި ޝަރީޢަތްތައް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމުގައި މުޙައްމަދު ސަޢީދު އަދާކުރައްވައިފައިވާ ދައުރު ފާހަގަކޮށްލަން ޖެހެއެވެ. އިސްބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން، މި މަސައްކަތް މުޙައްމަދު ސަޢީދު ކުރައްވައިފައިވަނީ، ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި، ހުނަރުވެރިކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރައްވައިގެންނެވެ. އަދި މިހާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މުޙައްމަދު ސަޢީދު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ލިބިވަޑައިގެންފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި، ޒަމާނީ ޓެކްނޯލޮޖީގެ ބޭނުންވެސް އެންމެ ފުރިހަމަގޮތުގައި ހިއްޕަވައިގެން، ޒަމާނީ އެޑްމިނިސްޓްރޭޝަނެއް ޤާއިމުކުރެއްވުމަށެވެ.