އަލްފާޟިލް މުޙައްމަދު ވަޙީދު
މ. ދުނިކޮޅު

މުޙައްމަދު ވަޙީދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 14 ޖަނަވަރީ 1964 ގައި މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިންނެވެ. 30 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި މުޙައްމަދު ވަޙީދު ވަނީ ސިފައިންގެޔަށް ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓްކަން ކުރެއްވިއެވެ.

މުޙައްމަދު ވަޙީދަކީ، އެން.އެސް.އެސް.ގައި ޚިދުމަތް ކުރެއްވިއިރު، މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެއްވި ކޮންމެ ކަމެއްވެސް ޤާބިލުކަމާއި ތެދުވެރިކަމާއެކު ކުރެއްވި ބޭފުޅެކެވެ. އަދި މުއައްސަސާގެ ކުރިއެރުމަށް ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތަކެއްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މުއައްސަސާއިން ހިންގާފައިވާ ގިނަ ކަންތައްތަކުގައި މުޙައްމަދު ވަޙީދު ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، އެކި ދުވަސްވަރު ސިފައިންގެއިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ސިފައިން ހަރަކާތްތެރިވިއިރު، އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މުޙައްމަދު ވަޙީދު، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވިއިރު، މަސައްކަތް ކުރައްވައިފައިވާ ދާއިރާތަކުގެ ތެރޭގައި، ޑިއުޓީ ސެކްޝަނާއި، ޑިއުޓީ ސެކްޝަންގައި ފޯރިމަރާ ބަޔާއި، ރަށުތެރެ ބެލެހެއްޓެވުމުގެ މަސައްކަތާއި، އެއަރ ކްރާފްޓް ސެކްޝަނާއި، ފަޔަރ ސެކްޝަނާއި، ހުޅުލޭ ސެކިއުރިޓީއާއި، ބޯޓުތައް ޗެކްކުރުމާ ބެހޭ ބަޔާއި، ޑެލްޓާ ފޯސް އަދި ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް ހިމެނެއެވެ.

މުޙައްމަދު ވަޙީދު، 6 ޑިސެންބަރު 1994ން ފެށިގެން ސިފައިންގެ ޚިދުމަތުން ވަކިކުރެއްވުމަށްފަހު، މުލީއާގޭގެ ޚިދުމަތަށް ބަދަލުކުރެއްވިއެވެ. މުލީއާގޭ ޖެނެރަލް ސަރވިސް އޮފިސަރު ކަމާއި، ރިޔާސީ ގަނޑުވަރުގެ ޖެނެރަލް ސަރވިސް އޮފިސަރު ކަމާއި، ޖެނެރަލް ސަރވިސް ސުޕަވައިޒަރުކަން މުޙައްމަދު ވަޙީދު ކުރެއްވިއެވެ. މުލީއާގޭގައި ޚިދުމަތް ކުރެއްވިއިރުވެސް، މުޙައްމަދު ވަޙީދު ފާހަގަކުރެވިފައި ވަނީ، ގަޑިއަށް ފަރުވާތެރި، ޒިންމާދާރުކަމާއެކު، ކަމަށްކަމޭހިއްތަވައިގެން ވަޒީފާ އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

15 ފެބުރުވަރީ 2009 ގައި ރިޔާސީ ގަނޑުވަރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި މުޙައްމަދު ވަޙީދު ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.