އަލްފާޟިލް ޢަބްދުލްޢަޒީޒް ޢަބްދުﷲ
ހ. ޖަވާހިރު

ޢަބްދުލްޢަޒީޒް ޢަބްދުﷲ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މަޙްކަމަތުލް އަޝްޣާލްގެ ވަގުތީ ކާތިބެއްގެ ވަޒީފާއެވެ. އެއަށްފަހު، ވުޒާރަތުލް މާލިއްޔާ (ހ) 2ގެ ވަގުތީ ކާތިބު ކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ ހުވަދުއަތޮޅުގޭ ވަގުތީ ކާތިބު ކަމާއި، ވުޒާރަތުއްދާޚިލިއްޔާ (ނ) ގެ ވަގުތީ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އޭގެފަހުން، 5 ފެބުރުވަރީ 1969 ގައި ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒްގެ 1 ނަންބަރު ކާތިބު ކަމަށް ބަދަލުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރުގެ 1 ނަންބަރު ކާތިބުކަންވެސް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމަށް ޢަބްދުލްޢަޒީޒް ޢަބްދުﷲ ބަދަލުކުރެއްވީ، 23 ފެބުރުވަރީ 1977 ގައެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ އަކީ، ޏ. އަތޮޅު އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. އަތޮޅުވެރިކަމަށް އިސްކުރެއްވީ 4 މާރިޗު 1978 ގައެވެ. އަތޮޅުވެރިކަމުގައި އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 27 ފެބުރުވަރީ 1979 ގައި ވަނީ، ގަވަރންމަންޓް ހޮސްޕިޓަލްގެ ސެކްރެޓެރީގެ މަގާމަށް ބަދަލުކުރައްވައިފައެވެ.

12 އޮގަސްޓު 1979 ގައި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ އަތޮޅުވެރިޔާގެ ބަދަލުގެ މަގާމަށް ޢަބްދުލްޢަޒީޒް ޢަބްދުﷲ ހަމަޖެއްސެވިއެވެ. އޭގެފަހުން، އެ މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަންވެސް ކުރައްވައިފައި ވެއެވެ. 5 ޑިސެންބަރު 1982 ގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީގެ މަގާމަށް ބަދަލުކުރެއްވިއެވެ. އެ މިނިސްޓްރީގެ ވަކީލު ކަމާއި، ސީނިއަރ އަންޑަރ ސެކްރެޓެރީ ކަމާއި، ޑިރެކްޓަރުކަންވެސް ކުރައްވައިފައި ވެއެވެ. އަދި އިލެކްޝަންސް ޑިވިޜަންގެ އެސިސްޓެންޓް ކޮމިޝަނަރުކަންވެސް ޢަބްދުލްޢަޒީޒް ކުރައްވައިފައި ވެއެވެ.

މި ދިގު މުއްދަތުގެ ތެރޭގައި، ޢަބްދުލްޢަޒީޒް ޢަބްދުﷲ، ސެލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓާއި، މާލޭ ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް ބޯޑުގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރުކަން ކުރައްވައިފައި ވެއެވެ. 4 މޭ 1997 ގައި އަމީނިއްޔާ ސްކޫލްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް ކޯޑިނޭޓަރުގެ މަގާމަށް ޢަބްދުލްޢަޒީޒް ޢަބްދުﷲ ބަދަލުވެވަޑައިގެންނެވިއެވެ. އެއަށްފަހު،މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު ކަމުގެ މަގާމަށް ހަމަޖެއްސެވިއެވެ. އަދި ފަހުން އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަޒީފާ އަދާކުރެއްވި ދިގު މުއްދަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ، އެއްވެސް މަސައްކަތެއް ފަހަށް ނުބަހައްޓަވައި، ވަގުތުގެ ކުރިއަށް އެ މަސައްކަތެއް ނިންމެވުމަށެވެ. ޢަބްދުލްޢަޒީޒް ޢަބްދުﷲ އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ، ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްގެވެސް ފުރިހަމަ ޒިންމާ އުފުއްލަވައިގެން، ވަގުތަށް ކަމޭހިއްތަވައިގެން އެކަމެއް އިޚުލާޞްތެރިކަމާއެކު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ގަޑިއަށް ފަރުވާ ބެހެއްޓެވި، ޗުއްޓީ ނެންގެވުން މަދު، އަދި މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެއްވި، އިޚުލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޏ. އަތޮޅުގެ މެންބަރު ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ ޏ. އަތޮޅު މެންބަރުކަންވެސް ކުރައްވައިފައެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ، 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަނީ ޚިދުމަތް ކުރައްވައިފައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.