އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު
ގ. ޢަންބަރީގެ

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރަކީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި އަދި 1 ސެޕްޓެންބަރު 2004ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދުމާ ގުޅިގެން، އެ ތާރީޚުން ފެށިގެން 5 އޮގަސްޓު 2009ގައި ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޕޮލިސް ސަރވިސްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު، ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 4 ޖަނަވަރީ 1964 ގައި އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިންނެވެ. ސިފައިންގެ މީހެއްގެ ވަޒީފާއަށް ވެދެވަޑައިގަތީ، އޭރު މަޖީދިއްޔާ ސްކޫލްގެ ކެޑޭޓް ކޯރގައި ސީނިއަރ ކެޑޭޓެއްގެ ގޮތުގައި ހުންނަވަނިކޮށް، ސިފައިންގެޔަށް މީހުން ބޭނުންފުޅުވެގެން ސަރުކާރުން އޭރު ކުރެއްވި އިލްތިމާސަކަށް އިޖާބަ ދެއްވުމުގެ ގޮތުންނެވެ.

ސިފައިންގެ ތެރެއަށް ޙުސައިން ޝާކިރު ވެދެވަޑައިގެންނެވިއިރު، އަމަންޢާންމުގެ ސިފައިންގެ ވަޒީފާ ހަމަޖެހިފައި އޮތީ، ގިނަ މަސައްކަތްތަކެއް އެއްބަޔަކު ކުރާ "އެކުވި ވަޒީފާ"އެއްގެ ގޮތުގައެވެ. މިގޮތުން، އޭރު ސިފައިންގެ ތެރޭގައި އަމަން ބެލެހެއްޓުމަށްޓަކައި ފޯރިމަރަންޖެހޭ ތަންތަނުގައި ފޯރިމެރުމާއި، ރަށުތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމާއި، އެކިއެކި ތަޙުޤީޤުތައް ކުރުމާއި، އަލިފާން ނިއްވުމާއި، ކުރިމަތިވާ ކުއްލި ހާދިސާތަކާއި، ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ފަދަ ގިނަ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދުމާ ގުޅިގެން ޙުސައިން ޝާކިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ހަމަޖެއްސެވިއިރު ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ މޭޖަރ ކަމުގެ ރޭންކުގައެވެ.

އެންމެ އާދައިގެ ސިފައިންގެ މީހެއްގެ ވަޒީފާއިން އެން.އެސް.އެސް.ގެ މޭޖަރ ކަމުގެ ރޭންކާ ހަމަޔަށް ޙުސައިން ޝާކިރަށް ވަޑައިގެންނެވުނީ، ހަވާލުކުރެއްވި ކޮންމެ ކަމެއްވެސް ޖެހިލުންވެވަޑައިގަތުމެއްނެތި، އެކަންކަން ކުރައްވައި، ދެއްކެވި ރީތި ނަމޫނާގެ ސަބަބުންނެވެ. އެން.އެސް.އެސް.ގެ 4 ނަންބަރު ސަރުދާރު ކަމާއި، 3 ނަންބަރު ސަރުދާރު ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، އެމް.އެން.ޑީ.އެފް.ގެ މޭޖަރ ކަމުގެ ރޭންކުގައި ޙުސައިން ޝާކިރު ކޮށްދެއްވި ޚިދުމަތްތަކަކީ ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ.

ސިފައިންގެ ވަޒީފާ އަދާކުރެއްވިއިރު، ޙުސައިން ޝާކިރު ބައިވެރިވެވަޑައިގެންނެވި ބޮޑެތި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ހުޅުލޭ އެއަރޕޯޓް ހެދުމުގެ މަސައްކަތާއި، މާލޭގެ ބިން ހިއްކަން ވެލިފުނި ޖެހި ދުވަސްވަރު، ސިފައިންނާ އެކީގައި، އެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމާއި، މާލެއިން ބިން ހިއްކުމުގެ މަޝްރޫޢަށް ސިފައިން ވެލި ހަދިޔާ ކުރުމުގެ ގޮތުން، ވެލި ބަރުކޮށްގެން އައި ވެލި ބަނޑެއް، ދޫނިދުއާއި މާލެއާ ދެމެދަށް އަޑިއަށް ދިޔުމާ ގުޅިގެން، ކަނޑުވި މީހުންގެ ތެރެއިން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތާއި، މާލޭގެ މަގުހެދުމަށް ކާނު ހަދައި، ސިފައިން އަކިރި ގެނައުމުގެ މަސައްކަތާއި، މާލެ ފެހިކުރުމަށް ސިފައިން އިސްނަގައިގެން ކުރި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.

ޙުސައިން ޝާކިރު، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، ތަޙުޤީޤާބެހޭ ބައިގައެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއާ ގުޅިގެން ފުލުސް އޮފީހުން ހިންގި ތަޙުޤީޤުތަކުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ. މިގޮތުން، ތަޙުޤީޤަށް އަލަށް ހައްޔަރުކުރެވޭ މީހުންނާއި، ވަގުތީގޮތުން ބައިތިއްބާ މީހުންނާއި، މިކަމާ ގުޅިގެން ހައްޔަރު ކުރެވިފައި ތިބި މީހުންގެ ވެލްފެއަރ ކަންތައްތައްވެސް ޙުސައިން ޝާކިރު ބަލަހައްޓަވައިފައި ވެއެވެ.

ޙުސައިން ޝާކިރަކީ، ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުން ކަމާގުޅޭ އެކިއެކި ތަމްރީނުތައް ފުރިހަމަކުރައްވައި، އަދި ވާރކްޝޮޕްތަކާއި ސެމިނާރުތަކުގައިވެސް ބައިވެރިވެވަޑައިގެންފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ސިފައިންގެޔަށް ޙުސައިން ޝާކިރު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ތަފާތު މެޑެއްޔާއި ކުލަ ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ އަދި އަޚްލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލް ހިމެނެއެވެ. އަދި ފުލުހުންގެ މެޑެލްވެސް ވަނީ ލިބިވަޑައިގެންފައެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ޝާކިރު ރިޓަޔަރ ކުރެއްވިއިރު، 45 އަހަރާއި 6 މަހަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ޙުސައިން ޝާކިރު ރިޓަޔަރ ކުރެއްވި ފަހުން މިހާރު 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވި ނަމަވެސް، ސިފައިންގޭގައްޔާއި ފުލުހުންގެ ތެރޭގައި ކޮށްދެއްވި ޚިދުމަތްތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރައްވައި، ޝަރަފުގެ މެޑެއްޔެއް ދެއްވުމަށް މިއަދުގެ ސަރުކާރުން ނިންމެވިކަން އެއީ، ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. އެ ދެ މުއައްސަސާއަށް ޝާކިރުގެ ހިތްޕުޅުގައި މިހާރުވެސް އުފެދިފައިވާ ޤަދަރާއި ލޯބި ނުހަނު ބޮޑެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ފުލުސް އޮފިސަރުގެ ގޮތުގައި ފާހަގަކުރައްވައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ޝަރަފުގެ އައްޑަނައެއް، 29 މާރިޗު 2023 ގައި އަރުވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.