އަލްފާޟިލް އިބްރާހީމް މޫސާ
މ. އަނޯނާގެ

އިބްރާހީމް މޫސާ، ދިވެހި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، ވުޒާރަތުލް މާލިއްޔާގެ ވަގުތީ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއިން 14 ޖޫން 1962 ގައެވެ. އެ ވަޒީފާއިން 31 މާރިޗު 1969ގައި ވަކިވެވަޑައިގެންނެވުމަށްފަހު، އަލުން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އޯޑިޓް އޮފީހުގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، އެ އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓް ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރެއްވިއެވެ. އޯޑިޓް އޮފީހުގައި 9 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގަތީ، 22 އޮގަސްޓު 1982 ގައި ސީނިއަރ ކްލާރކުގެ މަގާމަށެވެ. އޭގެފަހުން، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، މެއިންޓެނަންސް އޮފިސަރު ކަމާއި، ސީނިއަރ މެއިންޓެނަންސް އޮފިސަރު ކަމާއި، މެއިންޓެނަންސް ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، ކޯޑިނޭޓަރު ކަމާއި، ސީނިއަރ ކޯޑިނޭޓަރުގެ މަގާމު ފުރުއްވައިފައި ވެއެވެ. އިބްރާހީމް މޫސާ، 45 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވުމަށްފަހު، ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިބްރާހީމް މޫސާ، މައިގަނޑު ގޮތެއްގައި ކުރައްވައިފައި ވަނީ މެއިންޓަނަންސް ދާއިރާއާ ގުޅުންހުރި މަސައްކަތްތަކެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ކޮޓަރިކޮޅު ބެލެހެއްޓެވުމާއި، ވަޒީރުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާ ކޮޓަރިކޮޅާއި، އޮފީހުގެ އެންމެ އިސްވެރިންގެ ކޮޓަރިކޮޅުތަކާއި، ޖަލްސާތައް ބާއްވާ ކޮޓަރިކޮޅުތައް، ބައްދަލުވުންތަކަށް ތައްޔާރުކޮށް ޗެކް ކުރުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އޮފީހުގެ ނާރސަރީތައް ރަނގަޅު ފެންވަރެއްގައި ބެލެހެއްޓެވުމާއި، އޮފީހުގެ ދަތުރުތަކަށް ވެހިކަލްތައް ހަމަޖައްސައިދެއްވުމާއި، ރާއްޖެއިން ބޭރުން އޮފީހަށް ގެންނަ މުދާ ކަސްޓަމްސްއިން ކްލިއަރ ކުރުވުމާއި، އޮފީހުގެ ފޯނުލައިންތަކާއި، އެކްސްޓެންޝަންތަކަށާއި،
ޕީ.އޭ.ބީ.އެކްސް. ސިސްޓަމަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ބައްލަވައި ޙައްލުކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހަދަންޖެހޭ އިމާރާތްތަކާއި، އެ އޮފީހުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތާނގައި ހަދަންޖެހޭ އިމާރާތްތައް ހެއްދުމާއި، އެތަންތަނުގައި ހުންނަ ތަކެތި ބަލަހައްޓަވައި، މަރާމާތު ކުރުވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ހައްދަންޖެހޭ ތަކެތި ހެއްދުމަށް ތަންތަނާ ހަވާލުކުރެއްވުމާއި، އެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމުގެ މަސައްކަތްވެސް އިބްރާހީމް މޫސާ ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އޮފީސްތެރެއާއި، އޮފީހުގެ އާންމު ބޭނުމަށް ހުންނަ ތަންތަނާއި، އެކިއެކި ޚާއްޞަ ބޭނުންތަކަށް ހުންނަ ތަންތަނާއި، ވެހިކަލްތަކާއި، އޮފީހުގެ ފަރުނީޗަރާއި، ފޮޓޯކޮޕީ މެޝިންތަކާއި އަދި މިނޫންވެސް ހަރުމުދާ ފަދަ ތަކެތި މަރާމާތުކުރުވައި، ރަނގަޅު ފެންވަރެއްގައި ބެލެހެއްޓެވުމުގެ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

އިބްރާހީމް މޫސާ ފާހަގަކުރެވިފައި ވަނީ، އޮފީހަށް އެންމެ ކުރިން ވަޑައިގެން، އޮފީސް ހުޅުއްވައިދެއްވާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި އޮފީހަށް ހާޒިރުވުމުގައި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓެވި، އޮފީހަށް ގަޑިޖެހިފައި ނުވާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި އޮފީހުގެ ގޯތިތެރޭގައި ގަސް އިންދަވައިގެން، އޮފީސް ޒީނަތްތެރިކޮށް، އޮފީހުގެ ނާރސަރީއަށް ބޭނުންވާ ތަފާތު މުޑުވަކުގެ ގަސްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯއްދެވުމުގައްޔާއި، އަބަދުވެސް އެއް ފެންވަރެއްގައި ގަސްތައް ބެލެހެއްޓެވުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. މީގެއިތުރުން، އޮފީހުން ބާއްވާ ޚާއްޞަ ޙަފުލާތަކާއި ރަސްމިއްޔާތުތަކަށް، އެކަމެއް ބާއްވާ ތަން ތައްޔާރުކޮށް، ޒީނަތްތެރިކުރުމުގައި އިބްރާހީމް މޫސާގެ ހިއްސާ ވަރަށްބޮޑުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 27 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އިބްރާހީމް މޫސާއަށް ވަނީ އެކަމުގެ ހަނދާނީ ފިލާ، 2022 ވަނަ އަހަރު އަރުވައިފައެވެ.