އަލްފާޟިލް މުޙަންމަދު ނިޒާރު
ގ. އޮށްޓަރު

މުޙަންމަދު ނިޒާރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައި ވަނީ 14 އޮގަސްޓު 1974 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މެރިޖް ރަޖިސްޓްރޭޝަންސް ޑިވިޜަންގެ 2 ނަންބަރު ކާތިބު ކަމެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ފިނޭންސްގެ 1 ނަންބަރު ކާތިބު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އޭގެފަހުން، 10 ޖުލައި 1975 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 1 ނަންބަރު ކާތިބު ކަމުގެ މަގާމަށް ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަފާތު މަގާމުތަކުގައި މުޙަންމަދު ނިޒާރު، 32 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، 1 ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ސީނިއަރ ކޯޑިނޭޓަރުކަން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ގިނަ ދުވަހު މަސައްކަތް ކުރައްވައިފައި ވަނީ އެ އޮފީހުގެ ޖުޑީޝަލް އެފެއާޒް ސެކްޝަންގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މާލޭގެ ބިމާބެހޭ މައްސަލަތައް ބެލެހެއްޓެވުމާއި، ސަރުކާރުގެ އޮފީސްތަކުން ފޮނުއްވާ ޝަރީޢަތާ ބެހޭ މައްސަލަތައް ޚުލާޞާ ކުރެއްވުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ޤަޟިއްޔާ ނިންމަވައިފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ހުށަހަޅާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުމުން، ހައިކޯޓަށް ފޮނުއްވުމާއި، އެކަމުގެ ރެކޯޑު ބެލެހެއްޓެވުމާއި، އަމިއްލަ މީހުން ފޮނުވާ ޝަރީޢަތާ ބެހޭ މައްސަލަތަކާ ގުޅިގެން ކުރައްވަންޖެހޭ ކަންތައްތައް ކުރައްވައި، އެ ފަރާތްތަކަށް ޖަވާބު ދެއްވުން ހިމެނެއެވެ. މީގެއިތުރުން، ޝަރީޢަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ މަޖިލީހުގެ އެންމެހައި ކަންތައްތައްވެސް މުޙަންމަދު ނިޒާރު ބެލެހެއްޓެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ އިދާރީ ކަންތައްތައްވެސް ބަލަހައްޓަވައިފައި ވެއެވެ.

2009 ޖޫން 30ން ފެށިގެން މުޙަންމަދު ނިޒާރު ވަޒީފާ އަދާކުރައްވަމުން ގެންދެވީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، މިހާރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ޤައުމީ ޔުނިވަރސިޓީގެ މަޖްދުއްދީން ދަނާލުގެ މުދީރު ކަމުގެ މަގާމުގައި މުޙަންމަދު ނިޒާރު، ބާރަވަރަކަށް އަހަރު މަސައްކަތް ކުރައްވައިފައި ވެއެވެ. މުދީރު ކަމުގެ މަގާމުގައި ހުންނެވިއިރު ކުރައްވަމުން ގެންދެވީ، ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ފެކަލްޓީތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ތެރެއިން ދަނާލުގައި ތިބޭ ދަރިވަރުންގެ ކަންތައްތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ. އެގޮތުން، ދަނާލުގެ ހުރިހާ ކަމެއް ބެލެހެއްޓެވުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން، ހުރިހާ ޒިންމާއެއް އުފުއްލަވަމުން، ކަނޑައެޅިފައިވާ ގަވާއިދާއި ހަމަތަކުގެ މަތީން ދަރިވަރުންގެ ހުރިހާ ކަމެއް ބަލަހައްޓަވައިފައި ވެއެވެ.

އުމުރުން 65 އަހަރުވުމާ ގުޅިގެން، 28 މޭ 2021 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، މުޙަންމަދު ނިޒާރު ވަނީ ދައުލަތަށް 45 އަހަރާއި 10 މަހަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައެވެ.

މުޙަންމަދު ނިޒާރު މިހާ ދިގު މުއްދަތެއްގައި ވަޒީފާ އަދާކުރެއްވިއިރު، ސުލޫކީ މައްސަލައެއް ނުވަތަ އުސޫލުތަކާއި ގަވާއިދާ ޚިލާފުވުމުގެ އެއްވެސް މައްސަލައެއްވިޔަސް ޖެހިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މުޙައްމަދު ނިޒާރަކީ، ޚިދުމަތް ކުރެއްވުމުގައި ވަރަށް ޤާބިލުކަމާއި، ޒިންމާދާރުކަމާއި، ތެދުވެރިކަމާއި، ފަރުވާތެރިކަމާއި، އެހާމެ އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ކަމަށްކަމޭހިއްތަވައިގެން ޚިދުމަތް ކުރައްވައިފައިވާ އަޚްލާޤު ރަނގަޅު މުވައްޒަފެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ހަމަ އެއާއެކު، މުޙަންމަދު ނިޒާރަކީ، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނާވެސް ގުޅުން ވަރަށް ރަނގަޅު، ހާޒިރީއަށްވެސް ފަރުވާތެރި ނަމޫނާ މުވައްޒަފެކެވެ. މުޙަންމަދު ނިޒާރު ވަޒީފާ އަދާކުރެއްވިއިރު އަބަދުވެސް ބައްލަވަމުން ގެންދެވީ، އެއިރެއްގައި އުޅުއްވާ އޮފީހަކަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ކުރެއްވުމުގެ މައްޗަށެވެ.

32 އަހަރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، މުޙަންމަދު ނިޒާރަށް ވަނީ އެކަމުގެ ހަނދާނީ ފިލާ މިދިޔަ އަހަރު އަރުވައިފައެވެ.