އަލްފާޟިލާ ރައުފިއްޔާ މުޙައްމަދު
މއ. ނިވިކޯ

ރައުފިއްޔާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 ޑިސެންބަރު 1969 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ 1 ނަންބަރު ކާތިބާއެއްގެ ވަޒީފާއެވެ. އޭގެފަހުން، ތެފްޓް ޓްރައިލްސް ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމާއި، ކޯޓު ނަންބަރު 7ގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 5ގެ ސީނިއަރ ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 4ގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީނިއަރ ސެކްރެޓެރީ ކަމާއި، ސަދަން ރީޖަނަލް އޮފީހުގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރެއްވިއެވެ. އަދި އޭގެފަހުން، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ ސިވިލް އޮފިސަރު ކަމުގެ ވަޒީފާވެސް އަދާކުރައްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ރައުފިއްޔާ މުޙައްމަދު މައިގަނޑު ގޮތެއްގައި ކުރެއްވީ އިދާރީ މަސައްކަތްތަކެވެ. އެގޮތުން، މުވައްޒަފުންގެ ރަޖިސްޓަރީއާއި، ހާޒިރީއާއި، ޗުއްޓީގެ ރެކޯޑުތައް ބަލަހައްޓަވައި، ޔައުމިއްޔާ ލިޔުއްވައި، މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް، ދުވަހުން ދުވަހަށް އަދާހަމަކޮށް ބަލަހައްޓަވައި، ލިޔެކިޔުމުގެ ތަކެތީގެ ސްޓޮކް ބަލަހައްޓަވައި، ޕްރޮކިއުމަންޓުގެ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ކޯޓު ނަންބަރުތަކުގައި ވަޒީފާ އަދާކުރެއްވިއިރު، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިޔުއްވުމާއި، މަޙްޟަރު ބަޔާން ލިޔުއްވުމާއި، ޝަރީޢަތަށް މީހުން ހާޒިރުކުރުން ފަދަ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގައި ވަޒީފާ އަދާކުރެއްވިއިރު، އައްޑުއަތޮޅަށް ވަޑައިގެން، އެ އޮތޯރިޓީގެ ފަރާތުން ކުރައްވަންޖެހޭ އެކި ކަންކަން ވަރަށް ފަރުވާތެރިކަމާއެކު ކުރެއްވިއެވެ.

ރައުފިއްޔާ މުޙައްމަދަކީ، ހަވާލުކުރައްވައިފައިވާ މަސައްކަތްތަކުގެ އިތުރުން، އެހެން މުވައްޒަފުންގެ މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޮފީހުން ރާއްވަވައި ހިންގަވާ އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ރައުފިއްޔާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައެވެ. ހަމައެއާއެކު، ރައުފިއްޔާ މުޙައްމަދަކީ، މައްޗަންގޮޅީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ރައުފިއްޔާ މުޙައްމަދު، 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، އުމުރުން 65 އަހަރު ވެގެން ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ 15 ޑިސެންބަރު 2015 ގައެވެ.