އަލްފާޟިލާ ޢާއިޝަތު އަޙްމަދު
މ. ކަނދޮޅު

ޢާއިޝަތު އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 31 މާރިޗު 1977 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ ޓެލެޕްރިންޓަރ އޮޕަރޭޓަރެއްގެ ވަޒީފާއެވެ. މި ވޭތުވެދިޔަ 46 އަހަރަށްވުރެ ދިގު މުއްދަތުގައި ޢާއިޝަތު އަޙްމަދު ޚިދުމަތް ކުރެއްވީ، ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައެވެ.

ޢާއިޝަތު އަޙްމަދު، އެންމެ ފުރަތަމަ މައިގަނޑު ގޮތެއްގައި ކުރެއްވީ، އޭރުގެ ބޮމްބޭ މާލޭ ލިންކް އޮފީހުގައި ރާއްޖެއިން ބޭރަށް މެސެޖް ފޮނުވުމުގެ މަސައްކަތެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ރާއްޖޭގެ ބޯޓުފަހަރަށް ދޫކުރާ ޝިޕް ސްޓޭޝަން ލައިސަންސް ހެދުމަކީވެސް ޢާއިޝަތު އަޙްމަދު ކުރެއްވި މަސައްކަތެކެވެ. އޭގެފަހުން ކުރައްވަމުން ގެންދެވީ، އޮފީހުގެ އިދާރީ މަސައްކަތްތަކެވެ.

ޢާއިޝަތު އަޙްމަދު މި އިދާރާގައި މަސައްކަތްތައް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި އެއްވެސް ބާވަތެއްގެ މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އޮފީހަށް ހާޒިރުވުމުގައި ޢާއިޝަތު އަޙްމަދު ދުވަހަކުވެސް ގަޑިޖެހިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޢާއިޝަތު އަޙްމަދު ފާހަގަކުރެވިފައި ވަނީ ވަޒީފާ އަދާކުރެއްވުމުގައި، ވަރަށް ފަރުވާތެރިކަމާއެކު، މަސައްކަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ޢާއިޝަތު އަޙްމަދަކީ އޮފީހުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފު ކަމަށްވިޔަސް، އޮފީހަށް އަލަށް ވަންނަ ޒުވާން މުވައްޒަފުންނާ އެކުގައިވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މިގޮތުން، އޮފީހުގެ އެކި މަސައްކަތްތައް އަލަށް ވަންނަ މުވައްޒަފުންނަށް ދަސްކޮށްދެއްވުމާއި، އެކިއެކި އިންޑަކްޝަން ޕުރޮގުރާމުތައް ހިންގުމުގައި މުވައްޒަފުންނަށް އިރުޝާދު ދެއްވައި، ތަޖުރިބާތައް ހިއްސާ ކުރައްވަމުން ގެންދަވައެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި، އެކިއެކި ނަންނަމުގައި ޓެލެކޮމިއުނިކޭޝަނާ ބެހޭ އިދާރާ ހިނގަމުންދިޔައިރު، އެ އިދާރާގެ ހިއުމަން ރިސޯސަސްއާ ބެހޭ އެންމެހައި ކަންކަން ކުރެވިފައި ވަނީ، ޢާއިޝަތު އަޙްމަދުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި މިހާރުވެސް އެ އިދާރާގެ ހިއުމަން ރިސޯސަސް ސެކްޝަން ހިންގަވާ އިސްވެރިޔަކީ ޢާއިޝަތު އަޙްމަދެވެ.

1970ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ވަރަށް ބޮޑެތި އިންޤިލާބީ ބަދަލުތައް އައިއިރު، މި ހުރިހާ ބަދަލުތައް އަންނަމުންދިޔަ ތަން އެންމެ ކައިރިން ތަޖުރިބާ ކުރެއްވި އެއްބޭފުޅަކީ ޢާއިޝަތު އަޙްމަދެވެ. ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ބަލަހައްޓާ އޮފީސް ހިންގުމުގައި، މިއަދާ ހަމައަށް ޢާއިޝަތު އަޙްމަދު އެއްވެސް ވަރުބަލިފުޅުކަމެއް ނެތި ދެއްވަމުން ގެންދަވާ ދެގޮތެއްނުވާ ޚިދުމަތްތަކަށް ބަދަލެއް ނާންނަކަން އެއީ، ފާހަގަކޮށްލަންޖެހޭ ޚާއްޞަ ކަމެއްވެސް މެއެވެ.