އަލްފާޟިލް ޢަބްދުލްޙަކީމް މޫސާ
ދަފްތަރު. ނަންބަރު ރސ 6207، މާލެ

ޢަބްދުލްޙަކީމް މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 މާރިޗު 1977 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ހެލްތުގެ ޑޮމިސިލިއަރީ ވަރކަރެއްގެ ވަޒީފާއެވެ. 4 ޖަނަވަރީ 1978 ގައި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގައި ޑަބްލިޔު.އެޗް.އޯ.ގެ ދަށުން ހިންގާ މެލޭރިއާ ޕްރޮޖެކްޓްގެ ޑޮމިސިލިއަރީ ވަރކަރެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތުމަށްފަހު، 9 އޮގަސްޓު 1982 އާ ހަމަޔަށް ޑޮމިސިލިއަރީ ވަރކަރެއްގެ ގޮތުގައި ޕަބްލިކް ހެލްތު ޑިވިޜަންގައްޔާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގައި މަސައްކަތް ކުރެއްވިއެވެ. ޢަބްދުލްޙަކީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 46 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

ޢަބްދުލްޙަކީމް މޫސާ، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފީލްޑް ވަރކަރު ކަމާއި، ޕޯޓް ހެލްތު ފީލްޑް ވަރކަރު ކަމާއި، ސީނިއަރ ޕޯޓް ހެލްތު ފީލްޑް ވަރކަރު ކަމާއި، ޕަބްލިކް ހެލްތު އޮފިސަރުކަން ކުރައްވައިފައި ވެއެވެ. އަދި ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ޕަބްލިކް ހެލްތު އޮފިސަރު ކަމާއި، ޕަބްލިކް ހެލްތު ޕުރޮގުރާމް އޮފިސަރު ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ޢަބްދުލްޙަކީމް މޫސާ ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، މިނިސްޓްރީ އޮފް ހެލްތާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ހިންގަމުން ގެންދިޔަ، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތައް ކުރެއްވުމެވެ. އެގޮތުން، މެލޭރިއާ ކޮންޓްރޯލް ކުރުމުގެ މަސައްކަތާއި، ޕްލޭގާއި، ޝިގެއްލާ އަދި ސާސް ރޯގާގެ މަސައްކަތްތަކުގައި، ކުރީ ސަފުގައި ހުންނަވައިގެން ބައިވެރިވެވަޑައިގެންފައި ވެއެވެ. އެކިއެކި ބަލިތަކަށް ވެކްސިން ދިނުމުގެ މަސައްކަތާއި، ސާމްޕަލް ނެގުމުގެ މަސައްކަތުގެ އިތުރުން، މި ފަހުން ކުރިމަތިވި ކޯވިޑުގެ ޢާލަމީ ވަބާގައި، ކުރީ ސަފުގައި ހުންނަވައިގެން، މާލޭ ސީ ޕޯޓްގައި ޢަބްދުލްޙަކީމް ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި މަސައްކަތްތައް ބަދަލުވެ، ހެދޭ ގަވާއިދުތައް އެކުލަވައިލުމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ޢަބްދުލްޙަކީމް ދެއްވައިފައި ވެއެވެ.

ޢަބްދުލްޙަކީމް މޫސާ، މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ހަމައެއާއެކު، އޮފީހަށް އަންނަ ފަރާތްތަކަށް އެކިއެކި ކަންކަމުގައި ޢަމަލުކުރަންވީ ގޮތް އޮޅުންފިލުއްވައިދެއްވައި، އަދި އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް، މި މަސައްކަތްތަކުގެ ފުރިހަމަ މަޢުލޫމާތު ދެއްވައި، ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ދެއްވަމުން ގެންދަވައެވެ.

ޢަބްދުލްޙަކީމް މޫސާއަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ. 1 ޖަނަވަރީ 2013 ން ފެށިގެން ޢަބްދުލްޙަކީމް މޫސާ ފުރުއްވަމުން ގެންދަވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޕަބްލިކް ހެލްތު ޕުރޮގުރާމް އޮފިސަރު ކަމުގެ މަގާމެވެ.