އަލްފާޟިލް އިބްރާހީމް ފައުޒީ
މ. އޯކިޑްވާދީ

އިބްރާހީމް ފައުޒީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އަދި ދަރިވަރުންގެ ލޯބި ހޯއްދަވައިފައިވާ ވަރަށް އިޚުލާޞްތެރި މުދައްރިސެކެވެ.

އިބްރާހީމް ފައުޒީ، މަޖީދިއްޔާ ސްކޫލްގެ ޘާނަވީ 1 ވަނަ ކްލާހުގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވަނިކޮށް، އުމުރުން އެންމެ 15 އަހަރުގައި ފައުޒީއަށް ސަރުކާރުން ވަޒީފާ ދެއްވިއެވެ. ފައުޒީއަކީ އޭރުވެސް ޢަރަބި ތާނަ ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅަކަށްވުމުން، ފުރަތަމަ ހަމަޖެއްސެވީ، އޭރުގެ މަދްރަސަތުލް ޙަމީދިއްޔާގެ މުދައްރިސަކަށެވެ. ޢަރަބި ތާނަ ލިޔަން ދަސްކޮށްދިނުމާއި، ދިވެއްސާއި، ދީނިއްޔާތު ކިޔަވައިދެއްވާ މުދައްރިސެއްގެ ގޮތުގައެވެ. އެއީ، މާލޭގެ އަވަށު މަދަރުސާތަކަށް ސަރުކާރުން މުދައްރިސުން ހަމަޖެއްސެވި ފުރަތަމަ ފަހަރުވެސް މެއެވެ. އޭގެފަހުން، ވުޒާރަތުލް މަޢާރިފުގެ މުދައްރިސް ކަމާއި، ޚާއްޞަ މުދައްރިސްކަންވެސް ކުރެއްވިއެވެ.

މި ދާއިރާގައި ތިން އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އިބްރާހީމް ފައުޒީ ދެން ޚިދުމަތް ކުރައްވަމުން ގެންދެވީ، އިދާރީ ދާއިރާގައެވެ. މިގޮތުން، ވަޒީރުލް އަޢުޡަމްގެ އޮފީހުގެ މާލޭ ރަޖިސްޓަރީ އޮފީހުގެ 1 ނަންބަރު ކާތިބު ކަމާއި، ވުޒާރަތުލް މަޢާރިފް (ނ)ގެ 1 ނަންބަރު ކާތިބު ކަމާއި، މަޙްކަމަތުއް ޝަރްޢިއްޔާ (ނ)ގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒްގެ ސެކްރެޓެރީ ކަމާއި، ރަޖިސްޓްރޭޝަން ޑިވިޜަން (ށ)ގެ 1 ނަންބަރު ކާތިބުކަން ކުރެއްވިއެވެ.

އިބްރާހީމް ފައުޒީ، 27 ޑިސެންބަރު 1972 ގައި ތަޢުލީމީ ދާއިރާއާ އަލުން ގުޅިވަޑައިގަތެވެ. އެއީ، އަމީނިއްޔާ ސްކޫލްގެ މުދައްރިސް ކަމުގެ މަގާމުންނެވެ. އޭގެފަހުން، މަޖީދިއްޔާއާއި، އަމީނިއްޔާ ސްކޫލްގެ ޢަރަބި ތާނަ ލިޔަން ދަސްކޮށްދޭ މުދައްރިސް ކަމުގެ މަގާމާއި، މަޖީދިއްޔާ ސްކޫލްގެ ދިވެހި މުދައްރިސް ކަމުގެ މަގާމު ފުރުއްވިއެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގައި، ފަހުން ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ދިވެހި މުދައްރިސް ކަމުގެ މަގާމުގައެވެ. މިގޮތުން، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މުއައްސަސާއަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. އޭރު ޤައުމީ ފެންވަރުގައި ބޭއްވުނު ގިނަ އަދަބީ މުބާރާތްތަކުން ރަން ވަނަތަކެއް މަޢުހަދު ހާސިލުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މި ކާމިޔާބީތައް މަޢުހަދުގެ ދަރިވަރުން ހާސިލު ކުރަމުން ގެންދިޔައިރު، އެ ދަރިވަރުންގެ ދިވެހި މުދައްރިސެއްގެ ހައިސިއްޔަތުން އިބްރާހީމް ފައުޒީ ވަރަށް މުހިންމު ދައުރެއް ވަނީ އަދާކުރައްވައިފައެވެ.

އިބްރާހީމް ފައުޒީއަކީ، ދިވެހިރާއްޖެއިން ލިޔަންކިޔަން ދަތުން ފުހެލެއްވުމަށް 1980 ވަނަ އަހަރު ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގައިވެސް ކިޔަވައިދެއްވައިފައިވާ ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރުމަށްޓަކައި އުފެއްދެވި، ކީރިތި ޤުރްއާން ދިވެހިބަހުން ތަރުޖަމާކުރާ ކޮމިޓީގެ ސެކްރެޓެރީކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

އުމުރުން 65 އަހަރު ވެގެން 1 މޭ 2008 ގައި އިބްރާހީމް ފައުޒީ ރިޓަޔަރ ކުރެއްވިއިރު، 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އޭގެތެރެއިން 37 އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވީ، ތަޢުލީމު އުނގަންނައިދެއްވުމުގައެވެ. ފައުޒީ ކިޔަވައިދެއްވި ކުދިން، ސަރުކާރުގެ އިސް މަގާމުތަކުގައި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާކަމީ، ފައުޒީއަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފާފުޅެވެ.