އަލްފާޟިލް މުޙައްމަދު ޢަލީ
ގ. ދަލާސްޓް

މުޙައްމަދު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އޯޑިޓް އޮފީހުގައި އޮޑިޓް އޮފިސަރ (ޓްރޭނީ) އެއްގެ މަގާމުގައި 19 އެޕްރީލް 1975 ގައެވެ. އޯޑިޓް އޮފީހުގައި ހޭދަކުރެއްވި 24 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޖޫނިއަރ އޮޑިޓް ކްލަރކް ކަމާއި، އެކައުންޓެންޓް ކަމާއި، ސީނިއަރ އެކައުންޓެންޓް ކަމާއި، ސީނިއަރ އޮޑިޓް އެކައުންޓެންޓް ކަމާއި، އެސިސްޓެންޓް އޮޑިޓަރ ކަމާއި، އޮޑިޓަރ ގްރޭޑް 3 ކަމާއި، އޮޑިޓަރ ގްރޭޑް 2 ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ އޮފް އޮޑިޓް އަދި ޑިރެކްޓަރ އޮފް އޮޑިޓުގެ މަގާމު ފުރުއްވައިފައި ވެއެވެ.

އޯޑިޓް އޮފީހާ ގުޅިވަޑައިގަތުމުގެ ފުރުޞަތު މުޙައްމަދު ޢަލީއަށް ލިބިވަޑައިގެންނެވީ، ސަރުކާރުގެ އޮފީސްތައް އޮޑިޓް ކުރުމަށް އޮޑިޓަރުން ތަމްރީނު ކުރުމަށް ހުޅުވައިލެއްވުމުން، އެކަމަށް ކުރިމަތިލައްވައި، އޮޑިޓަރުން ތަމްރީނު ކުރުމަށް ހިންގެވި ކޯހުން އެންމެ މަތިން ފާސްވި 10 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހިސާބުންނެވެ.

އޯޑިޓް އޮފީހުގައި ފައިސާއާބެހޭ ހުރިހާ މުޢާމަލާތުތަކާއި، އޮޑިޓް ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރައްވައިފައި ވަނީ މެނުއަލްކޮށެވެ. މިއީ، ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހުނު މަސައްކަތަކަށްވިޔަސް، ފޫހިކަމެއްނެތި، ވަރަށް ޝައުޤުވެރިކަމާއެކު، އޭރު އޮޑިޓް ނުކުރެވި ހުރި އޮފީސްތަކުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އޮޑިޓުގެ ފީލްޑް މަސައްކަތުން ފެށިގެން، އެކްސްޓަރނަލް އޮޑިޓުގެ ހުރިހާ މަސައްކަތްތަކެއް މެނޭޖް ކުރައްވައި، ސުޕަވައިޒް ކުރެއްވިއެވެ. ރާއްޖޭގައި އިންޓަރނަލް އޮޑިޓާއި، އެކްސްޓަރނަލް އޮޑިޓް ކުރުމުގެ ނިޒާމު، މި ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގައިވެސް މުޙައްމަދު ޢަލީގެ ހިއްސާ ވަރަށް ބޮޑެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ އެކްސްޓަރނަލް އޮޑިޓް ހިންގުމުގައި ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައި މުޙައްމަދު ޢަލީ ފަހުން ޚާއްޞަވެވަޑައިގެންނެވިއެވެ.

މުޙައްމަދު ޢަލީގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބޭނުންފުޅުވެގެން، 20 ސެޕްޓެންބަރު 1999 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރެއްވިއެވެ. އަދި ޑިރެކްޓަރ، ބަޖެޓުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ބަޖެޓުގެ މަގާމާއި އަދި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގަތީއްސުރެ، ބަޖެޓް އެންޑް ފައިނޭންސާ ބެހޭ ބައިގެ މަސައްކަތްތައް ހިންގަވައިފައި ވަނީ މުޙައްމަދު ޢަލީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އަދި ބަޖެޓާއި ފައިނޭންސާއި، މެއިންޓެނަންސް ދާއިރާގެ މަސައްކަތްތައް، ހަރުދަނާ އުސޫލެއްގެ މަތިން ކުރިއަށް ގެންދެވުމުގައި، 22 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. މި ދިގު މުއްދަތުގައި، އޮފީހުގެ ފައިސާއާ ގުޅޭ މުޢާމަލާތުތައް ވަރަށް ގާތުން ބައްލަވައި، ބަޖެޓާ ގުޅޭ އެންމެހައި ކަންކަމުގައްޔާއި، ފައިނޭންޝަލް މެނެޖްމަންޓާއި، ޕްރޮކިއުމަންޓް ޕްރޮސެސްތައް ރީސްޓްރަކްޗަރ ކުރެއްވުމާއި، ޕްރޮޕަޓީ މެނެޖްމަންޓާއި، އޮފީހުގެ އިންޓަރނަލް އޮޑިޓާ ގުޅޭ މަސައްކަތްތައް ހިންގެވުމުގައި، މުޙައްމަދު ޢަލީގެ ދައުރު ވަރަށް ބޮޑެވެ. މީގެއިތުރުން، ކޯޕަރޭޓް ސަރވިސް އޮފީހުގެ ކަންތައްތައް ހަރުދަނާކޮށް، މުހިންމު ނިންމުންތައް ނިންމުމުގައި، މުޙައްމަދު ޢަލީގެ ހިއްސާ ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހެއެވެ. އަދި އޮފީހުގެ ފައިނޭންޝަލް ޕްލޭންތަކާއި ރިޕޯޓުތައް ތައްޔާރުކުރުމުގައި ލަފާދެއްވުމާއި، ފައިނޭންޝަލް ފޯކާސްޓްތައް ހެދުމުގައްޔާއި، އޮފީހުގެ ބަޖެޓް، މެދުރާސްތާގެ އުސޫލުތަކާ އެއްގޮތަށް އެކުލަވައިލުމުގައި، ފައިނޭންސް އެންޑް މެއިންޓެނަންސް ޓީމު ކުރިއަށްދާންވީ ގޮތުގެ ލަފައާއި އިރުޝާދު ދެއްވައިފައި ވެއެވެ. މުޙައްމަދު ޢަލީ އަބަދުވެސް އެންމެ އިސްކަމެއް ދެއްވައިފައި ވަނީ، ފައިސާއާ ގުޅޭ ހުރިހާ މުޢާމަލާތުތަކެއް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބައްޓަން ކުރެއްވުމަށެވެ.

މުޙައްމަދު ޢަލީ، 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައި ވަނީ، ފައިސާއާބެހޭ ދާއިރާގައި ކަމަށްވީއިރު، މުޙައްމަދު ޢަލީ ފާހަގަކުރެވިފައި ވަނީ، ތެދުވެރިކަމާއި، ހީވާގިކަމާއި، އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި، މީގެއިތުރުން، މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި، މަސައްކަތުގައި ރީތި ނަމޫނާ ދައްކަވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. މުޙައްމަދު ޢަލީ ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ، އުމުރުން 65 އަހަރުވުމާ ގުޅިގެން، 25 އޮކްޓޫބަރު 2021 ގައެވެ. އޭރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިނޭންޝަލް ކޮންސަލްޓަންޓް ކަމުގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 22 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މުޙައްމަދު ޢަލީއަށް ވަނީ އެކަމުގެ ހަނދާނީ ފިލާ، 2022 ވަނަ އަހަރު އަރުވައިފައެވެ.