އަލްފާޟިލް ޢަލީ އިބްރާހީމްމަނިކު
ގ. ސާތީ

ޢަލީ އިބްރާހީމްމަނިކު، 1955ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ވުޒާރަތުލް މާލިއްޔާގެ ކާތިބު ކަމުގެ ވަޒީފާއިންނެވެ. އެ ވުޒާރާގައި ޚިދުމަތް ކުރެއްވި 7 އަހަރު ދުވަހުގެ ތެރޭގައި، ހިސާބު ބަލަހައްޓާ ކާތިބު ކަމާއި، 1 ނަންބަރު ކާތިބު ކަމާއި، ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އެއަށްފަހު، މޯލްޑިވިއަން ގަވަރންމަންޓް ބޮޑު އިސްޓޯރުގެ އަތިރީ މާފަންނުގޭ ވިޔަފާރި މެނޭޖަރުގެ މަގާމަށް ހަމަޖެއްސެވީ، 4 އޮކްޓޫބަރު 1967 ގައެވެ. އަދި 13 ފެބުރުވަރީ 1972 ގައި، އޯޑިޓް އޮފީހާ ގުޅިވަޑައިގެން، އެ އޮފީހުގެ 2 ނަންބަރު ކާތިބު ކަމާއި، އެސިސްޓެންޓް އެކައުންޓެންޓުގެ މަގާމު އަދާކުރެއްވިއެވެ. 8 އޮގަސްޓު 1976 ގައި، މިނިސްޓްރީ އޮފް ޖަސްޓިސްއަށް ބަދަލުވެވަޑައިގެން، އެ މިނިސްޓްރީގެ ސެކްރެޓެރީ ކަމުގެ މަގާމު އަދާކުރެއްވުމަށްފަހު، ކަސްޓަމްސްއަށް ބަދަލުވެވަޑައިގަތެވެ. އެތާނގައި ކަސްޓަމްސް ސަރވިސަސް ބްރާންޗުގެ ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރ ކަމުގެ މަގާމު އަދާކުރެއްވިއެވެ. 16 ޖޫން 1981 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީގެ މަގާމަށް ބަދަލުކުރެއްވިއެވެ. އަދި ޕެންޝަން އެންޑް ސޯޝަލް ވެލްފެއަރ ޑިވިޜަނަށް ބަދަލުކުރައްވައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ސެކްރެޓެރީގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ދޫކުރެއްވުމުން، ކުޑަދުވަސްކޮޅަކު އެ މަޖިލީހުގައި މަސައްކަތް ކުރެއްވިއެވެ.

ޢަލީ އިބްރާހީމްމަނިކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޢަލީ އިބްރާހީމްމަނިކު، ވަޒީފާ އަދާކުރެއްވިއިރު، ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ މަގާމުތަކަށާއި، ސަރުކާރުން ހިންގާ ކުންފުނިތަކުގެ މަގާމުތަކަށް މުސާރައިގެ އިތުރަށްދޭ އެހީތައް ހަމަޖެއްސެވުމާއި، އޮފީސްތަކުގެ ވެރިންނަށް ޗުއްޓީ ހަމަޖައްސަވައި ދެއްވައި، އެ ތަންތަން ވަގުތީގޮތުން ހިންގަވާނޭ ބޭފުޅުން ހަމަޖެއްސެވުމާއި، ހައްޔަރުކުރެވޭ މުވައްޒަފުންގެ ވަޒީފާއާއި މުސާރައިގެ ކަންތައްތަކާއި، ރެކޯޑު ބެލެހެއްޓެވުމާއި، ޝަރީޢަތުން ޙުކުމް ކުރައްވައި އަދަބު ކަނޑައަޅުއްވާ މުވައްޒަފުންނާއި، އެކި ކަންކަމާ ގުޅިގެން ނަސޭހަތް ދެވޭ ނުވަތަ އިންޒާރު ދެވޭ މުވައްޒަފުންގެ ރެކޯޑު ބެލެހެއްޓެވުމާއި، ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެއްވުމާއި، ނޯޓިސް ދެވޭ މުވައްޒަފުންގެ ރެކޯޑު ބެލެހެއްޓެވުން ހިމެނެއެވެ. އަދި އޮފީސް އޮފީހުގެ މުވައްޒަފުންނާ މެދު ކަންތައް ކުރައްވާގޮތާ މެދު ހިތްހަމަނުޖެހިގެން މުވައްޒަފުން ހުށަހަޅުއްވާ މައްސަލަތައް ބެއްލެވުމާއި، އަސާސީ މުސާރައިގެ އިތުރަށް ދޭ އެހީތަކާ ބެހޭގޮތުން މީހުން ފޮނުވާ ސިޓީތަކުގެ މައްސަލަތަކާއި، ވަޒީފާއިން ވަކިވުމަށް އެދި މީހުން ފޮނުވާ ސިޓީތަކުގެ މައްސަލަތަކާއި، މުވައްޒަފުންގެ ސުލޫކީ މައްސަލަތަކާއި، މުވައްޒަފުން ގަވާއިދާ ޚިލާފުވުމުގެ މައްސަލަތަކާއި، މުވައްޒަފުންނާ ބެހޭ ކަންތައްތައް ހިންގުމުގެ ގަވާއިދުގެ ބައިތަކުގެ މާނައާމެދު ނުވަތަ ގަވާއިދުގެ ދަށުން މައްސަލަ ނިންމާނޭ ގޮތަކާމެދު ލަފައަކަށް އެދިވަޑައިގެން، ސަރުކާރުގެ އޮފީސްތަކުން ފޮނުއްވާ މައްސަލަތައް ބެއްލެވުމާއި، ސަރުކާރުގެ އޮފީސްތަކުގެ ރަޖިސްޓަރީތައް ލިޔުއްވައި، އައުކޮށް ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ޗުއްޓީގައި ވަޑައިގަންނަވާ ވަޒީރުންގެ މަޢުލޫމާތު ބެލެހެއްޓެވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާ ދެންނެވުންތައް އޮފީސްތަކަށާއި، އަތޮޅުތެރެއަށް ފޮނުއްވުމާއި، މުވައްޒަފުން ގަޑިޖެހުމުން ގަޑީލާރި ނަގާ ޓޭބަލް ތައްޔާރުކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.

މީގެއިތުރުން، ޢަލީ އިބްރާހީމްމަނިކު ވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި އޮފީހުން ބާއްވާ ޚާއްޞަ ޙަފުލާތަކާއި ރަސްމިއްޔާތުތަކުގައި، ރަސްމިއްޔާތު ބާއްވާ ތަން ޒީނަތްތެރިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢަލީ އިބްރާހީމްމަނިކު 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، ފާހަގަކުރެވިފައި ވަނީ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެއްވި، ހަވާލުކުރެވޭ މަސައްކަތްތައް ވަރަށް ޒިންމާދާރުކަމާއެކު ކުރައްވައިފައިވާ، އޮފީހަށް ހާޒިރުވުމުގައި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓެވި، އޮފީހަށް ގަޑިޖެހިފައި ނުވާ، މަސައްކަތުގެ މާޙައުލުގައި އަޚްލާޤު ހިފެހެއްޓެވި، މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ. ޢަލީ އިބްރާހީމްމަނިކު ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ 1 މޭ 2008 ގައެވެ. އޭރު ހުންނެވީ ސީނިއަރ ކޯޑިނޭޓަރ ކަމުގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 26 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަލީ އިބްރާހީމްމަނިކަށް ވަނީ އެކަމުގެ ހަނދާނީ ފިލާ، 2022 ވަނަ އަހަރު އަރުވައިފައެވެ.