އަލްފާޟިލް ޢަލީ ނިޒާރު
ގ. ފަޑުނުވާގެ

ޢަލީ ނިޒާރު، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، އަމަންޢާންމުގެ ޕިޔޯނެއްގެ ވަޒީފާއިން 2 މޭ 1964 ގައެވެ. 4 އަހަރެއްހާ ދުވަހު އެ ވަޒީފާ އަދާކުރެއްވުމަށްފަހު، ބަދަލުވެވަޑައިގަތީ، އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއަށެވެ. އޭގެފަހުން އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސަރޖަންޓްކަން ކުރެއްވިއެވެ.

ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި 33 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޢަލީ ނިޒާރަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ޤާބިލުކަމާއި ތެދުވެރިކަމާއެކު ކުރެއްވި ބޭފުޅެކެވެ. އަދި މުއައްސަސާއިން ހިންގައިފައިވާ ގިނަ ކަންތައްތަކުގައި ޢަލީ ނިޒާރު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، އެކި ދުވަސްވަރު ސިފައިންގެއިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، ބައެއް އަތޮޅުތަކުގައި ކުރެވުނު ތަޙުޤީޤުތަކުގައްޔާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، އޮޕަރޭޝަން ދަންމާނުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢަލީ ނިޒާރު ޚިދުމަތުގެ މުއްދަތުގައި ހޯއްދެވި ކާމިޔާބީތަކުގެ ތެރޭގައި، ޕޮލިސް ހެޑްކުއާރޓަރޒްގެ އެޑްމިންގައި އެންމެ ރަނގަޅަށް މަސައްކަތް ކުރައްވައިފައިވާ އެން.ސީ.އޯ.އެއްގެ ގޮތުގައި އެކިފަހަރުމަތިން ހޮވިވަޑައިގެންފައިވާ ކަމާއި، ޓްރާންސްޕޯޓް ސެކްޝަންގައި މަސައްކަތް ކުރެއްވިއިރު، އެންމެ ރަނގަޅަށް މަސައްކަތް ކުރެއްވި ސިފައިންގެ މީހެއްގެ ގޮތުގައިވެސް ޢަލީ ނިޒާރު ހޮވިވަޑައިގެންފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުން ދިފާޢު ކުރެއްވުމުގައި ޢަލީ ނިޒާރު ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

ޢަލީ ނިޒާރު ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 3 މެޑެއްޔާއި 6 ކުލަ ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެލް ހިމެނެއެވެ. ހާސިލު ކުރެއްވި ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ.

ސިފައިންގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހު، ޢަލީ ނިޒާރު ޚިދުމަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާގައެވެ. އެ އޮފީހުގެ ސެކިއުރިޓީ އޮފިސަރުގެ ވަޒީފާގައި 9 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރެއްވިއިރުވެސް ޢަލީ ނިޒާރު ފާހަގަކުރެވިފައި ވަނީ، ވަގުތަށް ކަމޭހިއްތަވައިގެން ޒިންމާދާރުކަމާ އެކުގައި ޑިއުޓީ އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

46 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ޢަލީ ނިޒާރު ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ 1 މާރިޗު 2011 ގައެވެ.