އަލްފާޟިލް ޢަބްދުލްޢަޒީޒް މޫސާ
ހ. މުލަންމާވިލާ

ޢަބްދުލްޢަޒީޒް މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 20 ސެޕްޓެންބަރު 1973ގައި ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރައިލްސް ޑިވިޜަންގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. އެ ވަޒީފާގައި ހުންނަވަނިކޮށް 17 ސެޕްޓެންބަރު 1974 ގައި މިނިސްޓްރީ އޮފް ފިޝަރީޒްގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. އެ މިނިސްޓްރީގައި ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، އެ މިނިސްޓްރީގެ ފައިސާއާއި މުދާ ބެލެހެއްޓެވުމާއި، އެ ތަކެތީގެ ހިސާބުތަކާއި ރިޕޯޓުތައް ތައްޔާރުކުރެއްވުމުގެ މަސައްކަތެވެ.

އޭގެފަހުން، 3 ސެޕްޓެންބަރު 1977 ގައި ބަދަލުވެވަޑައިގަތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސެކްރެޓެރީގެ ވަޒީފާއަށެވެ. އެ އޮފީހުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމާއި، ވަކީލު ކަމާއި، ސީނިއަރ އަންޑަރ ސެކްރެޓެރީ ކަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމު ހިމެނެއެވެ. އެ އޮފީހުގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އޮފީހުގެ މުވައްޒަފުންނާ ބެހޭ ކަންތައްތަކާއި، އޮފީހުގެ ފައިސާއާއި މުދަލާބެހޭ ކަންތައްތަކާއި، އޮފީހުގެ އިދާރީ ހިންގުމާ ގުޅޭ އެހެނިހެން ކަންތައްތައް ހިންގަވައި ބެލެހެއްޓެވުމާއި، ދައުލަތުގެ ފަރާތުން ޝަރީޢަތަށް ފޮނުއްވާ މައްސަލަތަކުގެ ރިކޯޑުތައް ބެލެހެއްޓެވުމާއި، މައްސަލަތަކާ ގުޅިގެން ޝަރީޢަތަށް ފޮނުވަންޖެހޭ ރިޕޯޓުތަކާއި ލިޔުންތައް ތައްޔާރުކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަޒީފާއިން 1 މާރިޗު 1993 ގައި ޢަބްދުލްޢަޒީޒް މޫސާ ބަދަލުވެވަޑައިގަތީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރުގެ ވަޒީފާއަށެވެ. އެ މަރުކަޒުގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، މަރުކަޒުގެ އިދާރީ ކަންތައްތައް ހިންގަވައި ބެލެހެއްޓެވުމުގެ މަސައްކަތެވެ. އެ ވަޒީފާގައި ހުންނަވަނިކޮށް 8 ފެބުރުވަރީ 1994 ގައި، ހައްދުންމަތީ އަތޮޅުވެރިކަމުގެ މަގާމަށް ޢަބްދުލްޢަޒީޒް މޫސާ އިސްކުރެއްވިއެވެ. އެ މަގާމުގައި 1 އެޕްރީލް 1996 އާ ހަމައަށް ހުންނެވިއިރު، އަތޮޅުގެ ރަށްރަށުގެ އޮފީސްތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ހިންގުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ބައެއް މަސައްކަތްތައް ކުރެއްވިއެވެ.

1 އެޕްރީލް 1996 ން ފެށިގެން ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ހޭދަވި 25 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޢަބްދުލްޢަޒީޒް މޫސާ ޚިދުމަތް ކުރެއްވީ، އެންޓި-ކޮރަޕްޝަން ބޯޑުގައްޔާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ. މި ދެންނެވި ދިގު މުއްދަތުގައި، އެންޓި-ކޮރަޕްޝަން ބޯޑުގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން ކަމާއި، އެސިސްޓެންޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެގްޒެކެޓިވް ޑިރެކްޓަރ ކަމާއި، ސީނިއަރ އިންވެސްޓިގޭޓަރ ކަމާއި، ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ ކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމާއި، ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަންގެ މަގާމު ފުރުއްވައިފައި ވެއެވެ.

މި ދެންނެވި ދިގު މުއްދަތުގައި، ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އޮފީހުގެ މުވައްޒަފުންނާ ބެހޭ ކަންތައްތަކާއި، ފައިސާއާއި މުދަލާބެހޭ ކަންތައްތައް ބެލެހެއްޓެވުމާއި، ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤު ކުރައްވައި ތަޙުޤީޤު ރިޕޯޓުތައް ތައްޔާރުކުރެއްވުމާއި، އިންވެސްޓިގޭޝަން އޮފިސަރުން ލަފާ ބޭނުންވާ ކަންތައްތަކުގައި ލަފާ ދެއްވުމާއި، ކޮރަޕްޝަނާ ބެހޭގޮތުން ދައުލަތުގެ މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން އެކިއެކި ޕުރޮގުރާމުތައް ހިންގުމުގެ މަސައްކަތް ހިމެނެއެވެ.

ޢަބްދުލްޢަޒީޒް މޫސާ، ދައުލަތަށް ޚިދުމަތް ކުރެއްވި 46 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރެއިން 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ވަޒީފާ އަދާކުރެއްވި ބައެއް އިދާރާތަކުގެ މުދަލާއި ފައިސާ ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައިވާއިރު، އެކަމުގައި އެއްވެސް މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

1990ގެ އަހަރުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ޢަބްދުލްޢަޒީޒް މޫސާ ވަނީ ކުރައްވައިފައެވެ. ޢަބްދުލްޢަޒީޒް މޫސާ ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ 20 އެޕްރީލް 2021 ގައެވެ.