އަލްފާޟިލް އަޙްމަދުމަނިކު
މ. މާކަރީ

އަޙްމަދުމަނިކު، މަޝްހޫރު ނަމުން ދަންނަވާނަމަ، ޖާދޫ އަޙްމަދުމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ފެބުރުވަރީ 1957 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕޯސްޓް އޮފީހުގެ ޕިޔޯނު ކަމުގެ ވަޒީފާއެވެ. 13 ޖުލައި 1957 ގައި އައްޑުއަތޮޅުގައި ހުންނަ ލިއެޒަން އޮފިސަރގެ އޮފީހުގެ ޕިޔޯނު ކަމުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން، ވަޒީރުލް އަޢުޡަމްގެ އޮފީހުގައިވެސް ޕިޔޯނު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ.

8 އޮގަސްޓު 1959 ގައި އަޙްމަދުމަނިކު، މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އެން.އެސް.އެސް.ގެ މީހެއްގެ ވަޒީފާއަށް ބަދަލުކުރެއްވީ، 6 ޖުލައި 1976 ގައެވެ.

އަޙްމަދުމަނިކަކީ، އޭރު ސިފައިންގެއިން ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި، މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ހިތްވަރުގަދަ، އިޚުލާޞްތެރި ބޭފުޅެކެވެ. ރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަންނަ ބޯޓުފަހަރު، ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ފޮނުއްވި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގެން، އަޙްމަދުމަނިކު އިސް ދައުރެއް އަދާކުރެއްވިއެވެ.

އެން.އެސް.އެސް.ގެ 4 ނަންބަރު ސަރުދާރުކަމުން އަޙްމަދުމަނިކު ދެން ބަދަލުކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސަރުދާރު ކަމުގެ ވަޒީފާއަށެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ އެސިސްޓެންޓް ކިއުރޭޓަރ ކަމުގެ ވަޒީފާއަށް އަޙްމަދުމަނިކު ބަދަލުކުރެއްވީ، 18 ޖުލައި 1982 ގައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ކިއުރޭޓަރުގެ މަގާމާއި، ދާރުލްއާސާރުގެ އެސިސްޓެންޓް ކިއުރޭޓަރ ކަމުގެ މަގާމުވެސް އަޙްމަދުމަނިކު ފުރުއްވިއެވެ.

20 އޮކްޓޫބަރު 1997 ގައި ސެލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސިސްޓެންޓް ސައިޓް މެނޭޖަރު ކަމުގެ މަގާމަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ސައިޓް މެނޭޖަރު ކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ސައިޓް މެނޭޖަރުކަން އަދާކުރެއްވިއެވެ. 29 އޮގަސްޓު 2006 ގައި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ސައިޓް މެނޭޖަރު ކަމުގެ މަގާމަށް އަޙްމަދުމަނިކު ބަދަލުކުރެއްވިއެވެ.

ޖާދޫ އަޙްމަދުމަނިކު ފާހަގަކުރެވިފައި ވަނީ، ވަޒީފާ އަދާކުރެއްވުމުގައި ކަމަށްކަމޭހިއްތަވައި، ގަޑިއަށް ފަރުވާތެރިވެވަޑައިގެން، އިޚުލާޞްތެރިކަމާއެކު ވަޒީފާ އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ސަރުކާރަށް ވަފާތެރި، ވެރިންގެ އަމުރުތަކާއި އިރުޝާދުތަކަށް ކުޑަވެސް ފަސްޖެހިވަޑައިގަތުމެއްނެތި ކިޔަމަންތެރިވެވަޑައިގަންނަވާ، ނަމޫނާ މުވައްޒަފެއްގެ ގޮތުގައިވެސް މެއެވެ.

46 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވުމަށްފަހު، އަޙްމަދުމަނިކު ރިޓަޔަރ ކުރެއްވީ، 1 މޭ 2008 ގައެވެ.