އަލްފާޟިލް މުޙައްމަދު އިސްމާޢީލްމަނިކު
މިސުރުރުވާގެ މ. ކޮޅުފުށި

މުޙައްމަދު އިސްމާޢީލްމަނިކު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 14 މޭ 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މ. ވާރެޔާފުށީ މުދިމު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، ވާރެޔާފުށީގައި ދިރިއުޅެމުން ގެންދިޔަ މީހުން ސަރުކާރުން މ. ކޮޅުފުށްޓަށް ބަދަލުކުރެއްވުމާ ގުޅިގެން، އަދާކުރައްވަމުން ގެންދެވީ ކޮޅުފުށީ މުދިމު ކަމުގެ ވަޒީފާއެވެ.

މުދިމު ކަމުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، މުޙައްމަދު އިސްމާޢީލްމަނިކު ބަދަލުކުރެއްވީ، ކޮޅުފުށީ ކުޑަކަތީބު ކަމުގެ މަގާމަށެވެ. އެއީ، 11 މާރިޗު 1987 ގައެވެ. 13 މޭ 2001 އާ ހަމަޔަށް ކުޑަކަތީބު ކަމުގައި ދެމިހުންނެވިއެވެ. ކޮޅުފުށީ ކުޑަކަތީބު ކަމުގެ މަގާމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކުރެވުނު އެކި ކަންކަމުގައި މުޙައްމަދު އިސްމާޢީލްމަނިކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އޭގެފަހުން، 14 މޭ 2001 ގައި ބަދަލުކުރެއްވީ މ. އަތޮޅު އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމަށެވެ.

މުޙައްމަދު އިސްމާޢީލްމަނިކަކީ، މ. ކޮޅުފުށްޓަށާއި، މ. އަތޮޅަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މިގޮތުން ކޮށްދެއްވި ޚިދުމަތްތަކުގެ ތެރޭގައި، ރަށުގައި އަމަންއަމާންކަން ޤާއިމުކުރެއްވުމަށާއި، ރަށުގެ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން، ރައްޔިތުންނާ ބައްދަލުކުރައްވައި، ކުރިމަތިވާ އެކިއެކި އިޖުތިމާޢީ މައްސަލަތައް ބައްލަވައި ޙައްލުކޮށްދެއްވުން ހިމެނެއެވެ. އަދި ރަށުގެ އާންމު ހާލަތު ރިޕޯޓް ގަވާއިދުން އަތޮޅުއޮފީހަށް ފޮނުއްވުމާއި، މ. އަތޮޅުގެ އެހެން ރަށްރަށުގެ އިދާރީ ކަންކަން ހަރުދަނާ ކުރެއްވުމަށްވެސް މުޙައްމަދު އިސްމާޢީލްމަނިކު މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ކޮޅުފުށި ހިއްކުމުގެ މަސައްކަތް ފެށްޓެވުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޭޅިފަށުގައި ގަސް އިންދުމާއި، ރަށުގައި ޞިއްޙީ މަރުކަޒު ބިނާކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމާއި، ރަށުގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެއްވުން ހިމެނެއެވެ. މިގޮތުން، މިސްކިތް ބިނާކުރެއްވުމުގައްޔާއި، ފުޓްބޯޅަ ދަނޑާއި، ވޮލީކޯޓާއި، ބަށިކޯޓު އެޅުމުގައްޔާއި، އިޖުތިމާޢީ މަރުކަޒު ބިނާކުރުމުގެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

1980 ވަނަ އަހަރު ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ މަސައްކަތުގައިވެސް މުޙައްމަދު އިސްމާޢީލްމަނިކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އަސާސީ ތަޢުލީމުގެ ކުލާސްތަކުގައި ވަނީ ކިޔަވައިދެއްވައިފައެވެ.

މުޙައްމަދު އިސްމާޢީލްމަނިކު ފާހަގަކުރެވިފައި ވަނީ، ވަރަށް ފަރުވާތެރިކަމާއެކު ވަޒީފާ އަދާކުރެއްވި އަދި ގަޑިއަށް ޙުރްމަތްތެރިކޮށް ހިއްތެވި ބޭފުޅެއްގެ ގޮތުގައެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި އެއްވެސްއިރެއްގައި ގަޑިޖެހުމެއްނެތި، އެ ވަގުތަކު ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް ފުރިހަމައަށް އަދާކުރެއްވި، ރަށުގެ ރައްޔިތުންނާވެސް ގުޅިވަޑައިގެން މަސައްކަތް ކުރެއްވި، ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ.

މ. އަތޮޅު އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމުން 1 މޭ 2008 ގައި މުޙައްމަދު އިސްމާޢީލްމަނިކު ރިޓަޔަރ ކުރެއްވިއިރު، 46 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. ވަޒީފާއިން މިހާރު ރިޓަޔަރ ކުރައްވައިފައިވީ ނަމަވެސް، މިހާރުވެސް މުޙައްމަދު އިސްމާޢީލްމަނިކަކީ، މިސްކިތުގައި ބަންގިގޮވައި، އިމާމުވެ ނަމާދު ކުރައްވައި، އިމާމުވެ ހުކުރު ކުރައްވާ ބޭފުޅެކެވެ.