އަލްފާޟިލް އަޙްމަދުމަނިކު
މއ. ކަބާލިފަރު

އަޙްމަދުމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 11 ނޮވެންބަރު 1962ގައި މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ގޮތުގައެވެ. ވަޒީފާއަށް ވެދެވަޑައިގަތުމަށްފަހު، ސިފައިންގެ އެކިއެކި ރޭންކްތަކުގައި ޚިދުމަތް ކުރެއްވިއެވެ. މިގޮތުން، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓްކަން ކުރައްވައިފައި ވެއެވެ.

އަޙްމަދުމަނިކަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެއްވި ކޮންމެ ކަމެއްވެސް ޤާބިލުކަމާއި އިޚުލާޞްތެރިކަމާއެކު ކުރެއްވި ބޭފުޅެކެވެ. މިގޮތުން، މުއައްސަސާގެ ކުރިއެރުމަށްވެސް ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތަކެއް ކުރައްވައި، މުއައްސަސާއިން ހިންގައިފައިވާ ގިނަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އެކި ދުވަސްވަރު ސިފައިންގެއިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ސިފައިން ހަރަކާތްތެރިވިއިރު، އެކަންކަމުގައިވެސް، އަޙްމަދުމަނިކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސިފައިންގެ ޚިދުމަތުގައި އަޙްމަދުމަނިކު ހޭދަކުރެއްވިއިރު، މަސައްކަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި، ޑިއުޓީ ސެކްޝަންގެ ޑިއުޓީ މެރުމާބެހޭ ބަޔާއި، ދޫނިދޫގައި ޑިއުޓީ މެރުމާބެހޭ ބަޔާއި، ރަށުތެރެ ބެލެހެއްޓުމުގެ ބައި ހިމެނެއެވެ. އަދި ސިފައިންގެ ހަނޑޫ ގުދަނުގެ ބަނޑޭރި ކަމާއި، ކޮއްތު ގުދަނުގެ ބަނޑޭރިކަން ކުރައްވައިފައި ވެއެވެ.

އަޙްމަދުމަނިކު ހޯއްދަވައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، އެކި ދުވަސްވަރު މަސައްކަތް ކުރެއްވި އެކި ސެކްޝަންތަކުގެ އެންމެ ރަނގަޅަށް މަސައްކަތް ކުރައްވައިފައިވާ އެން.ސީ.އޯ.އަކަށް އެކިފަހަރު މަތިން ހޮވިވަޑައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުން ދިފާޢު ކުރެއްވުމުގައި އަޙްމަދުމަނިކު ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

އަޙްމަދުމަނިކު ސިފައިންގޭގައި އިޚުލާޞްތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 5 މެޑެއްޔާއި، 4 ކުލަ ލިބިވަޑައިގެންފައި ވެއެވެ. މިގޮތުން، ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންނެވި ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ.

އަޙްމަދުމަނިކަކީ، އެން.އެސް.އެސް.ގެ ހެޑް ކުއާރޓަރޒްގެ ކޭޓަރިންގ ސުޕަވައިޒަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. 1 ޖަނަވަރީ 2010 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 47 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަޙްމަދުމަނިކު ވަނީ، ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.