އަލްފާޟިލް އާދަމް ޒާހިރު
ވ. ނަޖުހިޔާ

އާދަމް ޒާހިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 23 މާރިޗު 1976 ގައެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންސިލް އޮފިސަރުކަމެވެ.

ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 47 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު ދާއިރާތަކުގައި އާދަމް ޒާހިރު ވަނީ ޚިދުމަތް ކުރައްވައިފައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ހެލްތުގެ ޑޮލިސިލިއަރީ ވަރކަރެއްގެ ވަޒީފާއެވެ. އޭގެފަހުން، ޑަބްލިޔޫ.އެޗް.އޯ.ގެ ދަށުން ހިންގާ މެލޭރިއާ ޕްރޮޖެކްޓްގެ ޑޮމިސިލިއަރީ ވަރކަރ ކަމާއި، މައިކްރޮސްކޯޕިސްޓް ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޕޯޓް ހެލްތު ކްލާކްކަން ކުރެއްވިއެވެ.

އާދަމް ޒާހިރަކީ، ރާއްޖެއިން މެލޭރިޔާ ނައްތާލުމުގެ ޕްރޮޖެކްޓުގެ ދަށުން މުޅި ރާއްޖޭގައި ހިންގެވި މަސައްކަތުގައި ޓީމުތަކާއެކު ރަށްރަށަށް ދަތުރުކުރައްވައި، ހީވާގިކަމާއެކު މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މި މަސައްކަތަކީ، އާދަމް ޒާހިރު އެންމެ ހިތްޕުޅު ހަމަޖެހޭގޮތަށް ކުރެއްވުނު މަސައްކަތްކަން ފާހަގަކޮށްލަންޖެހެއެވެ.

އާދަމް ޒާހިރަކީ، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮޖެކްޓް އޮފިސަރުގެ ޖޫނިއަރ އެހީތެރިޔާ ކަމާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކޮންސްޓްރަކްޝަންގެ މެއިންޓެނަންސް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރު ކަމާއި، މެއިންޓެނަންސް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ މެއިންޓެނަންސް އޮފިސަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މާލޭ މުނިސިޕަލްޓީގެ މެއިންޓެނަންސް އޮފިސަރު ކަމާއި، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ މެއިންޓެނަންސް އޮފިސަރުކަންވެސް ކުރައްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، އާދަމް ޒާހިރު ޚިދުމަތް ކުރެއްވި އޮފީސްތަކުގެ ހިންގުމުގެ ދާއިރާގައި ވަނީ ވަރަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި ވަޒީފާ އަދާކުރައްވަމުން ގެންދެވި މުއްދަތުގެ ތެރޭގައި، އެއްވެސް މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، އެކިއެކި ކަންކަމުގައި އޮފީހަށް އަންނަ ފަރާތްތަކަށްވެސް، އެކަންކަމުގައި ޢަމަލުކުރެވެން އޮންނަ ގޮތް އޮޅުންފިލުއްވައި ދެއްވައި، ކުރިއަށް ދާންވީ ގޮތުގެ އިރުޝާދު ދެއްވަމުން ގެންދަވައެވެ. އާދަމް ޒާހިރަކީ، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަން ބެލެހެއްޓެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި އާދަމް ޒާހިރަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންސިލް އޮފިސަރ ކަމުގެ މަގާމު، އާދަމް ޒާހިރު ފުރުއްވަމުން ގެންދަވަނީ، 1 ޖޫން 2021ން ފެށިގެންނެވެ.