އަލްފާޟިލާ ޙަފީޡާ ޢަބްދުއްލަޠީފް
ވ. ފިނިހިޔާވިލާ

ޙަފީޡާ ޢަބްދުއްލަޠީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕްރިޒްންސް ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމުގެ މަގާމުގައި، 10 މާރިޗު 1973 ގައެވެ. ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ކޯޓު ނަންބަރު 4، އަދި ކޯޓު ނަންބަރު 5 ގެ 2 ނަންބަރު ކާތިބާ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ 1 ނަންބަރު ކާތިބާ ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 1 ނަންބަރު ކާތިބާކަން ކުރެއްވިއެވެ. އަދި ކޯޓު ނަންބަރު 5 އާއި، ކޯޓު ނަންބަރު 1 ގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޢަރުޝީފުގެ އެހީތެރިކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

ޙަފީޡާ ޢަބްދުއްލަޠީފް ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ އިދާރީ ލިޔެކިޔުންތައް ލިޔެ ބެލެހެއްޓެވުމާއި، ކަމާގުޅޭ ރިޕޯޓުތައް ތައްޔާރުކުރައްވައި ޢަރުޝީފުކޮށް ބެލެހެއްޓެވުމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިދާރީ މަސައްކަތްތަކާއި، މުވައްޒަފުންނާ ގުޅުންހުރި މަސައްކަތްތަކާއި، ޕްރޮކިއުމަންޓާއި، ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތްތައް ހިމެނެއެވެ.

ޙަފީޡާ ޢަބްދުއްލަޠީފް، ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވިއިރު، އަދި ތަފާތު އެކި އޮފީސްތަކުގައި ތަފާތު މަސައްކަތްތައް ކުރެއްވިއިރު، އެއްވެސް އޮފީހެއްގައި އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މަސައްކަތް ކުރެއްވުމުގައި ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާއި، އަމާނާތްތެރިކަމާއެކު، ދުވަހުން ދުވަހަށް މަސައްކަތްތައް ފުރިހަމަކުރެއްވުމަށް ހިތްވަރާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ.

ޙަފީޡާ ޢަބްދުއްލަޠީފަކީ، އޮފީހުގެ މާޙައުލުގައި މަސައްކަތްކުރާ ތަފާތު ފަންނުގެ، ތަފާތު ފެންވަރުގެ، ތަފާތު ގިންތީގެ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއި އެއްބައިވަންތަ މާޙައުލެއް ބިނާކުރެއްވުމަށާއި، ހުރިހާ ފަންތިއެއްގެ މުވައްޒަފުންނާ ގުޅިގެން އުފާވެރި ހިތްހަމަޖެހޭ މަސައްކަތު މާޙައުލެއް ޤާއިމުކުރައްވައި ދެމެހެއްޓެވުމަށް ގަދައަޅައި މަސައްކަތް ކުރެއްވި ހަރުދަނާ ބޭފުޅެކެވެ. ތަފާތު ތަންތަނުގައި ތަފާތު މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމުން، މަސައްކަތްތަކުގެ ދާއިރާ ދެނެގަތުމަށާއި، މަސައްކަތްތައް ދަސްކުރެއްވުމަށް ފަސްޖެހިވަޑައިނުގެން، މަސައްކަތާ ގުޅުންހުރި ތަމްރީނުތައް ފުރިހަމަކުރައްވައި، ހުނަރާއި ޤާބިލުކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ބޭފުޅެކެވެ. ޙަފީޡާއަކީ، އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރެއްވުމަކީ އުފަލެއް ކަމުގައި ދެކެވަޑައިގެން މަސައްކަތް ކުރެއްވި އެހީތެރިއެކެވެ. އޮފީހުގެ ގަވާއިދުތަކާއި އުސޫލުތައް ހިފެހެއްޓެވުމަށާއި، ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު، އެހެން މީހުންނަށްވެސް އެކަންކަމަށް އިރުޝާދު ދެއްވި، އެހެން މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ބޭފުޅެކެވެ.

ޙަފީޡާ ޢަބްދުއްލަޠީފް، 47 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، އުމުރުން 63 އަހަރުގައި ރިޓަޔަރ ކުރައްވައިފައި ވަނީ 28 އެޕްރީލް 2020 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރުގެ މަގާމުގައެވެ.