އަލްފާޟިލް ޢަބްދުލްކަރީމް އާދަމް
ހ. ޓެޑްރެލްއާގެ

ޢަބްދުލްކަރީމް އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޞިއްޙަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ (ލޭ ނެގުމާ ބެހޭ) ވަޒީފާއެވެ. 16 ޖުލައި 2009 ގައި އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ ޞިއްޙީ ދާއިރާގައެވެ.

47 އަހަރަށްވުރެ ދިގު މުއްދަތެއްގައި މި ދާއިރާގައި ޚިދުމަތް ކުރެއްވިއިރު، އޭރުގެ ޞިއްޙަތު (ށ)ގެ ހެލްތު އެސިސްޓެންޓް ކަމާއި، ޞިއްޙަތު (ރ)ގެ ކެއްސުންބައްޔާ ބެހޭ ހެލްތު އެސިސްޓެންޓް ކަމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ފައިލޭރިއާއާ ބެހޭ ސީނިއަރ ހެލްތު އެސިސްޓެންޓް ކަމާއި، ޕަބްލިކް ހެލްތު ޑިވިޜަންގެ ހެލްތު އެސިސްޓެންޓް ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ހެލްތު އެސިސްޓެންޓް ކަމާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ ހެލްތު އެސިސްޓެންޓް ކަމާއި، ސެނިޓޭޝަން އޮފިސަރުކަން ކުރައްވައިފައި ވެއެވެ. އަދި އެ އޮތޯރިޓީގެ އެސިސްޓެންޓް މެނޭޖަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

ޢަބްދުލްކަރީމް އާދަމް، ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެ ދުވަސްވަރު ހެލްތު ވަރކަރުން ތަމްރީނު ކުރުމަށް ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ވަޑައިގެން، ދެއްވި ތަމްރީނުތަކަށްފަހުގައެވެ. ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އިންޑިއާއިންނާއި، ތައިލެންޑުން ވަނީ ކަމާގުޅޭ ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ.

ޢަބްދުލްކަރީމް އާދަމަކީ، ޓީ.ބީ.އާއި ފައިލޭރިއާއާއި، ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލްކުރާ ފަރާތްތައް އެކަހެރިކޮށް، އެ ފަރާތްތަކަށް ފަރުވާދިނުމުގައި، އެކި އަތޮޅުތަކުގައި ހުންނަވައިގެން، އެކިފަހަރުމަތިން ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މާލޭގެ ގޭގޭގެ ފެންވަޅުތައް ކްލޮރިނޭޓް ކުރުމުގެ މަސައްކަތާއި، ބޯން ބޭނުންކުރާ ފެން ޓެސްޓް ކުރުމާއި، ކޮލެރާ ދުވަސްވަރު ވެކްސިން ދިނުމުގެ މަސައްކަތާއި، ހޮޓާ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބައްލަވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުއްވުމުގެ މަސައްކަތްވެސް ވަނީ ކުރައްވައިފައެވެ. މީގެ އިތުރުން، ރާއްޖެއިން ޔޫރަޕްގެ މާކެޓަށް އެކްސްޕޯޓް ކުރާ ކަންނެލި، ޔޫރަޕްގެ ސްޓޭންޑަޑަށް ޕެކް ކުރެވޭކަން ކަށަވަރުކޮށް، ސެޓުފިކެޓު ދޫކުރެއްވުމާއި، ރާއްޖެއަށް އަލަށް އެތެރެކުރާ ބޭސް ޓެސްޓުކޮށް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އަދި އުމުރުން ދުވަސްވެފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށް، ނުރަސްމީ ގަޑިތަކުގައި ގޭގެޔަށް ޒިޔާރަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. މީގެއިތުރުން، ކުދިން ޚިތާނުކުރުމުގެ މަސައްކަތްވެސް ޢަބްދުލްކަރީމް އާދަމް ވަނީ ވަރަށް ހީވާގިކަމާއެކު ކުރައްވައިފައެވެ.

ޢަބްދުލްކަރީމް އާދަމް، ސަރުކާރަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ޢަބްދުލްކަރީމް އާދަމަކީ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު، ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދެވި އަދި ބަލިމީހުންނަށް އޯގާތެރިކަމާއެކު ޚިދުމަތް ދެއްވި، އަދި މުވައްޒަފުންނަށް ރީތި މިސާލެއް ދެއްކެވި ނަމޫނާ ޝަޚްޞިއްޔަތެކެވެ.

ޢަބްދުލްކަރީމް އާދަމް، ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.