އަލްފާޟިލް ޢަބްދުއްލަޠީފް މުޙައްމަދު
ވިލާޑިސޯސަން ދ. މީދޫ

ޢަބްދުއްލަޠީފް މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 އެޕްރީލް 1959 ގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، ދ. މީދޫގެ ވެރިކަމުގެ މަގާމުތަކުގައެވެ. މިގޮތުން، މީދޫގެ ކުޑަކަތީބު ކަމާއި، ކަތީބުކަން ކުރެއްވިއެވެ. މީދޫ ކުޑަކަތީބު ކަމާއި ކަތީބުކަން، 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައި، އޭގެފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމު ފުރުއްވިއެވެ. 6 ސެޕްޓެންބަރު 2004 ގައި އައި މެދުކެނޑުމަކަށްފަހު، އަލުން އެ މަގާމުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 2006 ގައެވެ. 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ދ. އަތޮޅު އަތޮޅުއޮފީހުގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމުގައެވެ. ޚާއްޞަ އެހީތެރިޔާގެ މަގާމުގައި، 12 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވައިފައި ވެއެވެ. ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައި ވަނީ، 5 އެޕްރީލް 1979 ގައެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގެންފައި ވަނީ، 5 އެޕްރީލް 1999 ގައެވެ.

ދ. މީދޫގެ ކުޑަކަތީބު ކަމާއި ކަތީބުކަމުގެ މަގާމުގައި ޢަބްދުއްލަޠީފް މުޙައްމަދު ޚިދުމަތް ކުރެއްވިއިރު، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވުނު ވަރަށްގިނަ ކަންކަމުގައި ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ދ. އަތޮޅު އަތޮޅުއޮފީސް އެކިފަހަރުމަތިން ވަނީ ހިންގަވައިފައެވެ. އެހެންކަމުން، ޢަބްދުއްލަޠީފް މުޙައްމަދު ފާހަގަކުރެވިފައި ވަނީ، މީދޫގެ އިތުރުން، އަތޮޅުގެ ތަރައްޤީއަށްޓަކައިވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ކަމަށްކަމޭހިއްތަވާ ހަރުދަނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އަތޮޅުގެ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދަވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ.

ޢަބްދުއްލަޠީފް މުޙައްމަދަކީ، އަތޮޅު ކުރިއަރުވާ ކޮމިޓީއަށް އިންތިޚާބުވެވަޑައިގެން، 12 އަހަރަށްވުރެ ގިނަ ދުވަހު އެ ކޮމިޓީގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ދ. އަތޮޅު ފިހާރައިގެ މެނޭޖަރެއްގެ ގޮތުގައިވެސް ވަނީ ޚިދުމަތް ކުރައްވައިފައެވެ.

2008 ވަނަ އަހަރު ތަޞްދީޤުކޮށް، މިހާރު ޢަމަލުކުރަމުން ގެންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލަވައިލުމަށް އެއްކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ދ. އަތޮޅުގެ މެންބަރުކަންވެސް ޢަބްދުއްލަޠީފް މުޙައްމަދު ވަނީ ކުރައްވައިފައެވެ.

ޢަބްދުއްލަޠީފް މުޙައްމަދު، ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 47 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.