އަލްފާޟިލް ޢަބްދުއްރަޝީދު
މ. ބޯއްޑޫ

ޢަބްދުއްރަޝީދު، ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިން 14 ޖަނަވަރީ 1964 ގައެވެ. އޭގެފަހުން، އެން.އެސް.އެސް.ގެ 4 ނަންބަރު ސަރުދާރު ކަމާއި، އެން.އެސް.އެސް.ގެ ކޯޕްރަލްކަންވެސް ކުރެއްވިއެވެ. ސިފައިންގޭގައި ފުރަތަމަ ކުރެއްވީ، ޑިއުޓީ މެރުމުގެ މަސައްކަތެވެ. އޭގެފަހުން، ފުލުސް އޮފީހުގައި ތަޙުޤީޤު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އަދި ބައެއް މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށް ބައެއް ރަށްރަށަށްވެސް ޢަބްދުއްރަޝީދު ވަޑައިގެންނެވިއެވެ.

ފުލުސް އޮފީހުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 14 ޑިސެންބަރު 1978 ގައި، ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓްގެ ސެކްރެޓެރީއަކަށް ޢަބްދުއްރަޝީދު ބަދަލުކުރެއްވިއެވެ. އޭގެފަހުން، ފުޑް ސަޕްލައި ޑިޕާޓްމަންޓްގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ އެސިސްޓެންޓް މެނޭޖަރު ކަމާއި، މެނޭޖަރުކަން ކުރެއްވިއެވެ. ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓްގައި އަދި އެސް.ޓީ.އޯ.ގައިވެސް ޚިދުމަތް ކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރެއްވީ، އެއް މަސައްކަތެކެވެ. އެއީ، ކާޑުގެ ބާވަތްތައް ވިއްކުމުގެ ކަންކަން ހިނގާ ނުހިނގާގޮތް ބެއްލެވުމާއި، ބިލް ހެއްދެވުމުގެ މަސައްކަތެވެ. އަދި މި މަސައްކަތްތައް ކުރަން ތިބޭ މުވައްޒަފުން، ކަން ކުރާގޮތް ބައްލަވައި، ލިބޭ ފައިސާގެ ހިސާބުތައް ޗެކްކުރައްވައި، ޖަމާކުރެއްވުމުގެ މަސައްކަތެވެ. ރާއްޖެއަށް އޭރު ހަނޑޫ އެތެރެކުރަނީ ބަރުމާއިން ކަމަށްވާތީ، ރާއްޖެއަށް ގެންނަ ހަނޑުލުގެ ކޮލިޓީ ދަށްކަމަށް ސަރުކާރަށް ފެނިވަޑައިގެން، އެކަން ރަނގަޅު ކުރެއްވުމުގެ ގޮތުން، ސަރުކާރުން ޢަބްދުއްރަޝީދު ބަރުމާއަށް ފޮނުއްވިއެވެ. އޭރު ކޮންމެ ތިން މަހަކުން ގާތްގަނޑަކަށް ދެ ދަތުރު ކުރައްވަން ޖެހިވަޑައިގަތެވެ. އަދި ބަރުމާއަށް ވަޑައިގެން، އެ ހަނޑުލުގެ ކޮލިޓީ ބައްލަވައި، ބޯޓަށް ބަރުކުރަނީ ރަނގަޅު ކޮލިޓީގެ ހަނޑޫތޯ ޗެކްކުރައްވައި، ކަށަވަރު ކުރެއްވުމުގެ މަސައްކަތްވެސް ޢަބްދުއްރަޝީދު ކުރެއްވިއެވެ. އޭގެފަހުން، ހަނޑުލުގެ ކޮލިޓީގެ އެއްވެސް މައްސަލައެއް ދިމާނުވާކަން ޢަބްދުއްރަޝީދު ފާހަގަކުރައްވައެވެ.

ފަނަރަވަރަކަށް އަހަރު އެ ދާއިރާގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން ބަދަލުކުރެއްވީ، މާލޭ މުނިސިޕަލްޓީގެ ވަކީލު ކަމުގެ މަގާމަށެވެ. މުނިސިޕަލްޓީގައި އަދި ފަހުން މާލޭސިޓީ ކައުންސިލްގެ އިދާރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ. މާލޭ މުނިސިޕަލްޓީގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، މާލޭސިޓީ ކައުންސިލް އިދާރާގެ ޑިރެކްޓަރ ކަމުގެ މަގާމު، ޢަބްދުއްރަޝީދު ފުރުއްވިއެވެ. މާލޭ މުނިސިޕަލްޓީގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، އާބާދީއާބެހޭ ބައިގައްޔާއި، އިދާރީ ބައިގައެވެ. އުފަންދުވަހުގެ ރަޖިސްޓަރީ ހެދުމާއި، މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީ ހެދުމުގެ މަސައްކަތްވެސް އޭރު ކުރަމުން ގެންދިޔައީ، ޢަބްދުއްރަޝީދުގެ ބެއްލެވުމުގެ ދަށުންނެވެ. އިދާރީ މަސައްކަތް ކުރެއްވިއިރު، ފައިސާއާބެހޭ ޗެކްތަކުގައި ސޮއިކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. މީގެއިތުރުން، ބިންބިމާބެހޭ ބައެއް މަސައްކަތްތައްވެސް ކުރެއްވިއެވެ.

ޢަބްދުއްރަޝީދު، 12 ޖޫން 2011 ގައި ރިޓަޔަރ ކުރެއްވިއިރު، 47 އަހަރާއި 4 މަސްދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.