އަލްފާޟިލް އިބްރާހީމް ޝިހާމް
ހ. މާމެންދޫ

އިބްރާހީމް ޝިހާމަކީ، 1967 ނޮވެންބަރު 6 ގައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ. ޚިދުމަތުގައި ހޭދަކުރެއްވި 47 އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރެއިން އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، ތަޢުލީމީ ދާއިރާގައެވެ. ތަޢުލީމީ ދާއިރާގައި މެދުނުކެނޑި 39 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ.

ގއ. މާމެންދޫ މަދަރުސާއިންނާއި މާލެއިން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އެންމެ ފުރަތަމަ އަދާކުރެއްވީ، މަޙުކަމަތުއްޝަރުޢިއްޔާ (ށ) ގެ ދެނަންބަރު ކާތިބު ކަމުގެ ވަޒީފާއެވެ. އޭގެފަހުން އަދާކުރެއްވި އެހެން ވަޒީފާތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދެ ނަންބަރު ކާތިބު ކަމާއި، އޯޑިޓް އޮފީހުގެ ދެ ނަންބަރު ކާތިބު ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދެ ނަންބަރު ކާތިބު ކަމާއި، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ދެ ނަންބަރު ކާތިބު ކަމާއި، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް ކޯޑިނޭޓަރ ކަމާއި، ސީނިއަރ ޕްރޮޖެކްޓް އޮފިސަރުކަން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، ސިނިއަރ އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

އިބްރާހީމް ޝިހާމް، ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރެއިން އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް އިމާރާތްކުރުމާ ބެހޭ ބައިގައެވެ. މިގޮތުން، މާލޭގައި އިމާރާތް ކުރެވުނު ސްކޫލްތަކުގެ މަސައްކަތްތަކާއި، ރާއްޖޭގައި އަލަށް ޤާއިމުކުރެވުނު މުދައްރިސުންގެ ތަޢުލީމީ މަރުކަޒު ހުޅުވުމުގެ މަސައްކަތާއި، ފޮތްތައް ޗާޕުކުރުމަށްޓަކައި ޤާއިމުކުރެވުނު ފޮތް ޗާޕުކުރާ ބައި ހުޅުވުމުގެ މަސައްކަތާއި، އަތޮޅުތެރޭގައި ޤާއިމުކުރެވުނު އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި، އަތޮޅު މަދަރުސާތައް އިމާރާތް ކުރުމާއި، އަދި ނޯދަން ސެކަންޑަރީ ސްކޫލާއި، ސަދަން ސެކަންޑަރީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތްތައް ހިންގަވައި ބަލަހައްޓަވައިފައި ވެއެވެ. އަދި ލ. އަތޮޅުގައި އިމާރާތްކުރި ދަނާލު އިމާރާތް ކުރުމުގެ މަސައްކަތާއި، ލ. ގަމު ޤަޠަރު އަމީރު ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތްތައް މޮނިޓަރ ކުރައްވައި، އެ ކަންކަން ހިންގަވައި ބަލަހައްޓަވައިފައި ވެއެވެ. އަތޮޅުތަކުގައި މި ހިންގުނު ސްކޫލް އިމާރާތް ކުރުމުގެ އެކި މަޝްރޫޢުތަކުގެ މަސައްކަތްތަކުގައި، އިބްރާހީމް ޝިހާމް ރާއްޖޭގެ އަތޮޅުތަކަށް ވަޑައިގެން، އެ މަސައްކަތްތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައި ވެއެވެ.

ސަރުކާރުން ކުރިއަށް ގެންދެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު ތަންފީޒު ކުރުމުގައި އިބްރާހީމް ޝިހާމަކީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮތް ޗާޕުކުރުމާ ބެހޭ ބައިގެ އިދާރީ ހިންގުމާބެހޭ އެންމެހައި ކަންކަން 10 އަހަރަށްވުރެ ގިނަދުވަހު ކުރައްވައިފައި ވެއެވެ.

އިބްރާހީމް ޝިހާމް، ސަރުކާރަށް ޚިދުމަތް ކުރެއްވުމުގެ ފަހު މަރުޙަލާގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިދާރީ ސެކްޝަންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ކޯޕަރޭޓް ސަރވިސް ޑިވިޜަނުން މިނިސްޓްރީގެ އިދާރީ ހިންގުމާ ގުޅޭގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި ކަންކަން ރާއްވަވައި ހިންގަވައިފައި ވެއެވެ. އަދި މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކަށް ފޮނުވަންޖެހޭ ޓެކްސްޓް ފޮތްތަކާއި، އެހެނިހެން ތަކެތި ފޮނުވުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ރާއްވަވައި ހިންގެވުމުގައިވެސް އިސްކޮށް މަސައްކަތް ކުރައްވައިފައި ވެއެވެ.

އުމުރުން 65 އަހަރުވެގެން 2016 ފެބުރުވަރީ 18 ގައި ރިޓަޔަރ ކުރެއްވިއިރު، އިބްރާހީމް ޝިހާމް ހުންނެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.