އަލްފާޟިލް ޢުމަރު އާދަމް
މުކުރިމަގު. ސޯސަންވިލާ ލ. ގަން

ޢުމަރު އާދަމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 11 އޮކްޓޫބަރު 1960 ގައި ލ. ގަމު ވަގުތީ ކުޑަކަތީބު ކަމުގެ މަގާމުންނެވެ. އޭގެފަހުން 15 ނޮވެންބަރު 1980 ގައި ލ. ގަމު ކުޑަކަތީބުކަން ޢުމަރު އާދަމަށް ދެއްވިއެވެ. އޭރުއްސުރެ ފެށިގެން 7 ފެބުރުވަރީ 1999އާ ހަމަޔަށް، ގަމު ކުޑަކަތީބުކަން ކުރައްވައި،
އެ މަގާމުގައި ހުންނަވައިގެން، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޢުމަރު އާދަމް ވަނީ ޚިދުމަތް ކުރައްވައިފައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ކުޑަކަތީބު ކަމުގެ މަގާމުގައި ޢުމަރު އާދަމް ހުންނަވައިގެން، ގަމަށް ކޮށްދެއްވި ޚިދުމަތްތަކަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. ވަގުތީ ކުޑަކަތީބުކަމާ ޢުމަރު އާދަމް އެންމެ ފުރަތަމަ ހަވާލުވެވަޑައިގެން މަސައްކަތް ކުރެއްވީ، ރަށުގެ އާންމު ޙާލަތު ރަނގަޅު ކުރެއްވުމަށެވެ. ރައްޔިތުންނަށް އެ ވަގުތަކު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި، އެ ކަންކަން ޙައްލުކޮށްދެއްވުމަށް ޢުމަރު އާދަމް ކުރެއްވި މަސައްކަތްތަކަކީ، ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަތް މަސައްކަތްތަކެކެވެ. އަދި ފަހުން ރަށުގެ އާންމު ޙާލަތު ރަނގަޅުވަމުން އައިސް، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވެމުންދިޔަ ގިނަގުނަ މަސައްކަތްތަކުގައި ޢުމަރު އާދަމް، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ.

މިގޮތުން، ލ. ގަމު (މަތިމަރަދޫ އަވަށުގައި) އިމާރާތްކުރި، ޙަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތުގައި، ޢުމަރު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ލ. ގަމު މުކުރިމަގު އަވަށުގައި ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތުގައި ރައްޔިތުން ބައިވެރިކުރައްވައިގެން ޢަމަލީގޮތުން މަސައްކަތްތައް ކުރެއްވިއެވެ. މީގެއިތުރުން، ލ. ގަން މުކުރިމަގު އަވަށުގައި ޞިއްޙީ މަރުކަޒެއް (މިހާރު ލ. ގަމު ރީޖަނަލް ހޮސްޕިޓަލް) އިމާރާތް ކުރުމުގެ މަސައްކަތުގައްޔާއި، ލ. ގަމު މުކުރިމަގު އަވަށާއި މަތިމަރަދޫ އަވަށުގައި ރަށުއޮފީސް އިމާރާތް ކުރުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ޢުމަރު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި 1980 ވަނަ އަހަރު ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު އެ ރަށުގައި ހިންގެވުމުގައި ފެށުނީއްސުރެ ނިމެންދެން ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެކި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދެއްވިއެވެ. ކޮލެރާ ރޯގާގެ ދުވަސްވަރު ބަލިމީހުންނަށް ފަރުވާދިނުމުގެ މަސައްކަތުގައްޔާއި، އޭރު މާލެއިން ލ. އަތޮޅަށް ދިޔަ ވަފުދުތަކާ އެކުގައި މަސައްކަތް ކުރައްވައި، ގަމުގެ 3 އަވަށަށާއި، އަތޮޅުތެރޭގެ ރަށްރަށަށްވެސް ވަފުދުތަކާއެކު، ޢުމަރު އާދަމް ވަޑައިގެން މަސައްކަތް ކުރެއްވިއެވެ. ލ. އަތޮޅުގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަންނަ ބޭރުގެ މަސްބޯޓުތައް އަތުލައި، ސަރުކާރާ ހަވާލުކުރުމުގައި މަސްވެރިންނާ އެކީގައި، ޢުމަރު އާދަމް މަސައްކަތް ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ޢުމަރު އާދަމްގެ ހިތްޕުޅުގައި، ގަމަށް އަދި ގަމުގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް އޮތް ޝައުޤުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ޢުމަރު އާދަމް ފާހަގަކުރެވިފައި ވަނީ، ރައްޔިތުން ވަރަށް ބޮޑަށް އިތުބާރު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ޢުމަރު އާދަމަކީ، ރައްޔިތުންނާ ގުޅިވަޑައިގެން، އެކިއެކި މަސައްކަތްތައް ހިންގެވުމުގައި ނަމޫނާ ދެއްކެވި ބޭފުޅެކެވެ.

47 އަހަރާއި 6 މަހަށްވުރެ ދިގު މުއްދަތެއްގައި ޢުމަރު އާދަމް ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ލ. އަތޮޅު އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމުގައެވެ.