އަލްފާޟިލް އިދުރީސް ޢަބްދުއްރަޙްމާން
ރަންކޮކާގެ މ. ރަތްމަންދޫ

އިދުރީސް ޢަބްދުއްރަޙްމާން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 ޖުލައި 1960ގައެވެ. އުމުރުން 65 އަހަރުވެގެން 1 މޭ 2008 ގައި ރިޓަޔަރ ކުރެއްވުމާ ހަމައަށް އަދާކުރެއްވީ، މުދިމު ކަމުގެ ވަޒީފާއެވެ. މިގޮތުން މ. ރަތްމަންދޫ މުދިމުކަން 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދި މ. މުލީ މުދިމުކަން 6 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވިއެވެ. އިދުރީސް ޢަބްދުއްރަޙްމާން ވަނީ، 47 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.

އިދުރީސް ޢަބްދުއްރަޙްމާނަކީ، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ތެދުވެރިކަމާއެކު ވަޒީފާގައި ދެމިހުންނަވައި، ސަރުކާރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ފާއިތުވެދިޔަ ދިގުމުއްދަތުގައި، ވަޒީފާގެ މާހައުލުގައި އެއްވެސްއިރެއްގައި އެއްވެސް މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

އިދުރީސް ޢަބްދުއްރަޙްމާން އެހާ ދިގު މުއްދަތެއްގައި މުދިމުކަމުގެ ވަޒީފާ އަދާކުރެއްވުމަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ، ވަރަށް މުހިންމު ކަމެކެވެ. އިދުރީސް ޢަބްދުއްރަޙްމާން ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރަކީ، މިސްކިތުގެ ހުރިހާ ކަމެއްވެސް މުދިމަކަށް ހުންނަ މީހަކު ކުރަންޖެހޭގޮތަށް އޮތް ދުވަސްވަރެކެވެ. ފަސްވަގުތު ބަންގި ގޮވައި، އިމާމުވެ ނަމާދު ކުރުމުގެ މުހިންމު މަސައްކަތުގެ އިތުރުން، މިސްކިތް ފޮޅައި ސާފުކުރުމާއި، ބައްތި ދިއްލައި ނިވުމާއި، މިސްކިތުގެ މަރާމާތުގެ ކަންކަން ބެލެހެއްޓުމަކީ، މުދިމަކަށް ހުންނަ މީހަކު ކުރަންޖެހޭ ކަމެކެވެ. މި މަސައްކަތްތައް އިދުރީސް ޢަބްދުއްރަޙްމާން ކުރައްވައިފައި ވަނީ، ވަރަށް ފަރުވާތެރިކަމާއެކުގައި، އެކަންކަމުގެ މުހިންމުކަން ދެކެވަޑައިގެންނެވެ. މީގެއިތުރުން، އިމާމުވެ ހުކުރު ނަމާދާއި ޢީދުނަމާދު ކުރެއްވުމާއި، ރަށުގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތަކާއި، މީހުން ވަޅުލުމުގެ މުހިންމު މަސައްކަތްތަކަކީވެސް، މުދިމެއްގެ ހައިސިއްޔަތުން އިދުރީސް ޢަބްދުއްރަޙްމާން ކުރައްވައިފައިވާ މަސައްކަތްތައްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މުދިމުކަމުގެ ވަޒީފާ އަދާކުރެއްވުމުގެ އިތުރުން، ރަށުއޮފީސް ހިންގެވުމާ އެތަކެއް ފަހަރު ހަވާލުވެ ހުންނަވާ އިސް ވެރިއެއްގެ ހައިސިއްޔަތުން ރަށު އޮފީސްވެސް އިދުރީސް ޢަބްދުއްރަޙްމާން ހިންގަވައިފައި ވެއެވެ.

މީގެ އިތުރުން، 1980 ވަނަ އަހަރު ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު ކުރިއަށް ގެންދެވި ދުވަސްވަރު، އަސާސީ ތަޢުލީމުގެ ކުލާސްތަކުގައި ކިޔަވައި ދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން އެކި ރަށްރަށުގައި ޤުރްއާން އުނގަންނަވައި ދެއްވުމަށް ކުރިއަށް ގެންދެވި ޕުރޮގުރާމުގެ ދަށުން، ރަށުގެ މިސްކިތުގައި ކުޑަކުދިންނަށް ޤުރްއާން އުނގަންނައިދެއްވުމުގެ މަސައްކަތް ދިގު މުއްދަތެއްގައި ވަނީ ކުރައްވައިފައެވެ. އަދި ރަށުފެންވަރުގައި ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން އިދުރީސް ޢަބްދުއްރަޙްމާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިދުރީސް ޢަބްދުއްރަޙްމާން، ފާހަގަކުރެވިފައި ވަނީ ވަޒީފާ އަދާކުރެއްވުމުގައި ވަރަށް ފަރުވާތެރިކަމާއެކު، މަސައްކަތަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދެވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރަށުގެ ވެރިން ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް އިޚުލާޞްތެރިކަމާއެކު ކުރައްވައިފައިވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

އިދުރީސް ޢަބްދުއްރަޙްމާން، ރަށުގެ އާންމު ދިރިއުޅުމުގެ ހާލަތަށް ބައްލަވައި، ރައްޔިތުންނަށް އެހީތެރިވެދެއްވުމުގެ ގޮތުން، ރަށުގެ ކޮންމެ ރައްޔިތަކަށް ރުކެއް އިންދަވައިދެއްވައި، އެ ރުއްތައް އެފަރާތްތަކަށް ހަދިޔާކުރައްވައިފައި ވެއެވެ.