އަލްފާޟިލް ޙުސައިން އިބްރާހީމް
އަވިދޭގެ ދ. ރިނބުދޫ

ޙުސައިން އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 14 ޖޫން 1960 ގައެވެ. އަދި އެކި މަގާމުތަކުގައި 47 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި ވަނީ ހޭދަކުރައްވައިފައެވެ. މިގޮތުން، އެންމެ ފުރަތަމަ ހުންނެވީ ދ. ރިނބުދޫ މުދިމު ކަމުގެ މަގާމުގައެވެ. މި މަގާމުގައި ހުންނެވިއިރު، ރިނބުދޫ ހުކުރު މިސްކިތް ބެލެހެއްޓެވުމުގެ ހުރިހާ ކަމެއް ވަނީ ކުރައްވައިފައެވެ. މިގޮތުން، ބަންގި ގޮވައި ނަމާދުކުރުމާއި، މިސްކިތުގެ އެތެރެ ފޮޅައި ސާފުކުރުމާއި، ގޯތިތެރެ ކުނިކަހައި ބެލެހެއްޓުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މި ދުވަސްވަރަކީ، ތަދު ދުވަސްވަރަކަށްވާތީ، އެކި ގޮތްގޮތުން ރައްޔިތުންނަށް ލިބޭ ކާޑުފަދަ ތަކެތި، ކާޑުގޭގައި ބަހައްޓައިގެން، މި ތަކެތި ރައްޔިތުންނަށް ބެހުންފަދަ ތަފާތު މަސައްކަތްތައް ވަނީ ކުރައްވައިފައެވެ.

އެއަށްފަހު، 25 މާރިޗު 1978 ގައި، ޙުސައިން އިބްރާހީމް ވަނީ ދ. ރިނބުދޫ ކަތީބު ކަމުގެ މަގާމަށް ބަދަލުކުރައްވައިފައެވެ. މިގޮތުން، ކަތީބު ކަމުގައި ހުންނެވި ދުވަސްވަރު، ރަށުގެ ތަރައްޤީއަށް ތަފާތު ގިނަގުނަ މަސައްކަތްތައް ވަނީ ކުރައްވައިފައެވެ. މިގޮތުން، ރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ރަށުން ބޭރުން މުދައްރިސުން ގެންނަވައިގެން ކިޔަވައި ދެއްވުމާއި، އަދި އެ ވަގުތު ރަށުގައި ތިބި އެންމެ ހޭލުންތެރި، ރަނގަޅު ފެންވަރުގެ ބޭފުޅުންގެ އެހީގައި ތަޢުލީމް ކުރިއެރުވުމަށް ޙުސައިން އިބްރާހީމް ވަނީ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި ރަށުގައި އޭރު ގްރޭޑް 7 ނިންމައިލުމަށްފަހު، އިތުރަށް ކިޔެވޭނެ މަގު ފަހިވެފައި ނެތުމުން، ދ. ކުޑަހުވަދޫ އަދި ފ. ނިލަންދުއަށް ކުދިން ކިޔަވަން ފޮނުވުމަށް ތަފާތު އެތައް މަސައްކަތްތަކެއްވެސް ވަނީ ކުރައްވައިފައެވެ. އެ ދުވަސްވަރަކީ ރަށުއޮފީހުގައި މުވައްޒަފުން މަދު ދުވަސްވަރަކަށްވާތީ، ރަށުއޮފީހުގެ ލިޔެކިޔުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ޙުސައިން އިބްރާހީމް ވަނީ ކުރައްވައިފައެވެ. އަދި ރަށުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން، ތަފާތު މަސައްކަތްތައް ވަނީ ކުރައްވައިފައެވެ. ޙުސައިން އިބްރާހީމަކީ، ރަށުގެ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިގެން ގިނަ ދުވަސްތަކެއް ވަންދެން، ވެރިކަން ކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ކަތީބު ކަމަށްފަހު، ޙުސައިން އިބްރާހީމް ދެން އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމެވެ. މި މަގާމުގައި ހުންނެވިއިރު، ރަށުއޮފީހާއި އަތޮޅުއޮފީހުގެ ބޭނުމަށް އެކި ރަށްރަށަށް ތަފާތު ދަތުރުތައް ކުރައްވައިފައި ވެއެވެ. އަދި އެކި ދުވަސްވަރު ރަށުއޮފީސް ހިންގުމާ ޙަވާލުވެ ހުންނަވައެވެ. މުދިމަކު ނެތް ކަމުގައިވާނަމަ، މިސްކިތް ބަލަހައްޓަވައެވެ. އަދި ޙުސައިން އިބްރާހީމަކީ، ހުކުރު ކުރުމުގެ ސަނަދު ނަންގަވައިގެން، އަބަދުވެސް އިމާމުވެ ހުކުރު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ރަށުގެ ތަރައްޤީއަށް ތަފާތު މަސައްކަތްތައް ކުރެއްވުމަށްފަހު، އުމުރުން 65 އަހަރުވެގެން ވަޒީފާއިން ރިޓަޔަރ ކުރައްވައިފައިވަނީ 1 މޭ 2008 ގައެވެ.