އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަން
މ. ހުރާ

ޢަބްދުއްސައްތާރު ޙަސަން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން އެންމެ 18 އަހަރުގައި، 27 ޖުލައި 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މާލިއްޔާ (ނ)ގެ ވަގުތީ ކާތިބު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، މާލިއްޔާ (ނ)ގެ ވަގުތީ ކާތިބު ކަމާއި، ދާޚިލިއްޔާ (ކ)ގެ ސެކްރެޓެރީ ކަމާއި، އޯޑިޓް އޮފީހުގެ 1 ނަންބަރު ކާތިބު ކަމާއި، ޕަބްލިކް ހެލްތު ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، ޕްރިޒްންސް ޑިވިޜަންގެ ސެކްރެޓެރީކަން ކުރެއްވިއެވެ. އަދި ސ. ބޮޑު އިސްޓޯރުގެ ޚަޒާންދާރުގެ އެހީތެރިޔާ ކަމާއި، މޯލްޑިވްސް ނޭޝަނަލް ޓްރޭޑް ސެންޓަރ މާލޭގެ ޚަޒާންދާރުގެ އެހީތެރިޔާ ކަމާއި، ސ. ބޮޑު އިސްޓޯރުގެ ކުއްޔަށް ތަކެތި ދޫކުރާ ބައިގެ 2 ނަންބަރު ކާތިބު ކަމާއި، އެޓޮލްސް ޑިވިޜަންގެ އަތޮޅު ކޮމިޓީގެ ބަޖެޓް ބަލަހައްޓާ ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ.

މީގެއިތުރުން، އިލެކްޝަންސް ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ސްޕޯޓްސް ޑިވިޜަންގެ ވަކީލު ކަމާއި، ސީނިއަރ އަންޑަރ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމާއި، އަންޑަރ ސެކްރެޓެރީކަން ކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ސަރުކާރުގެ މުވައްޒަފުންގެ ނާދީގެ ރިކްރިއޭޝަން އެގްޒެކެޓިވް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ. ޢަބްދުއްސައްތާރު ޙަސަނަކީ، ވ. އަތޮޅުގެ އަތޮޅުވެރިކަން، 14 ނޮވެންބަރު 1976 ން 14 ނޮވެންބަރު 1978 އަށް ކުރެއްވި ބޭފުޅެކެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢަބްދުއްސައްތާރު ޙަސަން ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އިދާރީ ކަންކަމާއި، ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ސްކޫލްތައް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްތައް ހިނގަމުންދިޔައިރު، އެ މަސައްކަތްތައް ކުރިއަށްދާގޮތް، ގާތުން ބެއްލެވުމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރު ކުޅޭ ދަނޑުތައް ހައްދަވަމުން ގެންދެވިއިރު، އެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެއްލެވުމާއި، ސްޓޭޑިއަމް ބިނާކުރުމުގެ މަސައްކަތުގައްޔާއި އަދި ކުޅިވަރު ކުޅޭ އެހެނިހެން ތަންތަން ޤާއިމުކުރުމުގެ މަސައްކަތްތައް ހިނގަމުންދާގޮތްވެސް ވަރަށް ގާތުން ބައްލަވައިފައި ވެއެވެ. އަދި ސަރުކާރު މުވައްޒަފުންގެ ނާދީއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ކުޅިވަރު ކުޅުއްވޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވައި، އެ ބޭފުޅުންނަށް އެކި ކުޅިވަރުތައް ކުޅުއްވަން ދަސްކޮށްދެއްވައިފައިވެސް ވެއެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި ޓީ.ޓީ. ކުޅެން ދަސްކޮށްދެއްވުން ފާހަގަކޮށްލަންޖެހެއެވެ.

ޢަބްދުއްސައްތާރު ޙަސަން ފާހަގަކުރެވިފައި ވަނީ، އެންމެންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި، މަސައްކަތްތަކަށް ފަރުވާބަހައްޓަވައި އަދި ކޮންމެ މަސައްކަތެއްވެސް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ ރަށްރަށުގައި ކުޅިވަރު ކުރިއެރުވުމަށް ޚާއްޞަ ލޯތްބަކާއި ޝައުޤުވެރިކަމެއް ބެހެއްޓެވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. ހަމަ އެހެންމެ، ކުޅިވަރުގެ ދާއިރާއިންނާއި، ކުޅިވަރަށް ޚިދުމަތް ކޮށްދިނުމުގެ ދާއިރާއިން ދެވަނައެއްނުވާ ވަރުގަދަ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.

ޢަބްދުއްސައްތާރު ޙަސަން، 47 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ، 28 މާރިޗު 2010 ގައެވެ.

ޢަބްދުއްސައްތާރު ޙަސަނަކީ، މާފަންނު އަވަށު އޮފީހުގެ ވެރިޔާގެ އެހީތެރިޔާ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވައިފައިވާ، މާފަންނު އަވަށަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްވެސް މެއެވެ.

ޢަބްދުއްސައްތާރު ޙަސަނަށް ވަނީ، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، 2005 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.