އަލްފާޟިލާ ރަޟިއްޔާ މުޙައްމަދުކަލޭގެފާނު
މއ. ކުރިކީލަގެ

މަދްރަސަތުލް އަމީނިއްޔާގައި ކިޔެވި ކުދިންގެ ތެރެއިން އުމުރުން 15 އަހަރު ފުރިހަމަވެފައިވާ ކުދިންނަށް އިމްތިޙާނެއް ދެއްވުމަށްފަހު، ސަރުކާރަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބުނު ކުދިންގެ ތެރޭގައި ރަޟިއްޔާ މުޙައްމަދުކަލޭގެފާނު ހިމެނިވަޑައިގެން، ދައުލަތުގެ ޚިދުމަތް ފެށްޓެވީ 8 ޖޫން 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުލް މާލިއްޔާގެ ޗާޕުޚާނާގެ ކާތިބާ ކަމުގެ ވަޒީފާއެވެ. އޭރު މައިގަނޑު ގޮތެއްގައި ކުރެއްވީ، ސްޓެންސިލް ލިޔުއްވުމާއި، ޗާޕުކުރާ ތަކެތީގެ ކުށްފިލުއްވުމުގެ މަސައްކަތެވެ. އޭގެފަހުން، ވުޒާރަތުލް މަޢާރިފްގެ ކާތިބާ ކަމާއި، ވުޒާރަތުއްތިޖާރާ ވައްތަމްވީނުގެ ކ.ހ. އޮފީހުގެ 1 ނަންބަރު ކާތިބާ ކަމާއި، ހިސާބު ބަލަހައްޓާ ކާތިބާކަން ކުރެއްވިއެވެ. އަދި ވުޒާރަތުއް ދާޚިލިއްޔާގެ ޕޯސްޓް އޮފީހުގެ 1 ނަންބަރު ކާތިބާ ކަމާއި، ވުޒާރަތުލް މާލިއްޔާގެ 1 ނަންބަރު ކާތިބާ ކަމާއި، ވުޒާރަތުއްތިޖާރާ ވައްތަމްވީނުގެ 1 ނަންބަރު ކާތިބާކަންވެސް ކުރެއްވިއެވެ.

ރަޟިއްޔާ މުޙައްމަދުކަލޭގެފާނު އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ، ރާއްޖޭގެ އެންމެ މުހިންމު އެއް ދޮރޯށި ކަމުގައިވާ ކަސްޓަމްސްގައެވެ. ކަސްޓަމްސްގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 10 ފެބުރުވަރީ 1972 ގައެވެ. ފުރަތަމަ އަދާކުރެއްވީ ސެކްރެޓެރީ ކަމުގެ ވަޒީފާއެވެ. އޭގެފަހުން ސީނިއަރ ޕަރސަނަލް މެނޭޖްމަންޓް އޮފިސަރު ކަމާއި، އެސިސްޓެންޓް ޕްރިންސިޕަލް ކަލެކްޓަރ ކަމާއި، އެސިސްޓެންޓް ކަލެކްޓަރ ކަމާއި، އަދި ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވައިފައި ވެއެވެ. ބަނދަރާއި އެއްގަމުގައްޔާއި އަދި އެއަރޕޯޓުތަކުގައި ކުރެވޭ އެކިއެކި މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއި އަމާނާތްތެރިކަމާއެކު ރަޟިއްޔާ ވަނީ ބަލަހައްޓަވައިފައެވެ. ރަޟިއްޔާ ވަނީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުންވެސް ވަޒީފާއާ ގުޅޭ އެކިއެކި ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ. ޚާއްޞަކޮށް، ސްމަގްލިންގ، ޑްރަގް ޓްރެފިކިންގ، ޑްރަގް އައިޑެންޓިފިކޭޝަން، ޕެސެންޖަރ ހޭންޑްލިންގ، ޝިޕް ސަރޗިންގ، އިންޓެލިޖެންސް އަދި އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ނެގުމާ ގުޅޭގޮތުން ތަމްރީނުތައް ފުރިހަމަކުރައްވައިފައި ވެއެވެ.

މި ލިބިވަޑައިގެންނެވި ތަޖުރިބާތަކުގެ އަލީގައި، ކަސްޓަމްސްގެ މުވައްޒަފުން ތަމްރީނު ކުރެއްވުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ އެކި މަސައްކަތްތައް ރަޟިއްޔާ ވަނީ ކުރައްވައިފައެވެ. އެ ދުވަސްވަރަކީ މިހާރުގެ މަސައްކަތުގެ މާޙައުލާ ވަރަށް ތަފާތު ދުވަސްވަރަކަށްވުމާއި، އަދި ކޮމްޕިއުޓަރުވެސް ނުހުންނަ ދުވަސްވަރަކަށް ވުމާއެކު، އޭރު އެ ކަމެއް ކުރެއްވެން އޮތް އެންމެ ރަނގަޅަކަށް އެ މަސައްކަތްތައް ރަޟިއްޔާ ވަނީ ކުރައްވައިފައެވެ. ކަސްޓަމްސްގެ ޑިއުޓީގައި ކިތަންމެ ގިނައިރު ހޭދަކުރައްވަން ޖެހިވަޑައިގަތަސް، ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ގަވާއިދާ އެއްގޮތަށް ކަންކަން ކޮށްދެއްވައި އެހީތެރިވެދެއްވުމަކީ، ރަޟިއްޔާ އެންމެ ހިތްޕުޅުހަމަޖެހިވަޑައިގެން ކުރައްވައިފައިވާ އެއް މަސައްކަތެވެ. މުވައްޒަފުންގެ ތެރޭގައި ރަނގަޅު ޑިސިޕްލިންއެއް ޤާއިމުކުރެއްވުމަށާއި، ރާއްޖެއިން ބޭރުން އަންނަ ބޯޓުފަހަރުގެ ކަރަންޓީނު ކަންތައްތަކާއި، އައުޓްވާރޑް ކްލިއަރެންސްގެ މަސައްކަތްތަކާއި، ފައިސާ ބެލެހެއްޓެވުމާއި، ކޮންފިސްކޭޓް ކުރެވޭ ތަކެތި ބެލެހެއްޓެވުމާއި ނައްތައިލުމުގެ މަސައްކަތަކީވެސް ރަޟިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ މަސައްކަތްތަކެކެވެ.

ރަޟިއްޔާ ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމްސްގައި ޚިދުމަތް ކުރައްވައިފައެވެ. އޭގެފަހުން، 16 މާރިޗު 1992 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ސީނިއަރ އަންޑަރ ސެކްރެޓެރީގެ މަގާމަށް ރަޟިއްޔާ ބަދަލުކުރެއްވިއެވެ. އެ މިނިސްޓްރީގެ ސީނިއަރ އަންޑަރ ސެކްރެޓެރީގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރެއްވިއިރު، އޮފީހުގެ ބަޖެޓާބެހޭ ކަންކަމާއި، ފައިސާ ބަލައިގަތުމާއި އަދި މުވައްޒަފުންނާ ބެހޭ ކަންތައްތައް ފަރުވާތެރިކަމާއެކު ރަޟިއްޔާ ވަނީ ބަލަހައްޓަވައިފައެވެ.

މައްޗަންގޮޅީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައިވެސް ރަޟިއްޔާ ވަނީ ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ވަރަށް ގިނަ މަސައްކަތްތައް ކުރައްވައިފައެވެ.

48 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، އުމުރުން 65 އަހަރު ވެގެން ސިވިލް ސަރވިސްގެ ވަޒީފާއިން ރަޟިއްޔާ ރިޓަޔަރ ކުރެއްވީ، 23 އޮގަސްޓު 2008 ގައެވެ.