އަލްފާޟިލް އާދަމް ޢަލީ
ހަނދުވަރީގެ މ. ރަތްމަންދޫ

މ. ރަތްމަންދޫ އާދަމް ޢަލީގެ ޤައުމީ ޚިދުމަތުގެ ސިލްސިލާ ފެށިގެން އައީ، 1950ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެންނެވެ. ރަތްމަންދޫ ކާޑުގޭގައި މަސައްކަތުގައި ހުންނަވަނިކޮށް، 1955 ގައި ކާޑުގޭ ބަނޑޭރިއެއްގެ ވަޒީފާ ހަވާލުކުރެވުނެވެ. އޭގެފަހުން ކާޑުގޭ ކާތިބުކަމާއި، މެނޭޖަރު ކަމުގައި، މ. ރަތްމަންދޫ ވަގުތީ ކުޑަކަތީބު ކަމުގެ މަގާމު، 8 ފެބުރުވަރީ 1960 ގައި ދެއްވުމާ ހަމަޔަށް ދެމިހުންނެވިއެވެ. ކާޑުގޭ ބަނޑޭރިކަމުން ފެށިގެން 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް މި ހޭދަވި ދިގު މުއްދަތުގައި ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތައް ގިނަވެފައި، ތަފާތު އެކިއެކި ކަންކަމާ އާދަމް ޢަލީއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.

ރަތްމަންދޫ އާދަމް ޢަލީ، ރަތްމަންދޫ ވަގުތީ ކުޑަކަތީބު ކަމުގެ ވަޒީފާ އަދާކުރަން ފެށްޓެވި ދުވަސްވަރަކީ، މަސައްކަތް ކުރާނެ އޮފީހެއް ނެތް، މުވާޞަލާތީ ވަސީލަތެއްވެސް ނެތް ދުވަސްވަރެކެވެ. ކުއްލި ކަމެއް ދިމާވެގެން ކައިރި ރަށަކަށް އެ ކަމެއްގެ ވާހަކަ އަންގާލަން ޖެހުނުކަމުގައިވިޔަސް، ދަތުރު ހަދާފައި އެ ރަށަކަށް ދިޔުން ނޫންގޮތެއް ނޯވެއެވެ. ރަމަޟާންމަހު ހަނދު ފެނުންފަދަ މުހިންމު ކަމެއް ދިމާވި ކަމުގައިވިޔަސް، އަންގަންޖެހެނީ ހުޅު އަޅައިގެންނެވެ. މީހަކު ބަލިވިޔަސް ފަރުވާދިނުމަށް ތިބެނީ ކަތީބުންނާއި މުދިމުންނެވެ. 1960ގެ އަހަރުތަކުގެ މެދެއްހާ ތާނގައި، ވަރަށް އާދައިގެ ވޯކީޓޯކީއެއް ރަށަށް ލިބިގެން، ވޯކީޓޯކީ މެދުވެރިކޮށް މުވާޞަލާތު ކުރަން ފެށުނެވެ. ނަމަވެސް، އެއް ރަށުން އަނެއް ރަށަށް ސިގްނަލް ނުލިބޭތީ، ރަށުގެ އެކި ދިމާއަށް ވަޑައިގެން، ރަސްމީގަޑިތަކުގައްޔާއި، އެހެން ވަގުތުތަކުގައި ވޯކީޓޯކީން ގުޅަން ވާރެއާއި އަވީގައި އާދަމް ޢަލީ އެ ކުރެއްވި ބުރަ އަދި އުނދަގޫ މަސައްކަތްތަކަކީވެސް ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ.

1969 ގައި ރަތްމަންދޫ މީހުން މ. މުއްޔަށް ބަދަލުކުރެއްވުމާ ގުޅިގެން، 31 މާރިޗު 1970 ގައި މުލީ ކުޑަކަތީބު ކަމަށް އާދަމް ޢަލީ ބަދަލުކުރެއްވިއެވެ. މުލީގައި ހޭދަކުރެއްވި 7 އަހަރެއްހާ ދުވަހު ރަސްމީ ވަޒީފާގެ އިތުރުން، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެއްވުމަށްޓަކައި ރަށުގެ ވެރިންގެ އިސްނެންގެވުމުގެ މަތިން މުލީގައި މަކުތަބެއް ހިންގަވަން ކުރެއްވި މަސައްކަތުގައި، ދަރިވަރުންގެ އަޚްލާޤީ ކަންކަން ބެލެހެއްޓެވުމުގެ ބުރަ ޒިންމާ އާދަމް ޢަލީ އަދާކުރެއްވިއެވެ.

ސަރުކާރުން މީހުން ބަދަލުކުރި ރަށްރަށުން، އެ މީހުންގެ އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވި މީހުންނަށް، އެ ބައެއްގެ އަމިއްލަ ރަށަށް ބަދަލުވާން ހުއްދަ ދެއްވުމާ ގުޅިގެން، ރަތްމަންދޫ މީހުން މުލީން ރަތްމަންދުއަށް ބަދަލުވުމަށް މަސައްކަތް ފެށްޓެވި މަރުޙަލާގައި، ރައްޔިތުން އެދުނު އެދުމުގެ މަތިން، މުލީގައި ދިރިއުޅެމުން ގެންދިޔަ ތަނަވަސް ދިރިއުޅުން ދޫކުރައްވައި، އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން، ރައްޔިތުން ގޮވައިގެން އާދަމް ޢަލީ ނުކުމެވަޑައިގެން މަސައްކަތް ފެށްޓެވިއެވެ. އަމިއްލަ އޮޑިފަހަރުގައި ރައްޔިތުން ގޮވައިގެން ރަތްމަންދުއަށް ވަޑައިގެން ފެށްޓެވި މަސައްކަތުން ވަގުތީ ހިޔާތަކެއް ހައްދަވައި، ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް ބައްލަވައިގެން ކުރެއްވި މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި، އާދަމް ޢަލީ ރަތްމަންދުއަށް ބަދަލުވެވަޑައިގަތެވެ. ރަތްމަންދުއަށް ބަދަލުވެވަޑައިގަތުމާ ގުޅިގެން، 27 މޭ 1975 ގައި ރަތްމަންދޫ ކުޑަކަތީބު ކަމަށް ބަދަލުކުރެއްވިއެވެ. މި މަގާމުގައި 25 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމަށް ބަދަލުކުރެއްވީ، 8 ފެބުރުވަރީ 2000 ގައެވެ. މި މަގާމުގައި އަތޮޅުވެރިންގެ އެދިވަޑައިގަތުމަށް، ކުރައްވަންޖެހޭ ކަންކަން ކުރެއްވުމުގެ ގޮތުން، އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވިއެވެ. ސަރުކާރާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވި ބައި ޤަރުނަށްވުރެ ދިގު މުއްދަތުގެ ތެރެއިން ސަރުކާރުގެ ރެކޯޑުތަކުން ދައްކާ މުއްދަތުގެ ގޮތުގައި، 48 އަހަރާއި 2 މަހާއި 25 ދުވަސް ކަމަށް ބައްލަވައި، ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 1 މޭ 2008 ގައެވެ. މި ދެންނެވި ދިގު މުއްދަތުގައި، ސަރުކާރަށް ކިޔަމަންތެރިކަމާއެކު ކުރެއްވި އިޚުލާޞްތެރި ޚިދުމަތުގައި ދެމިހުންނެވިއިރު، ކޮށްދެއްވުނު އެންމެހައި ޚިދުމަތްތަކަށް މިއަދުވެސް ފަޚުރުވެރިވެވަޑައިގަންނަވާކަން ގަބޫލުކުރައްވައެވެ. ސަރުކާރުގެ މުވައްޒަފެއްގެ ގޮތުން ކުރެއްވި ބުރަ މަސައްކަތްތަކުގެ އިތުރަށް، އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގައި އެ ހޯއްދެވި ކާމިޔާބީން އާދަމް ޢަލީއަކީ މިއަދުގެ ދަރިންނަށް ފެންނަން ހުރި ލާމަސީލު މިސާލެކެވެ.

ރަތްމަންދޫ އާދަމް ޢަލީއަކީ، ދިވެހިބޭސްވެރިކަމަށް ކުޅަދާނަ ބޭފުޅެކެވެ. ރަށާއި އަތޮޅުގެ އެހެން ރަށްރަށުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޭސްފަރުވާ ކުރުމަށް އާދަމް ޢަލީގެ އަރިހަށް އަންނަ މީހުންނަށް، އަމިއްލަ ގޭގައި ބައިތިއްބަވައިގެން ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިއެކެވެ.

ރަތްމަންދޫ އާދަމް ޢަލީއަށް 1996 ވަނަ އަހަރު ވަނީ ދިވެހިބޭސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި، ޞިއްޙީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެ މަސައްކަތް ތަރައްޤީ ކުރުމުގެ ރޮނގުން 2012 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ. 60 އަހަރަށްވުރެ ދިގު މުއްދަތެއް، ބޭސްވެރިކަމުގައި އާދަމް ޢަލީ ހޭދަކުރެއްވިއެވެ. އާދަމް ޢަލީ ވަނީ 2016 ވަނަ އަހަރު "މުލަކަތޮޅު ފާންތަރި އެވޯޑް" ތިން ރޮނގަކުން ހާސިލު ކުރައްވައިފައެވެ. އެއީ، ފާންތަރި އެވޯޑުގެ ޚާއްޞަ އިނާމުގެ ކެޓަގަރީން ހާސިލު ކުރެއްވި އެވޯޑާއި، ޖަމާޢަތަށް އެންމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ އެވޯޑާއި، ޞިއްޙީ އަދި ޙަކީމީ ބޭސްވެރިކަމުގެ ދާއިރާއިން ދެއްވި އެވޯޑެވެ.