އަލްފާޟިލް ޔަޙްޔާ އިބްރާހީމް
ފަރިސްތާން ރ. އުނގޫފާރު

ޔަޙްޔާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ޑިސެންބަރު 1959 ގައެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ ރ. އަތޮޅު އަތޮޅުއޮފީހުގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުއް ދާޚިލިއްޔާ، ރ. އަތޮޅު އަތޮޅުއޮފީހުގެ 1 ނަންބަރު ކާތިބު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، ރ. އަތޮޅު އަތޮޅުއޮފީހުގެ ސެކްރެޓެރީ ކަމުގެ މަގާމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާ ކަމުގެ މަގާމާއި، ރ. އަތޮޅު އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ ކަމުގެ މަގާމުވެސް ފުރުއްވިއެވެ. މި މަގާމުތަކުގައި ހުންނަވައިގެން، އަތޮޅުގެ ކުރިއެރުމަށާއި ތަރައްޤީއަށް ޔަޙްޔާ އިބްރާހީމް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ.

ރ. އުނގުލާއި ރ. ގާއުނޑޫދޫއާ، ދެ ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ސަރުކާރުން ހުޅުދުއްފާރު ހަމަޖައްސަވައި، ހުޅުދުއްފާރު އާބާދުކޮށް ތަރައްޤީ ކުރުމަށް ހިންގެވި މަޝްރޫޢުގެ ދަށުން އުނގުލާއި ގާއުނޑޫދޫގެ މީހުންގެ އަމިއްލަ ގޯތިގެދޮރަށް ޝަރުޢީގޮތުން ދޭންޖެހޭ ބަދަލު ދިނުމަށްޓަކައި ތިން ފިޔަވައްސަކަށް ބަހާލައިގެން ބަދަލު ދިނުމުގެ މަސައްކަތްތައް ހިންގައި، އަތޮޅުއޮފީހުގެ ފަރާތުން ކުރެވުނު ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، މަޝްރޫޢު ނިމެންދެން ބަލަހައްޓަވަމުން ގެންދެވީ އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ މަގާމުގައި ހުންނަވައިގެން ޔަޙްޔާ އިބްރާހީމެވެ.

ޔަޙްޔާ އިބްރާހީމް ވަޒީފާ އަދާކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރެއްވީ، ރ. އަތޮޅު އަތޮޅުއޮފީސް ހިންގުމާބެހޭ އިދާރީ މަސައްކަތްތަކާއި، ރ. އަތޮޅު އަތޮޅުއޮފީހާއި، ރ. އަތޮޅު ރަށްރަށުގެ ރަށުއޮފީސްތަކުގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ. މީގެތެރޭގައި، މުވައްޒަފުންގެ މުސާރައާބެހޭ ކަންކަން ބެލެހެއްޓެވުމާއި، ބަޖެޓާބެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުމާއި، ކުރިއަށް އޮންނަ އަހަރަށް އަންދާޒާކުރާ ރ. އަތޮޅު އަތޮޅުއޮފީހުގެ ބަޖެޓް ތައްޔާރުކުރެއްވުން ހިމެނެއެވެ.

މީގެއިތުރުން، އަތޮޅުގެ ރަށްރަށުގެ ފައިސާއާބެހޭ މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ، އެ މަސައްކަތަށް އެކަށީގެންވާ، ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ރަށްރަށުގެ ރަށުއޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒު ކުރައްވައިގެން ފައިސާއާބެހޭ އެކިއެކި ތަމްރީނު ޕުރޮގުރާމުތައް ރާއްވަވައި ހިންގަވައިފައި ވެއެވެ. އެގޮތުން، ފައިސާއާބެހޭ ކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި، އެފަދަ އެންމެހައި މުޢާމަލާތްތައް، ޤާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިޔުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕުރޮގުރާމުތައް ހިންގެވުމާއި، އަދި މުވައްޒަފުން ތާޒާކުރުމުގެ ގޮތުން ތަފާތު އެކި ޕުރޮގުރާމުތައް ހިންގެވުން ހިމެނެއެވެ. 1981 ވަނަ އަހަރުން ފެށިގެން 1984 ވަނަ އަހަރާ ހަމަޔަށް އަތޮޅުގައި ހިންގި އައިހެޕް ޕްރޮޖެކްޓް (އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން އެސިސްޓެންސް ޕުރޮގުރާމް)ގެ ދަށުން ކުރެވުނު މަސައްކަތްތަކުގައިވެސް ޔަޙްޔާ އިބްރާހީމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އިމާރާތް ކުރުމާއި، އަތޮޅުގެ ރަށްރަށުގައި ސްކޫލްތައް އިމާރާތް ކުރުމާއި، ރަށުތެރެ ސާފުކޮށް ބެލެހެއްޓުމާއި، މީދަލާއި ވާ މަދުކުރުމުގެ ޕުރޮގުރާމުތައް ޢަމަލީގޮތުން ހިންގުމުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޔަޙްޔާ އިބްރާހީމަކީ، އަތޮޅުވެރިޔާގެ މުޢާވިން ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އަތޮޅުވެރިޔާގެ ބަދަލު މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. ހަމަ އެހެންމެ، އެންމެ ފުރަތަމަ އުފެއްދެވި އަތޮޅު ކޮމިޓީގެ މެންބަރުކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން އުފެއްދެވި އަތޮޅުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

1978 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ފެތުރިގެންދިޔަ ކޮލެރާގެ ވަބާއާއި، 1980ގެ އަހަރުތަކުގެ ތެރޭގައި ފެތުރިގެންދިޔަ ޝިގެއްލާ ބަލިމަޑުކަމުގެ ތެރޭގައި، ސަރުކާރުން ފޮނުއްވި އެކިއެކި ޓީމުތަކާ އެކުގައި ޔަޙްޔާ އިބްރާހީމް ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ރ. ކަނދޮޅުދޫގެ ރައްޔިތުން، އަތޮޅުގެ އެކި ރަށްރަށަށް ބަދަލުކޮށް، ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

48 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރެއްވުމަށްފަހު، 1 މޭ 2008 ގައި ޔަޙްޔާ އިބްރާހީމް ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރ. އަތޮޅު އަތޮޅުއޮފީހުގެ އަތޮޅުވެރިޔާގެ މުޢާވިންކަމުގެ މަގާމުގައެވެ.