އަލްފާޟިލް ޔޫސުފް އާދަމް
މ. ވެސްޓްއެންޑް

ޔޫސުފް އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 ޖަނަވަރީ 1959 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުލް މަޢާރިފްގެ 1 ނަންބަރު ކާތިބެއްގެ ވަޒީފާއެވެ. އޭގެފަހުން، ވުޒާރަތުލް މާލިއްޔާގެ ސ. ބޮޑު އިސްޓޯރުގެ ހިސާބު ބަލަހައްޓާ ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ 1 ނަންބަރު ކާތިބު ކަމާއި، ކޮމަރޝަލް ޕްރޮޖެކްޓްސް ޔުނިޓް (މަރުބޭނީ ރޯމަސްގަތުމުގެ ޕްރޮޖެކްޓް)ގެ ސެކްރެޓެރީ ކަމާއި، ޕްރޮޖެކްޓް އޮފިސަރ ކަމާއި، އެޓޮލްސް ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، އަތޮޅުވެރިޔާގެ ބަދަލުކަން ކުރައްވައިފައި ވެއެވެ.

ޔޫސުފް އާދަމަކީ، ދެ އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، މާލެއަތޮޅު އަތޮޅުވެރިކަމާއި، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުވެރިކަން ކުރެއްވިއެވެ. މާލެއަތޮޅު އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރެއްވިއެވެ. އަތޮޅުވެރިކަމުގެ މަގާމުގައި ހުންނެވިއިރު، އެ އަތޮޅެއްގައި ސަރުކާރުން އޭރު ހިންގެވި ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށްރަށަށް ޒިޔާރަތް ކުރައްވައި، އެކި ކަންކަން ހިންގުމުގައި ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އިރުޝާދު ދެއްވައި، ރަށްރަށުގެ އިސްވެރިންނާ މަޝްވަރާ ކުރައްވައިގެން، ސަރުކާރުގެ އެކިއެކި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު ކުރެއްވިއެވެ.

ޔޫސުފް އާދަމަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މެއިންޓަނަންސް ސުޕަވައިޒަރ ކަމާއި، ވަކީލު ކަމާއި، ކަލާފާނު ސްކޫލްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ކަމާއި، އެންޓި-ކޮރަޕްޝަން ބޯޑުގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމު ފުރުއްވި ބޭފުޅެއްވެސް މެއެވެ. 16 ޑިސެންބަރު 1995ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގައެވެ. ކަސްޓަމްސްގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ. ކަސްޓަމްސްގައި 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި އުޅުއްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޔޫސުފް އާދަމް ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އިދާރީ އެންމެހައި ކަންކަމާއި، ފައިސާއާ ބެހޭ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ.

ޔޫސުފް އާދަމް ފާހަގަކުރެވިފައިވަނީ ވަޒީފާ އަދާކުރެއްވުމުގައި ވަރަށް ފަރުވާތެރިކަމާއެކު ޒިންމާތަކަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވި، ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. ހަމައެއާއެކު، ވަޒީފާ އަދާކުރެއްވި ހުރިހާ ދާއިރާއެއްގައި، މުވައްޒަފުންނާ ގުޅިވަޑައިގަންނަވައިގެން މަސައްކަތްތައް ރޭއްވެވުމާއި، މަޝްވަރާގެ މަތިން ކަންކަން ކުރިއަށް ގެންދެވުމަށް އިސްކަމެއް ދެއްވައި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ބޭފުޅެއްވެސް މެއެވެ. އަދި ޔޫސުފް އާދަމަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރެއްވި އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދެއްކެވި ޚިދުމަތްތެރިއެކެވެ.

ޔޫސުފް އާދަމް، 48 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، 5 މޭ 2008 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.