އަލްފާޟިލް ޢުމަރު މުޙައްމަދު
ގ. އައިނާ

ޢުމަރު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 ޖުލައި 1959 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލްކަން ކުރައްވައިފައި ވެއެވެ.

ޤައުމީ ދިފާޢީ ބާރުގައި މަސައްކަތް ކުރާނެ މީހުން ލިބުން ތަދު ދުވަސްވަރެއްގައި، ޢުމަރު މުޙައްމަދު މި ޚިދުމަތާ ގުޅިވަޑައިގަތީ، މި ރޮނގުން ޤައުމަށް ޚިދުމަތް ކުރެއްވުމަށް ޢަޒުމް ކަނޑައަޅުއްވައިގެންނެވެ. އަބަދުވެސް އިސްކަން ދެއްވީ، ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައިވެސް ފަސްޖެހުމެއްނެތި ހިތްވަރާއެކު ކުރިއަށް ވަޑައިގަތުމަށެވެ. ގަޑިއަށް ފަރުވާބަހައްޓަވައިގެން، އިސް ކޮމާންޑަރުންގެ އިރުޝާދުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން އަދި ކަމަށްކަމޭހިއްތަވައިގެން މަސައްކަތް ކުރެއްވުމަށެވެ.

ޤައުމީ ދިފާޢީ ބާރުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ސިފައިން ކުރަންޖެހުނު މުހިންމު ޤައުމީ ބޮޑެތި މަސައްކަތްތައް ކުރެއްވުމަށް އެކުލަވައިލެއްވި އެކިއެކި ޓާސްކްފޯސްތަކުގައި ޢުމަރު މުޙައްމަދު ހީވާގިކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި މާލޭގެ ބިން ހިއްކުމުގެ މަޝްރޫޢަށް ސިފައިންގެއިން ވެލި ހަދިޔާ ކުރުމަށް ވެލިފުނި ޖެހުންފަދަ ޤައުމީ އަދި އިޖުތިމާޢީ ކަންކަމުގައިވެސް ހީވާގިކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޖަލު ބެލެހެއްޓުމުގެ މަސައްކަތުގައިވެސް ދިގު މުއްދަތެއް ހޭދަކުރައްވައިފައި ވެއެވެ. ޖަލު ބެލެހެއްޓެވި ދުވަސްވަރު، އިސްކަންދެއްވީ ޖަލުގައި ތިބި މީހުންނަށް ހެޔޮ ނަސޭހަތް ދެއްވައިގެންނާއި، ޖަލުގައި ތިބޭ މީހުންނާ ގުޅިގެން ސުލްހަމަސްލަހަތަށް ބައްލަވައިގެން، ޖަލު ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވުމަށެވެ. 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޢުމަރު މުޙައްމަދު ވަނީ ސިފައިންގޭގައި ޚިދުމަތް ކުރައްވައިފައެވެ.

ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޚިދުމަތުން ޢުމަރު މުޙައްމަދު ބަދަލުކުރެއްވީ، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ސުޕަވައިޒަރު ކަމުގެ މަގާމަށެވެ. މި މަގާމަށް ބަދަލުކުރެއްވީ، 21 އޮކްޓޫބަރު 1999 ގައެވެ. ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ ކުދިންނާ ބެހޭގޮތުން ކުރަންޖެހުނު ކަންކަން ކުރައްވައި، އެހީތެރިކަން ދެއްވަންޖެހުނު ކަންކަމުގައި އެހީތެރިވެދެއްވައި، ވަޒީފާގެ މަސްއޫލިއްޔަތު ފަރުވާތެރިކަމާއެކު އަދާކުރައްވައިފައި ވެއެވެ. އަދި ބަލަހައްޓަވަން ޖެހުނު ކުދިންނަށް މަގު ދެއްކެވުމުގެ ގޮތުން ނަސޭހަތްތެރިވެ ހައްދަވައިފައި ވެއެވެ.

1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ޢުމަރު މުޙައްމަދު ހުންނެވީ، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ސީނިއަރ ސުޕަވައިޒަރު ކަމުގެ މަގާމުގައެވެ. ޢުމަރު މުޙައްމަދު ދައުލަތުގެ ޚިދުމަތުގައި 48 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު ފާހަގަކުރެވިފައި ވަނީ، ވަރަށް ތެދުވެރިކަމާއެކު ވަޒީފާ އަދާކުރެއްވި ހީވާގި އިޚުލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ.