އަލްފާޟިލާ އާމިނަތުމަނިކެ
މއ. ޖަންބުމާގެ

އާމިނަތުމަނިކެ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 އޮކްޓޫބަރު 1974 ގައި ގަވަރންމަންޓް ހޮސްޕިޓަލްގެ ނަރސް އެއިޑެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ގަވަރންމަންޓް ހޮސްޕިޓަލްގެ ސީނިއަރ ނަރސް އެއިޑް ކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސް އެއިޑް ކަމާއި، ސީނިއަރ ނަރސް ކަމާއި، އޮގްޒިލިއަރީ ނަރސް މިޑްވައިފް ކަމާއި، އެސިސްޓެންޓް ނަރސް މިޑްވައިފްކަން ކުރައްވައިފައި ވެއެވެ. އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސް ކަމާއި، ޕްރެކްޓިކަލް ނަރސް ކަމާއި، އެންރޯލްޑް ނަރސް ކަމާއި، އެންރޯލްޑް ނަރސް މިޑްވައިފްކަންވެސް ކުރައްވައިފައި ވެއެވެ.

އާމިނަތުމަނިކެ، އުމުރުން 65 އަހަރު ވެގެން 7 ޖުލައި 2022 ގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސް ކަމުން ރިޓަޔަރ ކުރެއްވި ނަމަވެސް، އޭގެފަހުން ކޮންޓްރެކްޓް އުސޫލުން 8 ޖުލައި 2022 ން ފެށިގެން އެ ހޮސްޕިޓަލްގައި އެންރޯލްޑް ނަރުހެއްގެ ގޮތުގައި ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ. ނަރުސްކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 48 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، އާމިނަތުމަނިކެ ވަނީ ހޮސްޕިޓަލްގެ ވޯޑް ޑިއުޓީތައް ފުރުއްވައި، އޯ.ޕީ.ޑީ.އާއި، ހޮސްޕިޓަލްތަކުގެ އެކި ކުލިނިކްތަކާއި، އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރައްވައިފައެވެ. އަދި އޮޕަރޭޝަން ތިއޭޓަރުގެ އެކި ކަންކަމުގައި ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި، އެއާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުމުގައިވެސް އިސްކޮށް އުޅުއްވައިފައި ވެއެވެ. މީގެ އިތުރުން، އޮޕަރޭޝަން ތިއޭޓަރާ އަލަށް ގުޅޭ ނަރުހުންނަށް ތިއޭޓަރުގެ މަސައްކަތްތައް ދަސްކޮށްދެއްވައި، އަތޮޅުތެރެއިންނާއި، އޮޕަރޭޝަން ތިއޭޓަރަށް ތަޖުރިބާ ހޯދަން އަންނަ، ދަސްކުރާ ނަރުހުންނަށްވެސް ތިއޭޓަރުގެ މަސައްކަތްތަކާއި، ޚާއްޞަކޮށް އެނަސްތީސިއާއާ ގުޅޭ ކަންކަން ދަސްކޮށްދެއްވައި، ކުދިން ތަމްރީނު ކުރައްވައިފައި ވެއެވެ.

އާމިނަތުމަނިކެ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މިހާރުގެ ސެޓަޕް ހެދުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރާ ނަރުހުންނަށް ތަމްރީނު ދެއްވައިފައެވެ. މީގެއިތުރުން، ތިއޭޓަރުގެ އިންވެންޓްރީއާއި، ބޭނުންކުރާ ސެޓްތަކުގައި ހުންނަންވާނެ އާލާތްތައް ލިސްޓް ކުރައްވައި، ތިއޭޓަރުގެ ޕްރޮޓޮކޯލްތައް ހެދުމުގައި ލަފައާއި އިރުޝާދު ދެއްވައިފައި ވެއެވެ. އާމިނަތުމަނިކެ ވަނީ ރާއްޖޭގެ އަތޮޅުތަކަށް ޒިޔާރަތްކުރާ މެޑިކަލް ޓީމުތަކާއެކު ވަޑައިގެން، އެކި ގޮތްގޮތުން އެހީތެރިކަން ދެއްވައިފައެވެ.

1978 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮލެރާގެ ބަލިމަޑުކަމާއި، 1980ގެ އަހަރުތަކުގެ ތެރޭގައި ފެތުރުނު ޝިގެއްލާގެ ބަލިމަޑުކަމާ ގުޅިގެން ރޯގާޖެހުނު ބަލިމީހުންނަށް ފަރުވާ ދެއްވުމުގައިވެސް އާމިނަތުމަނިކެ ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ޒަޚަމްވި މީހުންނަށް، އެ ނުރައްކާތެރި މާޙައުލުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދެއްވުމުގައިވެސް ވަރަށް ބުރަކޮށް ވަނީ މަސައްކަތް ކުރައްވައިފައެވެ. އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ، މާލޭ ސެންޓްރަލް ހޮސްޕިޓަލްގެ އޮގްޒިލިއަރީ ނަރުހެއްގެ ގޮތުގައެވެ. މިގޮތުން، ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، 3 ނޮވެންބަރު 1991 ގައި އާމިނަތުމަނިކެ އަށް ވަނީ ޝަރަފުގެ ހަނދާނީ ލިޔުމެއް އަރުވައިފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމަށް މި އަހަރު ބޭއްވުނު އިހުތިފާލުގައި، އާމިނަތު މަނިކެއަށް ވަނީ 40 އަހަރަށްވުރެ ގިނަ ދުވަހު މި ދާއިރާގައި ޚިދުމަތް ކުރައްވައިފައިވާތީ، އެކަމުގެ ހަނދާނީ ލިޔުމެއްވެސް އަރުވައިފައެވެ.

އާމިނަތުމަނިކެ، އެއްވެސް ފޫހިފުޅުވުމެއްނެތި ނަރުހެއްގެ ވަޒީފާގައި މިހާ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާއިރު، އާމިނަތު މަނިކެ ފާހަގަކުރެވިފައިވަނީ، ވަރަށް ފަރުވާތެރިކަމާއެކު ޚިދުމަތް ކުރައްވައި އަދި އޯގާތެރިކަމާއެކު ބަލިމީހުންނަށް އެހީތެރިކަން ދެއްވައި، ބަލިމީހުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ނަރުހެއްގެ ގޮތުގައެވެ.