އަލްފާޟިލް އާދަމް އިބްރާހީމް
މ. ބަހާރުވިލާ

އާދަމް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ސެޕްޓެންބަރު 1959 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މަޙްކަމަތުލް އަމަންޢާންމުގައި، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެން.އެސް.އެސް.)ގެ ނަމުގައި ދިވެހި ސިފައިންގެ ޚިދުމަތް ދެއްވަމުން ގެންދެވިއިރު، އެން.އެސް.އެސް.ގެ ޕްރައިވެޓްގެ ރޭންކްގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކްގައި، ޖުމުލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް އާދަމް އިބްރާހީމް، ދިވެހި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

އޭގެއިތުރުން، 13 އަހަރަށްވުރެ ގިނަ ދުވަހު، އޭރުގެ ރިޔާސީ ގަނޑުވަރުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާގައި ކުރެއްވި ޚިދުމަތާއެކު، 48 އަހަރަށްވުރެ ދިގު މުއްދަތަކަށް އާދަމް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ދިވެހި ސިފައިންގެ ޚިދުމަތުގައި އާދަމް އިބްރާހީމް ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، ތަފާތު އެކި ޒިންމާތައް އަދާކުރައްވައިފައި ވެއެވެ. އޭގެތެރެއިން ދިގު މުއްދަތެއްގައި ސިފައިންގެ ފަހާގޭގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ސިފައިންގެ ތަފާތު އެކި މަރުކަޒުތަކުގައި ފޯރިމެރުމުގެ ޑިއުޓީތައް އަދާކުރައްވައި، ޤައުމަށް ދިމާވި ކާރިސާތަކާއި، އެނޫންވެސް ނުރައްކާތެރި ޚާއްޞަ ހާލަތްތަކުގައި، ދިވެހި ސިފައިން ކުރި އާދަޔާޚިލާފު މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ގަޑިއަށް ފަރުވާތެރިވުމާއެކު، ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ފުރިހަމައަށް އަދާކުރެއްވުމުގައި ދެމިހުންނެވުމުގެ ސަބަބުން، ސިފައިންގެ ވެރިން އިތުބާރު ކުރައްވާ ޚިދުމަތްތެރިއެއްގެ ގޮތުގައި އާދަމް އިބްރާހީމް ފާހަގަކުރެވިފައި ވެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ރިޔާސީ ގަނޑުވަރުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާއަށް 1994 ވަނަ އަހަރު އާދަމް އިބްރާހީމް ބަދަލުކުރެއްވިއެވެ. އެ ވަޒީފާގައި ހޭދަކުރެއްވި މުއްދަތުގައިވެސް، އާދަމް އިބްރާހީމް ވަނީ ފަރުވާތެރިކަމާއެކު، ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތުތަކެއްގައި ވަޒީފާގެ ޒިންމާތައް އަދާކުރައްވައިފައެވެ.

އާދަމް އިބްރާހީމް ރިޓަޔަރ ކުރައްވައިފައި ވަނީ، 1 މޭ 2008 ގައެވެ.