އަލްފާޟިލް މައިޒާން އަޙްމަދުމަނިކު
ހ. ގާދޫ

މައިޒާން އަޙްމަދުމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 ނޮވެންބަރު 1957 ގައި ވުޒާރަތުލް މާލިއްޔާގެ ކާތިބުކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ 1 ނަންބަރު ކާތިބު ކަމާއި ސެކްރެޓެރީކަން ކުރެއްވިއެވެ.

ރާއްޖޭގައި ރޭޑިއޯ މަރާމާތުކުރާ ތަނެއް، ނާދިއްތަމައްދުންގެ އޮފީހުގައި ހިންގަން ފެށުނީ، އެ ދުވަސްވަރުއެވެ. އޭރު މަސައްކަތްތައް ކުރައްވަމުން ގެންދެވީ، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ރަސްމީ އޮފީސް ކަމަށްވާ އަތިރީ މާފަންނުގޭގައެވެ. އެ ދުވަސްވަރަކީ ރާއްޖޭގައި ރޭޑިއޯ ބްރާޑްކާސްޓިންގ ފެށުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތައް ފެށުނު ދުވަސްވަރުވެސް މެއެވެ. މި ދެންނެވި މަސައްކަތްތަކުގައި އޭރު އެންމެ އިސްކޮށް އިންޖިނިއަރިންގ ދާއިރާގައި ހުންނެވި ބޭފުޅަކީ މައިޒާން އަޙްމަދުމަނިކެވެ.

11 ސެޕްޓެންބަރު 1966ގައި ރާއްޖޭގެ ބްރޯޑްކާސްޓިންގގެ މަސައްކަތްތައް ވުޒާރަތުލް މާލިއްޔާ (ބ)ގެ ދަށަށް ބަދަލުކުރެއްވުމާ ގުޅިގެން، އެތާނގެ ޗީފް ޓެކްނީޝަންގެ މަގާމަށް އަޙްމަދުމަނިކު ބަދަލުކުރެއްވިއެވެ.

ބްރޯޑްކާސްޓް ކުރުމަށް ބޭނުންވާ ތަކެތި އެ ދުވަސްވަރު ރާއްޖެއިން ބޭރުން ގެނައިއިރު، އެ ތަކެތި ގެނައި އިންޖިނޭރާ އެކީގައި އެ މަސައްކަތުގައި އަޙްމަދުމަނިކު އިސްކޮށް އުޅުއްވައިފައި ވެއެވެ. އަދި ކަނޑުގައި ދުއްވާ ރާއްޖޭގެ ބައެއް އުޅަނދުފަހަރުގައި ކޮމިއުނިކޭޝަން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތުގައްޔާއި، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ އިކުވިޕްމަންޓްތައް މެއިންޓެއިން ކުރެއްވުމުގެ މަސައްކަތުގައިވެސް އުޅުއްވައިފައި ވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ދެ ރަށެއްގައި އެންމެ ފުރަތަމަ ރޭޑިއޯ ޓެލެފޯން ބެހެއްޓިއިރު، އެ މަސައްކަތުގައްޔާއި، 10 އެޕްރީލް 1964 ގައި މުންނާރުގައި އެންމެ ފުރަތަމަ ލައުޑް ސްޕީކަރ ސިސްޓަމް ބެހެއްޓިއިރު އެކަމުގައްޔާއި، އޭގެފަހުން، ހުކުރު މިސްކިތުގެ ސައުންޑް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތުގައިވެސް އަޙްމަދުމަނިކު އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މާލޭގައި ކޮއިން ބޮކްސް، ދިވެހި ލާރިއަށް އެޖަސްޓްކޮށް، 30 އޮކްޓޫބަރު 1964 ގައި މާލޭގައި ބެހެއްޓުމުގައްޔާއި، ހުޅުލޭ އެއަރޕޯޓުގެ ކޮމިއުނިކޭޝަން ސިސްޓަމާއި، ބީކަން ސިސްޓަމް ހެދުމުގެ މަސައްކަތުގައްޔާއި، އެ ސިސްޓަމް ހިންގުމުގެ މަސައްކަތުގައިވެސް އަޙްމަދުމަނިކު ވަނީ އުޅުއްވައިފައެވެ.

އަޙްމަދުމަނިކަކީ، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގައިވެސް 8 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، އެތާނގެ ޓެކްނީޝަން ކަމާއި، އިންޖިނިއަރު ކަމާއި، ޗީފް އިންޖިނިއަރުކަން ކުރައްވައިފައި ވެއެވެ. އޭރު ކުރެއްވި މައިގަނޑު އެއް މަސައްކަތަކީ، "ބޮމްބޭ މާލޭ ލިންކް"ގެ ނަމުގައި ރާއްޖޭގައި އެންމެ ފުރަތަމަ ޓެލެކްސް ސިސްޓަމެއް ބަހައްޓައި އޮޕަރޭޓް ކުރަން ފެށުމުގެ މަސައްކަތެވެ. އޭގެއިތުރުން، ޓެލެފޯން އެކްސްޗޭންޖްގެ ކެޕޭސިޓީ އިތުރުކުރުމާއި، އެންމެ ފުރަތަމަ ރާއްޖެ ގެނައި 20 ލައިންގެ އޮޓޮމެޓިކް އެކްސްޗޭންޖް އިންސްޓޯލް ކުރުމާއި، އަތޮޅުއޮފީސްތަކުގައި ކޮމިއުނިކޭޝަން ސެޓްތައް ޤާއިމުކުރުމާއި، އޮޕަރޭޓަރުންނަށް ތަމްރީނު ދިނުމުގެ މަސައްކަތުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ އަޙްމަދުމަނިކެވެ. މި މަސައްކަތްތަކުގެ ތެރެއިން "ކޮލަމްބޯ މާލެ ލިންކް"ގެ ނަމުގައި ޔޫ.އެން.ޑީ.ޕީ. ޕްރޮޖެކްޓެއްވެސް އަޙްމަދުމަނިކު ހިންގަވައިފައި ވެއެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ސެޓަލައިޓް ކޮމިއުނިކޭޝަންގެ ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގައިވެސް އަޙްމަދު މަނިކު އުޅުއްވިއެވެ.

25 ޖުލައި 1981 ން ފެށިގެން އަޙްމަދުމަނިކު ޚިދުމަތް ކުރައްވަމުން ގެންދެވީ، ދިވެހިރާއްޖޭގެ އަޑުގައެވެ. ދިވެހިރާއްޖޭގެ އަޑުގެ ޗީފް އިންޖިނިއަރު ކަމާއި، ޑިރެކްޓަރ އޮފް އިންޖިނިއަރިންގ ކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

މި މަގާމުތަކުގައި އަޙްމަދުމަނިކު ހުންނަވައިގެން، ރާއްޖޭގެ ބްރޯޑްކާސްޓިންގ ފުޅާކުރެއްވުމާއި، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި މީޑިއާ ސެންޓަރުތައް އުފެއްދެވުމާއި، އެ ތަންތަނުން އަތޮޅުތަކަށް ޕުރޮގުރާމުތައް ފޮނުވަން ބޭނުންވާ ޓެކްނިކަލް ކަންތައްތައް ހަމަޖައްސަވައި ދެއްވައި، އެ ސެންޓަރުތައް ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދެއްވައިފައި ވެއެވެ. މީގެއިތުރުން، ރާއްޖޭގައި އަމިއްލަ ފަރާތަކުން ބްރޯޑްކާސްޓިންގ ފެށުމަށް ބޭނުންވި ހިނދު، އެކަމާބެހޭ ގަވާއިދު ހެއްދެވުމުގެ މަސައްކަތުގައްޔާއި، ލައިސަންސް ދޫކުރެއްވުމުގެ މަސައްކަތުގައިވެސް އަޙްމަދުމަނިކު އުޅުއްވައިފައި ވެއެވެ.

އަޙްމަދުމަނިކަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް އަމިއްލަފުޅުގޮތުން ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި އެ ދާއިރާގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މަސްވެރިކަމުގެ ދާއިރާއިން މަސްވެރިކަމާ ބެހޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ތަމްރީނު ދިނުމުގެ ރޮނގުން ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، 2015 ވަނަ އަހަރު އަޙްމަދުމަނިކަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ސަރުކާރުން އަރުވައިފައެވެ.

މީގެއިތުރުން، ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް އަހުލުވެރިކުރައްވައި، ޝައުޤުވެރިކުރެއްވުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކުރައްވައި، "ޔަންގް ފިޝަރޒް ކުލަބު"ގެ ނަމުގައި ކުލަބެއް ވަނީ އުފައްދަވައިފައެވެ. އަދި މި ކުލަބުން ހިންގާ ޕްރޮޖެކްޓުގެ ތެރެއިން ހުނަރުވެރިކަމާއި މަސްވެރިކަމުގެ ވެށްޓާ ގުޅުންހުރި މަޢުލޫމާތުތައް ހިމެނޭ ޕައިލެޓް ޕުރޮގުރާމެއް، މައިޒާން އަޙްމަދުމަނިކު އިސްނަންގަވައިގެން، އިހަވަންދޫ ސްކޫލްގައި މިހާރު ގެންދަވަނީ ހިންގަމުންނެވެ.

މައިޒާން އަޙްމަދުމަނިކު، 48 އަހަރާއި 8 މަހަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.